ads
ލަންކާގެ ކެޕްޓަން ސުޖަން
މިއީ މުހިއްމު، އުފާވެރި ތަޖުރިބާއެއް
ސާފް ޗެމްޕިއަންޝިޕަކީ މުހިއްމު، އަދި އެހާމެ އުފާވެރި ތަޖުރިބާއެއް ކަމަށް ސްރީ ލަންކާގެ ކެޕްޓަން، އަދި ގޯލް ކީޕަރު ސުޖަން ޕެރޭރާ ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ލަންކާގެ މެޗުތައްވަނީ ނިމިފައެވެ. ލަންކާއަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ވަރުގަދަ އިންޑިޔާ އަތުން ލިބުނު ޕޮއިންޓެކެވެ. ނޭޕާލު، ބަންގްލަދޭޝް އަދި ރާއްޖެ އަތުން ލަންކާވަނީ ބަލިވެފައެވެ. ތިން މެޗުން ބަލިވިނަމަވެސް ލަންކާއިންވަނީ ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ކުޅެފައެވެ. ކުރިން ގިނަ ދުވަސްތަކެއްވަންދެން ރާއްޖޭގައި ކުޅުނު ލަންކާގެ ގޯލްކީޕަރު ސުޖަން ބުނީ، މިއީ މުހިއްމު ތަޖުރިބާއެއް ކަމަށެވެ. އަދި މި މުބާރާތުގެ އިންތިޒާމްތަކަށް ސުޖަންވަނީ ރާއްޖެއަށް ޝުކުރު އަދާކޮށްފައެވެ.

ކުރިން ސީއެންއެމަށް ދިން އިންޓަރވިޔުއެއްގައި ސުޖަންވަނީ އޭނާ ހުރި މަގާމަށް އާދެވުނީ ރާއްޖޭން ލިބުނު ތަޖުރިބާތަކުގެ ސަބަބުން ކަމަށް ބުނެފައެވެ. ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ކުރީކޮޅާ ހަމައަށް ރާއްޖޭގައި ކުޅުނު ސުޖަންވަނީ ދެހާސް ސޯޅަ ވަނަ އަހަރުގެ ލީގުގެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް ހޯދާފައެވެ.

އަހަރެން މިހާރު މި ހުރި މަގާމަށް އާދެވުނީ ރާއްޖޭގެ ސަބަބުން. ކްލަބު އީގަލްސްއިން އަހަރެންނަށް ވަރަށް ގިނަ އެއްޗެހި ދަސްވެ، މި ހިސާބަށް އާދެވެނީ. ރާއްޖޭގައި އަހަރެން ޓްރެއިން ކުރީ އެންމެ މޮޅު ގޯލް ކީޕަރު ޓްރެއިނަރ އަސްލަމް. އަހަރެންނަށް ކޯޗުކޮށްދިން ސާންތީ އަދި މޯހަންއަކީ އިތުރު ތައާރަފެއް ބޭނުންވާ ވަރަށްވުރެ މާ މޮޅު ދެ ކޯޗުން. އަނެއް ކޮޅުން ކްލަބު އީގަސްލްއަކީ އާއިލާއެއް. މެނޭޖްމެންޓް، ކުޅުންތެރިން، އޮފިޝަލުން އެންމެންނަކީ ވަރަށް ގުޅޭ އެކުވެރި ބައެއް. އަހަރެންނަށް އިތުބާރުކޮށް، ފުރުސަތު ދިން ކަމަށްޓަކައި މުފާ އަދި އީގަލްސްގެ މެނޭޖްމެންޓަށް ޝުކުރު އަދާކުރަން. އީގަލްސްގެ އިން ކުރި އިތުބާރުން އަހަރެންނަށް ލިބުނު ހުރިހާ ކާމިޔާބެއްވެސް ލިބުނީ.

ރާއްޖެއާއި ލަންކާ، ދެހާސް އަށާރަވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕުގައި ލަނޑެއް ނުޖެހި އެއްވަރުވީ މެޗުގައި ލަންކާގެ ގޯލް ބެލެހެއްޓީވެސް ސުޖަން އެވެ. މި ފަހަރުގެ މުބާރާތުގައިވެސް ސުޖަންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ލަންކާ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. އެ މެޗުގައި ލަންކާ ކޮޅަށް ޖެހި ލަނޑަކީ ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ. ދެވަނަ މެޗުގައި ނޭޕާލު އަތުން ތިން ލަނޑު ދެ ލަނޑުން ބަލިވިއެވެ. ތިންވަނަ މެޗުގައި ލަނޑެއް ނުޖެހި އިންޑިޔާއާ އެއްވަރު ކުރިއެވެ. އަދި ފަހު މެޗުގައި ލަންކާ ބަލިވީ ރާއްޖެ އަތުން އެއް ލަނޑު ސުން ލަނޑުންނެވެ. 

58%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް