ads
އައްމަޓީއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ސަން
ކޮންމެ ދުވަހަކު ކަރެކްޝަންސް އަށް ހާޒިރުވުމަށް ޝަރުތުކޮށް އަންމަޓީ ދޫކޮށްލައިފި
ހުޅުމާލޭގައި ފްލެޓް އަޅައިދޭން ބުނެ ގިނަ ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ އަތުލި މައްސަލާގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) މައްޗަށް މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

އައްމަޓީ ބަންދުން ދޫކޮށްލި ނަމަވެސް ޕާސްޕޯޓު ހިފަހައްޓަފައި އޮތުމުން އޭނާއަށް ބޭރަށް ފުރައިގެން ނުދެވޭނެ އެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ދައްތައަކާއި އަންހެން ކޮއްކޮއަކު ޖާމިނުކޮށް ޝަރުތުތަކަކާ އެކު އެވެ. ހެކިންނަށް ނުފޫޒު ނުފޯރުވުމަށާއި، ރަށުން ބޭރަށް ނުދިއުމަށާއި، އަދި ކޮންމެ ދުވަހަކު ހެނދުނު 9:30 އަށް ކަރެކްޝަންސަށް ހާޒިރުވުމަށް އޭނާ އަށް ޝަރުތު ކޮށްފައިވެ އެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް ދައުލަތުން ކުރެއެވެ. އެއީ ހިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދައުވާއަކާއި، ހިޔާނާތްތެރިވުމުގެ ކުށުގެ 25 ދައުވާއެއްގެ އިތުރުން ހިޔާނާތްތެރިވުމުގެ ކުށުގެ ފަސް ދައުވާއެކެވެ.

މި ހުރިހާ ދައުވާތައް ދައުލަތުން އިއްވާ ނިންމާލެވިފައި ވަނީ ދެ އަޑުއެހުމަކުން ނެވެ. އެކަމަށްޓަކައި ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި އިއްވާފައިވަނީ 20 ދައުވާއެކެވެ.

އެ ހުރިޙާ ދައުވާތަކަށްވެސް އޭނާ އެދުވަހު ވަނީ އިންކާރު ކޮށްފައެވެ. 

އޭގަފަހުން ބާކީ އޮތް އަޑުއެހުންތައް އިއްވުމަށް މިމަހުގެ 13 ވަނަދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާތައް އިއްވާ ނިންމާލުމުން އެ ހުރިހާ ދައުވާތަކަށްވެސް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ. 

އޭނާގެ މައްޗަށް ދައުލަތުން ކުރާ މި 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.  

އައްމަޓީގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް ހެދުމަށް 200 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީއެވެ. 

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރަން ފޮނުވައި، އޭނާ ބަންދުގައި ބަހެއްޓީ ހެއްކަށް ނުފޫޒު ފޯރުވާނެކަމަށާއި، މުޖުތަމައަށް ނުރައްކާވާ ކަމަށް ބުނެއެވެ. ނަމަވެސް މާލެއިން ފުރައިގެން ނުދިއުމަށް ޝަރުތުކޮށް ކްރިމިނަލް ކޯޓުން ޖޫން މަހުގެ 17ވަނަ ދުވަހު ވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

އެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން އަންމަޓީއަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް ނިންމާ އޭނާ ހައްޔަރުކުރުމަށް ދައުލަތުގެ މައްޗަށް ހައިކޯޓުން އަމުރު ނެރުނެވެ.

އެ އަމުރުގެ ދަށުން ބަންދުގައި ހުރި އަންމަޓީގެ ބަންދު ރިވިއު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލާޒިމްކުރާތީ، ދައުލަތުން މިފަހުން ކުރިމިނަލް ކޯޓަށް ހުށަހެޅަމުން އިތުރު ޝަރުތަކެއް މަތިކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އައްމަޓީ އެދިފައި ވެއެވެ. އެގޮތުން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ނުވަތަ ކަފާލާތުގެ ދަށުން މީހަކު ޖާމިނުވެގެން ދޫކޮށްދިނުމަށް ވެސް އޭނާ އެދިފައި ވެއެވެ.

އޭގަފަހުން އޮތް ބަންދުގެ މުރާޖާ އަޑުއެހުމުގައި ވެސް އައްމަޓީވަނީ އޭނާގެ ދަރިން ޖާމިނުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް ކޯޓުން ނިންމީ އައްމަޓީއަކީ ވަލު ދޮރާއަށިންވެސް ފިލާފާނެ މީހަކަށްވާތީ އޭނާ ދޫ ނުކޮށްލެވޭނެ ކަމަށެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށް ފަހު، ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް އުފުލައި އޭނާ ބަންދުކުރީ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނުނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކުރަން ޖެހޭތީ އެންމެ ފަހުން ބޭއްވި އަންމަޓީގެ ބަންދު އަޑުއެހުމުގައި އޭނާ އެދިފައި ވަނީ ނުފިލާނެކަން ކަށަވަރު ކުރެވޭ ފިޔަވަޅުތަކެއް އަޅާފައި ދޫކޮށްލާށެވެ. ނަމަވެސް، އޭނާ ފިލާފާނެ ކަމަށް ގަބޫލު ކުރެވޭތީ އެކަމަށް ދައުލަތުން މީގެ ކުރިން ދެކޮޅު ހެދީ އެވެ.

އައްމަޓީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ތަހުގީގަށް ހާޒިރު ނުވެ ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. އޭނާ ހޯދަން 2019 ވަނަ އަހަރު އިންޓަޕޮލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ލަންކާގެ ފުލުހުން އޭނާ މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރުމުން ޖެހިގެން އައި މާޗް މަހު ދިވެހި ފުލުހުން ވަނީ އެ ގައުމަށް ގޮސް އޭނާ ރާއްޖެ ގެނެސްފަ އެވެ.

އަންމަޓީ ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ އުޅުނީ ފިލައިގެންނެއް ނޫނެވެ. ލަންކާގައި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން ކަމަށް ބުންޏެވެ.

ސީ ލައިފުން ފައިސާ އަނބުރާ ނުދިނުމުގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް ބަދަލުދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން، ފައިސާގެ ބަދަލުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ކޯޓުން ބޭރުގައި މައްސަލަ ވަނީ ނިންމައިފަ އެވެ.

އައްމަޓީ މިއަދު ދޫކޮށްލި އިރު، ސީ ލައިފަށް ފައިސާ ދެއްކި މީހުންނަށް ހުޅުމާލެ ވިނަރެސް އެޕާޓްމެންޓް ގަތުމަށް ރޭ ވަނީ ހުޅުވާލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް