ads
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުގައި ތިބި ފަރާތްތައް
ނަސީދަށް ދިން ހަމަލާ: ތިން މީހަކު ދައުވާއަށް އިންކާރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ އުފުލާފައިވާ ތިން މީހަކު އެ ދައުވާ އަށް އިންކާރުކޮށްފިއެވެ.

ދައުވާއަށް އިންކާރުކޮށްފައިވަނީ،  ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމެވެ. މި ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާ ތަކަށް އިންކާރުކޮށްފައިވާތީ، ދިފާއީ ހެކި ހުށަހަޅަން ޝަރީއަތުން ވަނީ 15 ދުވަހުގެ މުއްދަތެއް އެމީހުންނަށް ދީފައެވެ. 

ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ ނިރުބަވެރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ގޮވާ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

ނާޒިމްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވި ކަމުގެ ކުށުގެ ދައުވާއެވެ. ފަހުމީ އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކުށުގެ ދައުވާއެވެ.

ރައީސް ނަޝީދަށް ދިން މި ހަމަލާއާއި ގުޅިގެން ޖުމްލަ ހަތް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އެ ހަތް މީހުންނަކީ, ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދާއި, ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމާއި, ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާ, އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގެވެ. 

މި މައްސަލައިގައި ތުހުމަތުކުރެވޭ ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމާއި، އެފަދަ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމާއި އަދި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.

މުޖާޒުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

މިހާތަނަށް އައި އިރު ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއް އެކުލަވާލައިގެން ކުރިއަށް ދަނީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން އިސްކޮށް ބައިވެރިވެ ބޮން ގޮއްވާލި ރިމޯޓް ބޭނުން ކުރި އަހުމަދު އަދުހަމްއެވެ. އޭނާގެ އަޑުއެހުންތައް ގެންދަނީ ސިއްރުންނެވެ.

މި މައްސަލަ ބައްލަވަނީ ތިން ގާޒީންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ގާޒީ އާދަމް މުހައްމަދެވެ. ދެން ތިއްބެވީ ގާޒީ މުހައްމަދު މިސްބާހްއާއި، ގާޒީ ސޮފްއަތު ހަބީބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް