ads
މިއަދު ޕީޕީއެމްގެ ހިނގާލުން ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު
މިނިވަންކަމުގެ ދިފާއުގައި ދިވެހީން: މިއަދު ޕީޕީއެމް އިން މަގުމައްޗަށް ނުކުންނަނީ
"މިނިވަންކަމުގެ ދިފާޢުގައި ދިވެހީން" މި ނަމުގައި ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދު މާލޭގެ މަގުތަކަށް ނުކުންނަން ތައްޔާރުވެފައިވާކަމަށް ބުނެފިއެވެ.

ހިނގާލުން ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ. އެޕާޓީން ބުނާގޮތުން ހިނގާލުން ފަށާނީ އެޕާޓީގެ މައިއޮފީސް ކުރިމަތިންނެވެ. 

ހިނގާލުމުގެ މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިފަދަ ހިނގާލުމެއް އިންތިޒާމުކުރަން ޖެހުނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެތައް ކަމެއް ސަރުކާރުން ކުރަމުންދާތީ ، އެކަމާ ރައްޔިތުން ނުރުހޭކަން ދެއްކުމަށްޓަކައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ މި ސުލްހަވެރި ހިނގާލުން ވެގެންދާނީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށްޓަކައި މި ސަރުކާރުން ކުރަމުން މިގެންދާ ކަންތައްތައް ހުއްޓުވުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

މިއަދު މިއެއްވުން ބާއްވާއިރު ޕީޕީއެމް އިން ދަނީ އިންޑިޔާގެ ނުފޫޒު ރާއްޖޭގައި ގަދަވަމުން ދާކަމަށް ބުނެ ފާޅުގައި އިންޑިޔާ އާދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އިންޑިޔާ އިން ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަމުން ދާކަމަށްވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ޕީޕީއެމް އިން ޕެޓިޝަނެއްގައިވެސް ސޮއިކުރަމުން އެބަގެންދެ އެވެ. 

މިނިވަންކަމުގެ ދިފާއުގެ ކެމްޕޭނަކީ ޕީޕީއެމް އިން މިދިޔަ ސެޕްޓެމްބަރު މަހު އިއުލާން ކުރި ކެމްޕޭނެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް