ads
އިކްރާމް ހަސަން--
އިއްޒަތްތެރިކަން ނުލިބޭނަމަ ކިޔަންވީ "ނިކަމެތި މެމްބަރު": އިކްރާމް
އިއްޒަތްތެރިކަން ނުލިބޭނަމަ އެންމެ ރަނގަޅު ގޮތަކީ "އިއްޒަތްތެރި މެމްބަރު" ކިއުމުގެ ބަދަލުގައި "ނިކަމެތި މެމްބަރު" ކިއުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމް ކުޅޭއިރު މަޖިލީހުގެ މެމްބަރުންނަށް ޓިކެޓު ވިއްކުމުގައި ހާއްސަ އިންތިޒާމުތަކެއް ނެތުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގަތް މަޖިލީހުގެ މެމްބަރުންތަކެއް ހިމެނޭ ވަޓްސް އެޕް ގްރޫޕަކަށް ކުރެއްވި މެސެޖެއްގައެވެ. 

އޭނާ ވިދާޅުވީ މެމްބަރުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ޓިކެޓް ގަންނަން ޖެހޭ ގޮތަށް އޮތުން ރަނގަޅު ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި މެމްބަރުންނަށް ރަނގަޅު ހިސާބަކުން ގޮނޑި ރިޒާވްކޮށް ވީއައިޕީ ދޮރުން ވަދެވޭނެ އިންތިޒާމް ވެސް ހަމަޖެހެން ޖެހޭ ކަަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ހަމަޖައްސައިފި ނަމަ މެމްބަރުން ބޭނުން ހިފާނެ އެވެ. އަދި އެކަމަށް މަޖިލިސް ޕްރޮޓޮކޯލް އިން އެދުމުން އެފްއޭމް ނުވަތަ މިނިސްޓްރީން އެކަން ހަމަޖައްސައިދޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.

އިކްރާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިއްޒަތް ދިނުމަށް ގަވާއިދާއި އުސޫލްތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި "އިއްޒަތްތެރިކަން ނުލިބޭނަމަ އިއްޒަތްތެރި މެމްބަރު ކިއުމުގެ ބަދަލުގައި ނިކަމެތި މެމްބަރު ކިއުން ރަނގަޅުވާނެ ކަމަށާއި އޭރުން ރައްޔިތުން އަދި މާ އުފާވާނެ އިކްރާމްގެ ވިދާޅުވިއެވެ.

އިކްރާމް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ މެމްބަރުންތަކެއް މީގެ ކުރިން ވަނީ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމް ކުޅޭއިރު ރޮސްޓްރަމް އިން ޖާގަ ނުލިބިގެންވެސް ޝަކުވާ ކުރައްވާފައެވެ. އަދި މެމްބަރުންނާ މުހާތަބުކުރާއިރު "އިއްޒަތްތެރި"އެއްގެ ލަގަބު ދީފައި މުހާތަބުކުރި ނަމަވެސް އާންމު ތަންތަނުގައި އެ އިއްޒަތް ނުލިބޭކަމަށް ބުނެ ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް