ads
ގައިދީންތަކަކަށް މައުލޫމާތުދެނީ: މުޖުތަމައުއަށް ހިދުމަތް ކުރާނެ އުސޫލު ވަނީ އެކުލަވާލާލައިފައި--
ހުކުމް ކުރި އިރު މުޖުތަމައުއަށް ހިދުމަތް ކުރާނެ އުސޫލެއް ނެތް މައްސަލައެއް ފެންމަތި ވެއްޖެ
ޗެކް ބައުންސްވެގެން 960 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރަން ހުކުމްކޮށްފި
ޗެކެއް ބައުންސް ވެގެން އެ ޗެކަށް ފައިސާ ދައްކާފައިނުވާ މައްސަލައެއްގައި 960 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު ކަރެކްޝަން ސާވިސްއިން ހަދަން ޖެހޭ އެކަމާބެހޭ އުސޫލެއް ހަދާފައި ނެތް މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

މުޖުތަމައުއަށް ހިދުމަތް ކުރާނެ އުސޫލެއް ނެތް މައްސަލަ ފެންމަތިވީ ޗެކެއް ބައުންސްވެ އެ ޗެކުގައިވަ އަދަދަށް ފައިސާ ދައްކާފައިނުވާ މައްސަލައެއްގައި 960 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މުޖްތަމައުއަށް ހިދުމަތް ކުރުވުމުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތައް ކަރެކްޝަނަލް ސާވިސުން މިހާތަނަށް ހަދާފައި ނުވިނަމަވެސް އެއީ ދައުވާ ރައްދުވާ މީހާއަށް ގާނޫނުން ލިބެންޖެހޭ ލުޔެއް ނުދެވޭނެ ސަބަބެއް ނޫން ކަމަށެވެ.

އަދި އުސޫލު ހެދިފައި ނެތްނަމަވެސް، ކަރެކްޝަނަށް ގާތުން ބަލައި މޮނީޓަކުރެވޭނެ މަސައްކަތެއް އެ މީހާ ލައްވައި ކުރުވުމުން އަދަބު ތަންފީޒު ކުރެވުނީ ކަމަށް ބެލެވޭނެ ކަމަށް ވެސް ހުކުމުގައި ބުނެ އެވެ.

މުޖްތަމައުއަށް ހިދުމަތް ކުރުވުމުގެ ގޮތުން ކުނި އުކުމާއި އާންމު ފާހާނާތަކާއި އާއި މިސްކިތްތަކާއި އާންމު ތަންތަން ސާފުކުރުމުގެ މަސައްކަަތް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ އަދަބު ތަންފީޒު ކުރެވެނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އަދި ކަރެކްޝަންސް އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އެހެންނަމަވެސް ކަރެކްޝަނުން އަދިވެސް އެ އުސޫލު ހަދާފައިނުވެއެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލް ވިދާޅުވީ މުޖްތަމައުއަށް ހިދުމަތް ކުރުވުމުގެ އުސޫލު ހެދުމަށް ސުޕްރިމް ކޯޓުން އަމުރު ކުރުމާ ގުޅިގެން އެ މަސައްކަތް ކުރިކަމަށާއި އެގޮތުން ފުރަތަމަ ޑްރާފްޓް އެކުލަވާލުމަށް ފަހު ކަމާބެހޭ އިދާރާތަކަށް ފޮނުވިކަމަށެވެ.

"ފުރަތަމަ ޑްރާފްޓް އެކުލަވާލާފައި ކަމާބެހޭ ފަރާތްތަކުގެ ކޮމެންޓަށް ފޮނުވައިގެން ލިބުުނު އިރު އިތުރަށް ތަފްސީލްކޮށް އެ އުސޫލު ހެދުމަށް މަޝްވަރާދީފައިވާތީ އެ މަސައްކަތް ނިންމާ މިހާރުވަނީ ދެވަނަ ޑްރާފްޓަށް ކޮމެންޓް ހޯދުމަށް ކަމާބޭ ފަރާތްތަކުގައި ދަންނަވާފައި،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ދެވަނަ ޑްރާފްޓް ކަމާބެހޭ އިދާރާތަކަށް ފޮނުވިތާ ކިހާ ދުވަހެއްވެއްޖެތޯ އާއި އަދި އެ  އުސޫލު ނިންމާ އަމަލުކުރަން ފެށޭނީ ކިހާތާކުތޯ އެހުމުން އޭނާ ވިދާޅުވީ މީޑިއާއަށް މިވަގުތު ހިއްސާކުރެވެން ހުރި މައުލޫމާތު މި އެރުވުނީ ކަމަށެވެ.

މުޖުތަމައުއަށް ހިދުމަތް ކުރާނެ އުސޫލެއް ނެތް މައްސަލައެއް ފެންމަތިވީ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން ދޫކުރި 180،000 ރުފިޔާގެ ޗެކެއް ބޭންކަށް ހުށަހެޅުމުން އެ އެކައުންޓްގައި ފައިސާ ނެތްކަމަށް ބޭންކުން އެންގުމުން، އެފައިސާ ދިނުމަށް އަންގާ، ގާނޫނުގައި ބުނެފައިވާ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައިނުވާތީ އުފުލާފައިވާ މަކަރާ ހީލަތް ހެދުމުގެ ދައުވާއެއްކޮށް އެ ދައުވާ ޗެކްދިން މީހާގެ މައްޗަށް ސާބިތުވެ ހުކުމް ކުރުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގައި ވަނީ އޭނާގެ މައްޗަށް އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާ، އެ ޖަލުހުކުމް 960 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމަށް އަދި 38،400 ރުފިޔާއިން ޖުރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކުރާކަމަށެވެ. އަދި މި ފައިސާ ފަސް މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ހުކުމް ކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް