ads
2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ-- ފޮޓޯ: މަޖިލިސް
މަގޭ ރަށް ވެގެނެއް މިކަމެއް ނުވާނެ: އަސްލަމް
މަގޭ ރަށް ވެގެން، ރަށްރަށުން އެހެން ރަށްރަށުގެ މީހުންނަށް ބިން ލިބޭނެ ގޮތްގޮތް ނުހެދޭނަމަ ގެދޮރުގެ މައްސަލަ ހައްލު ނުވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގެދޮރުގެ މައްސަލައާއި ބިމުގެ މައްސަލާ އާ ގުޅޭގޮތުން ޕްލޭނިން މިނިސްޓަރު އަސްލަމް ވާހަަކަ ދެއްކެވީ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެދުހެންވޭރު ދާއިރާ މެމްބަރު އާލީ އާޒިމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ހާޒިރުކޮށް މެމްބަރު އާލީ ކުރެއްވި ސުވާލެއްގައި ވިދާޅުވީ މި ސަރުކާރުގެ ތިން އަހަރު ނިމިގެން ދިޔައިރު ބޯހިޔާވަހިކަމާ ގުޅޭ ގޮތުން މާލޭ ރައްޔިތުންނަށް މާ އުޖާލާ ވާހަކައެއް އިވިފައިނުވާ ކަމަށެވެ. އަތޮޅުތެރޭ ރަށްތަކުގެ ކަައުންސިލްތަކުން ހިލޭ ގޯތި ދޫކުރަމުން އަންނައިރު މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ނުލިބޭކަން އާޒިމް ފާހަގަކުރެއްވި އެވެ. އަދި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އުޅޭއިރު އެއީ އެންމެ އިންސާފުވެރި ގޮތްތޯ އާޒިމް ސުވާލުކުރެއްވި އެވެ. 

އޭގެ އިތުރުން އާޒިމް ވަނީ މާލޭގެ ބައެއް ރައްޔިތުން މާލޭގައި އޮންނަ ބިންކޮޅު ދޫކޮށްލުމަށް ފަހު އެހެން ރަށްރަށުން ފުރުސަތު ލިބޭކަމުގައި ވަނީ ނަމަ އެރަށްރަށަށް ބަދަލުވާން ބޭނުވާކަމަށެވެ. އެހެން ކަމުން އެކަހަލަ ވިސްނުންފުޅެއް ހުރިތޯ އާޒިމް ސުވާލުކުރެއްވި އެވެ.

އާޒިމްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ މައްސަލައަކީ މިހާތަނަށް މާލޭއަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެމައްސަލަ އަދިވެސް ދެމިއޮތް ކަަމަށެވެ. 

ގޯއްޗާއި ބިން ދޫކުރުމުގައި ބޯދާ ޒަމާނުއްސުރެ ކުރަމުން އައި ގޮތްތަކުގެ މަތީގައި ތިބޭވޭނެތޯ ސުވާލުކުރައްވައި މިނިސްޓަރު ވިދާޅުވީ ހުރިހާ ރަށެއްގައި ދިރިއުޅޭ މީހުން ވެސް ބޭނުންވަނީ އެއް ހަމައެއްގައި އެކަންތައް ވުމަށް ކަމަށެވެ. ނަމަވެސް ރަށް ފުރުނީމަ އެއްވެސް ރަށަކުން ގޯއްޗެއް ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެ މައްސަލައަށް ހައްލެއް ހޯދުމަށް އިތުރު ފްލެޓްތައް ވެސް މިހާރު އަޅަމުން އަންނަކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، ދުވަހަކުވެސް އެކަމަށް ހައްލެއް އަންނަ ތަނެއް އަދި ނުފެންނަ ކަމަށެވެ. 

ނަމަވެސް މާލޭ ނޫން ތަންތަނުގައި ދިރިއުޅުން އެއީ ކަމުދާކަމެއްކަން ގަބޫލްކުރެވޭ ހިސާބުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

"އަތޮޅުތަކުގެ އެހެން ރަށްތަކުގައި ދިވެހި ރާއްޖޭގެ ގާނޫނެއް މަނަލެއް ނުކުރޭ ދިވެއްސަކަށް ކޮންމެ ރަށަކުން ވެސް ބިމެއް ދިނުމަކަށް. އަދިި އެ އޮންނަ ހައްގުވެސް އޮވޭ. އެހެން ނަމަވެސް އެއްވެސް ރަށަކުން ނުދޭ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. 

އެގޮތުން މިނިސްޓަރު އަސްލަމް ވަނީ ސަރުކާރުން ބޭނުން ވެގެން ށ. މާފިލާފުށި ނެގުމަށް ފަހު އެރަށުގައި ގޯތި ތިބި މީހުންނަށް ބަދަލު ދިނުމަށްޓަކައި ބައެއް ރަށްރަށުން ކަނޑައެޅި ނަމަވެސް، އަދި މިހާތަނަށް ދީފައިނުވާކަން ފާހަގަކުރައްވާފައެވެ. 

ކުރިން މިނިސްޓްރީން ރަށްރަށުގެ ކައުންސިލަށް ގޯތި ދޭން އެންގުނު ނަމަވެސް މިހާރު ކައުންސިލްތަކަށް ގޯތި ދޭން މަޖުބޫރެއް ނުކުރެވޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ތަންކޮޅެއް ބޮޑަށް އެބަ ހުޅުވިލާން ޖެހޭ ކައުންސިލްތަކުން ވެސް. އެއީ ކޮންމެހެން ލާޒިމްކަމަކަށް ވެގެނެއް ނޫން. ހެޔޮ ވިސްނުމުގައި ވިސްނާފިއްޔާ އެރަށަށް ރަށުން ބޭރު ބަޔަކު ގެނައުން އެއީ އެ ރަށް ތަރައްގީވެގެން ދާނެ ކަމެއް. އެހެންކަމުން ރަށު ކައުންސިލްތަކުން އެކަންކަމަށް އެއްބާރުލުން ދިނުން އެއީ ވަރަށް "ސްޓްރޯންގް ލަފަޔަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

މާލޭގެ މީހަކު ރަށަކަށް ދާން ބޭނުން ކަމުގައި ވާނަމަ އެމީހަކަށް ގޯއްޗެއް ދިނުމަށް މިނިސްޓަރު ގޮވާލެއްވި އެވެ. އަދި މާލޭ ތަރައްގީ ކުރީ މާލޭ މީހުން ނޫން ކަމަށާއި މާލޭ ތަރައްގީވީ ރަށްރަށުން މީހުން އައިސްގެން ކަމަށް ވިދާޅުވި އެވެ. ހަމައެގޮތަށް ރަށްތައްވެސް ތަރައްގީ ވާނީ އެހެން ރަށްރަށުން އެތަނަށް މީހުން ގޮސްގެން ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. 

އަދި ރަށްރަށުން އެހެން ރަށްތަކުގެ މީހުންނަށް ގޯތި ދޫކުރުން ގާނޫނުން މަނާކޮށްފައި ނުވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް އެއްވެސް ރަށަކުން ގޯތި ނުދޭ ކަމަށާއި އަދި ދޭކަށް ބޭނުމެއް ވެސް ނުވާ ކަމަށެވެ. 

ސީދާ ރަށު މީހާ ނޫން މީހަކަށް ދޭކަށް ބޭނުމެއް ނުވޭ އެންމެ އިންޗިއެއް ވެސް. އަޅުގަނޑު މިއަހަރުތެރޭ ވަރަށް މަސައްކަތް ކުރިން ބައެއް ރަށްރަށުގެ ކައުންސިލް ތަކާއި އެކީގައި ހިއްކި ބިން. އެންމެ ކުޑަ މިންވަރުން ހިއްކި ބިމުގެ 30 ޕަސެންޓުގެ 30 ޕަސެންޓް ވިއްކަބަލާށޭ. ވިއްކާފަ އެ ލިބޭ ލާރި ވެސް ކައުންސިލަށޭ. އެކަންވެސް ކުރާކަށް ބޭނުމެއް ނުވޭ. އެހެންވީމާ ވަރަށް ޓެރިޓޯރިއަލްކޮށް އަޅުގަނޑުމެން ބިމާމެދު ވިސްނަނީ. އިންސާނުން އަބަދުވެސް ބިމާ މެދު ވިސްނަނީ ވަރަށް ޓެރިޓޯރިއަލްކޮށް. ވިސްނުން ތަންކޮޅެއް ބޮޑަށް ހުޅުވާލަން އެބަޖެހޭ. އެހާބޮޑަށް ބަންދުވެފައި. މަގޭ ރަށް ރަށް ހަމައެކަނި ވެގެން އެހެން ތިބެގެންނެއް އަޅުގަނޑުމެންނަށް މިކަމެއް ނުވާނެ. މަގޭ ރަށެއް އެކަންޔެއް ނޫން މިއީ މަގޭ ގައުމު އެކަންޔެއްވެސް ނޫން މިއީ މަގޭ ދުނިޔެ އަސްލުގައި. އެހެން ވީމަ އެގޮތަށް އެ ވިސްނުމަށް އަޅުގަނޑުމެން ގޮސްގެން ނޫން ގޮތަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން 21 ވަނަ ގަރުނުގައި އަޅުގަނޑުމެނެންނަށް ކުރިއަރައިގެން ދެވިދާނެ ކަމުގައި،" އަސްލަމް ވިދާޅުވި އެވެ.

 އަސްލަމް ވިދާޅުވީ އެއީ ދިމާވެފައިއޮތް ވަރަށް ބޮޑު "ޕޮލިސީ އިޝޫ"އެއް ކަމަށެވެ. އެކަން ހައްލުވެގެން ނޫން ގޮތަކަށް ބިމާއި ގެދޮރުގެ މައްސަލަ ހައްލުނުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް