ads
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ
ފެހި ގާނޫނު އަސާސީއަށް 13 އަހަރު، ހައްގުތައް ކަށަވަރުވެއްޖެތަ؟
2008 ވަނަ އަހަރުގެ ގާނޫނު އަސާސީގައި ސާފު އިބާރާތުން އިސްލާމްދީން އެއީ ކޯޓުތަކުން ހުކުމް ކުރުމުގައި ގާނޫނީ އަސްލެއްގެ ގޮތުގައި ބަލައިގެން ގާއިމުކޮށްފައި ވެއެވެ. ދުނިޔޭގެ އެހެން ހުރިހާ އިސްލާމީ ގައުމެއްގެ ގާނޫނު އަސާސީ ތަކުގައިވެސް އިސްލާމްދީނަށް ހާއްސަ މަގާމެއް، އެ ޤައުމުތަކުން ލިއްބައިދީފައި ވެއެވެ.

އިސްލާމީ ޤައުމުތައް މި ގޮތުން 3 ގުރޫޕަކަށް ބެހިގެން ދެއެވެ. ފުރަތަމަ ގުރޫޕުގައި ހިމެނޭ، ބަހުރެއިންގެ އަދި ކުވެއިތްގެ ޤާނޫނު އަސާސީގައި އިސްލާމްދީނަކީ، ޤާނޫނީ މަސްދަރުތަކުގެ ތެރެއިން އެއް މަސްދަރު ކަމުގައި ކަނޑައަޅާފައި ވެއެވެ. ދެވަނަ ގުރޫޕުގައި ހިމެނޭ، މިސްރު، ލީބިއާ، އޮމާން، ޤަތަރު، ސީރިއާ، އަދި ޔުނައިޓެޑް އެރަބް އެމިރެޓްސް ގެ ޤާނޫނު އަސާސީގައި އިސްލާމްދީނަކީ އެ ޤައުމުގެ ޤާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމުގައި ބަލައިގަނެ ކަނޑައަޅާފައި ވެއެވެ. ތިންވަނަ ގުރޫޕުގައި ހިމެނޭ، އިރާޤު އަދި މޮރޮކޯގެ ޤާނޫނު އަސާސީގައިވެސް ބުނެފައިވަނީ، އެމީހުން ހަދާ އެއްވެސް ޤާނޫނެއް އިސްލާމްދީނާ ތަޢާރުޟުވެގެން ނުވާނެ ކަމަށެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީގައި ވަނީ ފުރަތަމަ އަދި ތިން ވަނަ ގުރޫޕުގައި ހިމެނޭ ޤައުމުތަކުގައި ޢަމަލުކުރަމުންދާ ޤާނޫނު އަސާސީގައި ހިމެނޭ ސިފަތެކެވެ. އެއީ އިސްލާމްދީނަކީ، ޤާނޫނީ މަސްދަރުތަކުގެ ތެރެއިން އެއް މަސްދަރުކަމުގައި ވެފައި، އަޅުގަނޑުމެން ހަދާ އެއްވެސް ޤާނޫނެއް އިސްލާމްދީނާއި، ތަޢާރުޟުވެގެން ނުވާނޭ ބުނާ ސިފަތަކެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީއަށް ބަލާއިރު، ފާހަގަ ކުރެވޭ އެއް ކަމަކީ، ބައެއް ހައްޤުތަކާއި މިނިވަންކަން ލިއްބައިދީފައިވަނީ ކޮންމެ ރައްޔިތަކަކަށް ކަމެވެ. ނަމަވެސް އަނެއް ހައްޤުތަކާއި، މިނިވަންކަން ލިބިފައިވަނީ، ކޮންމެ މީހަކަށް ނުވަތަ "އެވްރީ ޕާރސަން" އަށް ކަން އެނގެއެވެ.

މިސާލަކަށް؛ ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ، އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހުރަސް އަޅާ، ހުއްޓުވައިގެން ނުވާނެއެވެ. އަދި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއި އެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ހައްޤެއް ކަމުގައި ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފަ އެވެ.

ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ގިނަ ހައްޤުތަކާއި، މިނިވަން ކަމަކީ، ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤުތަކާއި މިނިވަން ކަމެވެ. އެކަން ޤާނުނު އަސާސީގެ 17 ވަނަ މާއްދާއަށް ބެލުމުން އެނގެ އެވެ.

your image3 ޖުލައި 2020، މާލެ، ރޭޕް އަދި ޖިންސީ އަނިޔާތަކާ ދެކޮޅަށް ވޮއިސް އޮފް ޗިލްޑްރަން އިން އިސްނަގައިގެން ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ؛ ވަން އޮންލައިން

" މި ބާބުގައި ބަޔާންކޮށްފައިވާ ހައްޤުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް ގޮތަކުން ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. މި ޙައްޤުތަކާއި، މިނިވަންކަން ލިބުމުގައި އެ މީހެއްގެ ނަސްލަކަށް، ނުވަތަ އުފަންވީ، ޤައުމަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ، އާއިލާއަށް ނުވަތަ އުފަންރަށަށް ނުވަތަ މި ނޫންވެސް ކަމަކަށް ބަލައި ތަފާތު ކޮށްގެންނުވާނެ އެވެ."

މި މާއްދާއަށް ވިސްނާލާއިރު، ދިވެހި ރާއްޖޭގައި މި ހައްޤުތައް ކަށަވަރު ކޮށްދިނުމުގައި، Men and Citizen ވެސް ހިމަނާފައިވާކަން ނުވަތަ، ހުރިހާ މީހުންނަށް ވެސް ލިއްބައި ދީފައިވާކަން އެނގެއެވެ.

ނަމަވެސް މިއާއި ޚިލާފަށް، ސިޔާސީ ޕާޓީ ތަކުގެ މެންބަރުންނަށް ވުމުގެ ހައްޤާއި، އިންތިޙާބު ތަކުގައި ކުރިމަތިލުމުގެ ހައްޤާއި، ވަޒަންވެރިވުމާއި، ގޯތި ގެދޮރުގެ ހައްޤާއި، ވަޒަންވެރި ވުމުގެ ހައްޤަކީ، ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްޤުތަކެއް ކަން، ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފަ އެވެ.

1932 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އައިއިރު، 87 އަހަރު މި ވަނީ ފާއިތުވެގެން ގޮސްފަ އެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ދުސްތޫރު ގެނެވުނީ 1932 ވަނަ އަހަރު ކަމަށްވާތީ، އެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްޤުތަކާއި، އޭގެ 87 އަހަރުން ފަހުން، މިއަދު އަޅުގަނޑުމެން ޢަމަލު ކުރަމުން މި އަންނަ ޤާނޫނު އަސާސީން އިތުރަށް ލިއްބައިދީފައިވާ ހައްޤުތަކަކީ ކޮބައިތޯ ބަލައިލުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ.

އެގޮތުން، "1932 ގައި އުފެދުނު ޤާނޫނު އަސާސީއާއި، 2008 ވަނަ އަހަރު އުފެދުނު ޤާނޫނޫ އަސާސީގެ ތެރެއިން ، އިންސާނީ ހައްޤުތައް އެންމެ ބޮޑަށް ގެނެސްފައިވަނީ، ކޮން ޤާނޫނު އަސާސީއަކުން؟" މި މައުޟޫއަށް، އަލްފާޟިލް، މުޙައްމަދު އަޝްފާހު ލިޔުއްވާފައިވާ ލިޔުމެއްގައި ގެނެސްދީފައިވާ މައުލޫމާތު ކޮޅެއް، އަޅުގަނޑުގެ ލިޔުމުގައި ހިމަނާލާނަމެވެ.

your imageރިލްވާން ގެއްލުނުތާ 4 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އޭނާގެ އާއިލާއިން ބޭއްވި ހިނގާލުމުގެ ތެރެއިން؛ ފޮޓޯ: އަވަސް 

މި ހައްގުތަކަކީ، ޔުނިވާރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގައިވެސް ބަޔާންކޮށްފައިވާ ހައްގު ތަކެވެ. އެގޮތުން، ދިރިހުރުމުގެ ހައްޤާއި، މިނިވަންކަމާއި އެކު ދިރިއުޅުމުގެ ހައްގާއި، ލާއިންސާނީ އަދި ރަހުމުކުޑަ ޢަމަލު ހިންގުން މަނާކުރުމާއި، ޤާނޫނުގައިވާ ގޮތުގެ މަތިން މެނުވީ މީހުން ހިފައި ހައްޔަރު ނުކުރުމާއި، އިންސާފުވެރި ކަމާއި އެކު ޝަރީއަތް ކުރުމާއި، އެއްވެސް މީހަކު ތަފާތު ނުކުރުމާއި، އަމިއްލަވަންތަކަމާއި، ތިމާގެ އަމިއްލަ މިލްކިއްޔާތަށް ރައްކާތެރިވުމާއި، ޚިލާޔުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ކަރާމާތްތެރިކަމުގެ ހައްޤާއި، ކޮންމެ މީހަކަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ލިބުމާއި، އަޅުވެތި ނުކުރުމާއި، ނުޙައްޤުން އެއްވެސް ކަމެއް ނުކުރުމާއި، ގާނޫނު ކުރިމަތީ އެންމެންވެސް ހަމަހަމަ ވުމާއި، ތިމާގެ ހައްގު ހޯދުމުގެ ހައްޤު ތިމާއަށް ލިބުމާއި، އުނގެނުމާއި، އުނގަންނައިދިނުމުގެ ހައްޤަކީ، 1932 ވަނަ އަހަރު ޤާނޫނު އަސާސީންވެސް ލިއްބައިދީފައިވާ ހައްޤު ތަކެކެވެ.

މި ހައްޤުތަކާއި މިނިވަންކަން އިތުރަށް ފުޅާވެ، 2008 ވަނަ އަހަރު ގެނެވުނު ޤާނޫނު އަސާސީގައި ވަކި ހާއްޞަ ބާބެއް އެކަމަށް މިހާރު ވަނީ ކަނޑަ އަޅާފައެވެ. ނަމަވެސް މިއަދުގެ ހާލަތަށް ނަޒަރުކުރާ އިރުވެސް މި ފެންނަނީ، ހައްގުތައް ހަނިވެގެން، ނުވަތަ ހައްގުތައް ނުލިބިގެން، މަގުތަކަށް ނިކުމެ، އެމީހުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާ މަންޒަރެވެ.

your image"އިންސާފު ކޮބާ" މި ނަމުގައި އިދިކޮޅުން ބޭއްވި ހިނގާލުން

"އެހެންކަމާއި އެކުގައިމެ، ރަނގަޅު ޤާނޫނުއަސާސީއެއް އޮތުމަކީ ދައުލަތެއް ކާމިޔާބު ވުމުގެ ގެރެންޓީއެއް ނޫނެވެ. ދައުލަތް ހަރުދަނާ ވުމަށް ޓަކައި، ހަރުދަނާ ދުސްތޫރީ ނިޒާމަކީ ޟަރޫރީ، އެކަމަކު ހަމައެކަނި އެއިން ނުފުދޭ އެއްޗެކެވެ. ކިތަންމެ ރަނގަޅު ޤާނޫނުއަސާސީއެއް އޮތް ކަމުގައި ވިޔަސް، އެ ޤާނޫނުއަސާސީ ހިންގާން ތިބީ ތެދުވެރިކަމެއް، އިހްލާސްތެރިކަމެއް، ނަޒާހަތްތެރިކަމެއް، ހިކުމަތްތެރިކަމެއް، އިޙުސާންތެރިކަމެއް ނެތް ބަޔަކު ކަމުގައި ވެއްޖައިމުން، އެ ޤާނޫނުއަސާސީ ފޭލި ވެގެން ދާނީ، އެންމެ ނުރަނގަޅު ޤާނޫނު އަސާސީ ތަކެކޭ އެއްފަދައިންނެވެ. އިންޑިޔާގެ މަޝްހޫރު ދުސްތޫރީ އިލްމުވެރިޔާ އަދި ޖުރިސްޓް ޑރ. ބީމާރާއޯ ރާމްޖީ އަމްބެދްކަރް މި ވާހަކަ އިންޑިޔާގެ ކޮންސްޓިޓުއެންޓް އެސެމްބްލީގައި ދެއްވި ފަހު ތަގުރީރުގައި، 25 ނޮވެންބަރު 1949 ގައި، ވިދާޅުވެފައި ވެއެވެ. "ޤާނޫނުއަސާސީއެއް ކިތަންމެ ފުރިހަމަކޮށް ލިޔެފައި އޮތަސް، އެ ޤާނޫނުއަސާސީ ތަންފީޛު ކޮށް ތަތުބީގު ކުރާން ތިބޭ މީހުން ގޯސް ވެއްޖެ ނަމަ، އެ ޤާނޫނުއަސާސީ ފެނިގެން ދާނީ ގޯސް އެއްޗެއްގެ ގޮތުގައެވެ. އަދި ޤާނޫނުއަސާސީއެއް ކިތަންމެ ގޯސްކޮށް ލިޔެފައި އޮތަސް، އެ ގާނޫނުއަސާސީ ތަންފީޒު ކޮށް ތަތުބީގު ކުރާން ތިބޭ މީހުންނަކީ ހެޔޮ އަދި ރަނގަޅު ބައެއް ކަމުގައި ވެއްޖެ ނަމަ، އެ ގާނޫނުއަސާސީ ފެންނާނީ ރަނގަޅު އެއްޗެއްގެ ގޮތުގައެވެ."

އަލްއުސްތާޛު އަޙުމަދު މާޖިދު ލިޔުއްވާފައިވާ މި ލިޔުމަށް ބަލާއިރު، ކޮންމެ ދުސްތޫރެއްވެސް ފުރިހަމަ ގޮތުގައި ހިންގުމަށްޓަކައި، ތެދުވެރި، އިހްލާސްތެރި ބަޔަކު ބޭނުންވެއެވެ. ހައްގުތަކާއި، މިނިވަން ކަމުގެ ބާބުގައި ކިތަންމެ ގިނަ ވާހަކަތަކެއް ލިޔެވިފައިވީ ނަމަވެސް، އެކަން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ވާސިލްވާނީ، މުޅި ދުސްތޫރީ ނިޒާމުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިހްލާސްތެރި މަސައްކަތުންކަން ޔަގީނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް