އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތު-----
އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
Share
އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔާތުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
Advertisement

އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އިއްޔެ އެވެ. އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ. 

އެ މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާ އޭސީސީން ބުނީ، އެމްޓީސީސީ އިން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ ބިދޭސީން ރެކްރޫޓްކުރުމަށް 20 ޖުލައި 2017 ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެކުންފުނިން އެއްބަސްވުން ހަދާފައިވާ ކަމަށާއި، ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް، ބިދޭސީން ރެކްރޫޓްކުރުމަށް ހާއްސަ ޖޮބް އޯޑަރެއް ތައްޔާރުކޮށް، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އެމްޓީސީސީން ފޮނުވާފައިވާ ކަމަށެވެ. އަދި އެ ޖޮބް އޯޑަރަށް ހުއްދަ ދީފައިވަނީ އެމްޓީސީސީގެ ސީއީއޯ ގެ މަޤާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތު ކަމަށް އޭސީސީން ބުނެއެވެ.

އެ ޖޮބް އޯޑަރަކީ، 15 އެޖެންސީއަކާއެކު އެއްބަސްވުން ޤާއިމްކުރުމަށްފަހު، އެމްޓީސީސީން ތައްޔާރު ކޮށްފައިވާ ފުރަތަމަ އޯޑަރާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމާގުޅިގެން، އެ އޯޑަރު ކެންސަލް ކޮށް، ތައްޔާރުކޮށްފައިވާ ދެވަނަ އޯޑަރު ކަމަށާއި، އަދި އެއީ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު އެމްޓީސީސީ އިން ވެފައިވާ އެއްބަސްވުމާ ހިލާފަށް، އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބިދޭސީ މުވައްޒަފުން ގެނައުމަށް ހަދާފައިވާ ޚާއްޞަ އޯޑަރެއްކަމަށް އޭސީސީން ބުނެއެވެ. ހަމައެއާއެކު، އެ ދެ އެޖެންސީ ފިޔަވައި އެހެން ރެކްރޫޓްމަންޓް އެޖެންސީތަކަށް އެ ޖޮބް އޯޑަރު ފޮނުވާފައިނުވާ ކަމަށް އޭސީސީން ބުނެއެވެ. 

ފުރަތަމަ ޖޮބް އޯޑަރަށް ބަލާއިރު، އެއްބަސްވުން ހަދާފައިވާ ހުރިހާ ރެކްރޫޓްމަންޓް އެޖެންސީތަކަށް އެމް.ޓީސީސީން ފުރަތަމަ އޯޑަރު އީމެއިލްކޮށްފައި ވީނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މައުލޫމާތުތަކަށް ބިނާކޮށް އެމްޓީސީސީން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައިވަނީ، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް އޭސީސީން ބުނެއެވެ.

ދެވަނަ އޯޑަރަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ގެނައުމުގެ އުޞޫލަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން އެމްޓީސީސީއާއެކު އެއްބަސްވުން ހަދާފައިވާ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ އަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން ނުގެނެވޭނެކަމަށާއި، ނަމަވެސް، އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ ހުއްދައެއް ދީފައިވާކަމަށް އެ އޯޑަރއާގުޅޭ ހުއްދައިގެ ލިޔުމުގައި، އެމްޓީސީސީއިން ބަޔާންކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް، އެ ކޮމިޝަނުން ބެލިބެލުމުން، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ހާއްސަ ލުއިފަސޭހައެއް ދީފައި ނުވާކަން އެނގޭ ކަމަށް އެކޮމިޝަނުން ބުނެއެވެ.

"އޭގެއިތުރުން، އިސްވެ ދެންނެވުނު އެމްޓީސީސީގެ ސްޕެޝަލް ޖޮބް އޯޑަރާއި ގުޅޭ މަސައްކަތް މަޑުޖައްސާލުމަށް 30 އޮގަސްޓު 2017 ގައި މި ކޮމިޝަނުން އެމްޓީސީސީ އަށް އަންގާފައިވީނަމަވެސް، އޭގެފަހުން ވެސް ސްޕެޝަލް ޖޮބް އޯޑަރުގެ ދަށުން އެމްޓީސީސީން އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 33 ބިދޭސީން ރާއްޖެއަށް ގެނެސްފައިވާކަން ތަޙުޤީޤުން އެނގެއެވެ." އޭސީސީން ބުނެފައިވެއެވެ.

އެހެންކަމުން، ހަމައެކަނި އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެމްޓީސީސީއަށް ބިދޭސީން ގެނައުމަށް ނިންމާފައިވާ އެމްޓީސީސީގެ ސްޕެޝަލް ޖޮބް އޯޑަރަކީ އެކުންފުނީގެ ސީއީއޯގެ މަޤާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމާއި، އެކަމުގެ ސަބަބުން އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤަށް ލިބިފައިވާ މައުލޫމާތާއި ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް