ads
2016 ވަނަ އަހަރު އޮތް އަޑުއެހުމަކަށްފަހު އަބުރާ ޖަލަށް——ފޮޓޯ:ސަން
ޝަރީއަތް ދިގުލައިގެންގޮސް ހެކިބަސް ދޭންވީއިރު ކަންވީގޮތް ހެކިވެރިޔާގެ ހަނދާނުގައި ނެތް!
ހ.ހަންޑްރެޑް ފްލާވާސްގޭ ކައިރިން ޖައިލަމް އަހްމަދު ޝާކިރަށް ހަމަލާދީ މަރާލި މައްސަލާގައި ހެކިބަސް ނެނގުމަށް އަޑުއެހުން ބޭއްވިއިރު މައްސަލައަށް ހަ އަހަރު ވެފައިވާތީ ގިނަ ކަންކަން ހަނދާނުގައި ނެތްކަމަށް ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ އޮފިސަރު ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި ހުންނަ، ހ. ހަންޑްރެޑް ފްލާވާސްގޭ މަރާލާފައިވަނީ 2015ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދީއެވެ.

އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ.

ދައުލަތުން ދައުވާ އުފުލާފައިވަނީ: 

  1. ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދު
  2. ވ. ސިނަމާލެ އިސްމާއިލް އަނީގު
  3. ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން
  4. ގއ.ވިލިނގިލީ، ފިޔަޖަހާގެ، މުހައްމަދު ހުމައިދުގެ މައްޗަށެވެ. 

އަނީގުއާއި ހުމައިދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާއިރު، ނަސީބާއި އިރުފާނުގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މިމައްސަލާގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ފަސް ހެކިވެރިންގެ ހެކިބަސް އަދިވެސް އޮތީ ނުނެގިއެވެ.

ހެކިވެރިންގެ ހެކިބަސް ނެނގުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ހެކި ބަސް ނެނގިފައިވަނީ އެންމެ މީހެއްގެ އެވެ. 

އެއީ އެމައްސަލާގައި އޭރު ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި އޮފިސަރުގެ ހެކިބަހެވެ. 

އޭނާ ތައްޔާރުކުރި ރިޕޯޓު ހެކިވެރިއާގެ އިތުރަށް ދިފާއީ ވަކީލުންނާ ހިއްސާކޮށްފައިވެއެވެ.

ދައުލަތުގެ ފަރާތުން ހެކިދޭ ހެކިވެރިއެއްގެ ހައިސިއްޔަތުން އޮފިސަރު ހެކިބަސް ދެމުން ބުނެފައިވަނީ އޭނާއަކީ އެ ރިޕޯޓު ތައްޔާރުކުރި މީހާ ކަމަށާއި، ރިޕޯޓަށް އެއްވެސް އުނިއިތުރެއް ގެނެސްފައިނުވާ ކަމަށެވެ. 

އޮފިސަރު ވިދާޅުވީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް ދިޔައީ ދަރުބާރުގޭ ކުރިމަތީ އޮންނަ ގޯޅީގައި މާރާމާރީއެއް ހިނގައިގެން މީހަކަށް ޒަހްމުވެ އޭޑީކޭއަށް ގެންގޮސްފައިވާތީ އެތަނަށް ދިއުމަށް ކޮމާންޑު ސެންޓަރުން އެންގުމުން ކަމަށާއި، އެތަނަށް ދިއުމުން ޖައިލަމް އޮތް ކޮޓަރިއަށް އެއްވެސް އޮފިސަރަކަށް ނުވަދެވޭނެކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.

އިރުކޮޅެއް ފަހުން ޑޮކްޓަރު ނުކުމެވަޑައިގެން ޖައިލަމަށް ވަރަށް ގިނަ އަނިޔާވެފައިވާ ކަމަށާއި އޭނާ މަރުވެއްޖެ ކަމަށް ބުނެ އެތެރެއަށް ވަނުމަށް ހުއްދަދިން ކަމަށް އޮފިސަރު ވިދާޅުވިއެވެ.

ދެން އެ މައްސަލާގައި ޖައިލަމަށް ލިބުނު އަނިޔާތަކުގެ ތަފުސީލު ހިއްސާކުރުމަށް އޮފިސަރު ރިޕޯޓު ބަލައިގެން ކިޔައިދޭން ފެށުމުން ދިފާއީ ވަކީލުން އެކަމަށް އިއުތިރާޒުކުރާތީ ގާޒީ ވަނީ އެކަން ހުއްޓުވާފައެވެ.

އެއާއެކު އޮފިސަރު ވިދާޅުވެފައިވަނީ އެ ކަމަކީ 2015 ވަނަ އަހަރު ހިނގި ކަމެއް ކަމުގައިވާތީ އާއި މައްސަލައަށް ގިނަ ދުވަސްތަކެއް ވެފައިވާތީ ހުރިހާ ތަފުސީލުތައް ހަދާން ނެތް ކަމަށެވެ.

ދިފާޢީ ވަކީލުންގެ ފަރާތުން ކުރި ގިނަ ސުވާލުތަކެއްގެ ޖަވާބުގައިވެސް އޮފިސަރު ވިދާޅުވެފައިވަނީ އެކަން ހިނގީ ކުރިން ކަމުގައިވާތީ މިހާރު ހަނދާން ނެތްކަމަށާއި، ނަމަވެސް އެ ރިޕޯޓަކީ އޭނާ ލިޔުނު ރިޕޯޓެއް ކަމަށެވެ. އަދި ރިޕޯޓުގައި ހުރީ އޭނާއަށް ފެނިފައިވާ ކަންކަމުގެ ސައްހަ ތަފްސީލް ކަމަށް އޭނާ ޔަގީންކަންދެއެވެ.

އޭނާގެ ހެކިބަހަށްފަހު އިތުރު ހެކިވެރިޔެއްްގެ ހެކި ބަހެއް ނުނެގި އިއްޔެގެ އަޑުއެހުން ވަނީ އިންޓަނެޓު ކެނޑުމާއި ގުޅިގެން ނިންމާލާފައެވެ. އަދި އަޑުއެހުން މިހާރު ވަނީ އަނެއްކާވެސް ފަސްކޮށްފައެވެ.

މައްސަލައަށް ހަ އަހަރު ގާޒީ ވަނީ އިސްތިއުފާދީފައި

އިއްޔެގެ އަޑުއެހުން ފައްޓަވަމުން މިހާރު އެ މައްސަލަ ބައްލަވާ ގާޒީ ޞޮފްވަތު ހަބީބު ވިދާޅުވީ އެ މައްސަލަ ކުރިން ބެއްލެވި ޤާޒީ އިސްތިއުފާދެއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ ޤާޒީ ބެއްލެވި މައްސަލަތައް މިހާރުވަނީ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބަހާފައި ކަމަށް ވިދާޅުވިއެވެ.

އިއްޔެގެ އަޑުއެހުމުގައި ދިފާއީ ވަކީލު އަލީ ސައީދު ވަނީ އެ ޝަރީއަތުގައި އޭނާގެ މުވައްކިލުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގައި ކަމަށާއި، އޭގެ ފަހުން މިހާރު ހަ އަހަރުވެފައިވާ ކަމަށެވެ.

ވަކީލު ވިދާޅުވީ ޤާނޫނު އަސާސީގައި ބުނެފައިވަނީ ޖިނާއީ ދައުވާއެއް މީހެއްގެ މައްޗަށް އުފުލިއްޖެނަމަ އެ ދައުވާއެއް އަވަހަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އަދި އޭނާގެ މުވައްކިލުން ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ކަމުގައި ފާހަގަކުރައްވަމުން ވަކީލު ވިދާޅުވީ މި މައްސަލާގައި ބަންދު މުރާޖައާ ކުރުމަށް އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. 

އެކަމާ ގުޅިގެން މާޗު މަހުގައި ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާތީ އެ ސިޓީގައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާމެދު ގޮތެއް ނިންމަވައިދެއްވުން އެދިވަޑައިގަންނަވާކަމަށް ވަކީލު ވިދާޅުވިއެވެ. 

އެވާހަކަތަކާއި ގުޅިގެން ގާޒީ ވިދާޅުވީ އެ މައްސަލަތައް އަވަސްކުރެވޭނީ ފަނޑިޔާރުންނާއި ދައުލަތާއި ދިފާއީ ވަކީލުންވެސް ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި، ޝަރީއަތް އަވަހަށް ކުރިއަށް ގެންދެވުމުގެ ގޮތުން ހުދޫދެއްގެ ތެރެއިން ދައުލަތަށް ފުރުސަތު ދެއްވުމާއެކު، އަޑުއެހުންތަކުގެ ތާވަލެއް އެކުލަވައިލައްވައި ވަކީލުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

21%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް