ads
ހުޅަނގުގެ 10 ސަފީރުން ބޭރު ކުރަން ރައީސް ރަޖަބް ތައްޔިބް އުރުދުއާން ވަނީ އަމުރުކޮށްފައި- ފޮޓޯ: ރޮއިޓާސް
ހުޅަނގުގެ ގައުމުތަކުގެ 10 އެމްބަސަޑަރުން ތުރުކީން ބޭރުކުރަން އުރުދުއާން އަމުރުކޮށްފި
ހުޅަނގުގެ ގައުމުތަކުގެ 10 އެމްބަސަޑަރުން ތުރުކީން ބޭރުކުރުމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުއާން އަމުރުކޮށްފި އެވެ.

އެމެރިކާ، ޖަރުމަނު، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، ނެދަލޭންޑް، ނިއުޒިލޭންޑް، ނޯވޭ އަދި ސްވެޑެންގެ ސަފީރުން ވަނީ ވިޔަފާރިވެރިޔާ އަދި އިންސާނިއްޔަތަށް ހޭދަކުރާ މީހެއް ކަމަށް ބުނާ އޮސްމާން ކަވާލާ މިނިވަން ކުރަން ގޮވާލާފަ އެވެ. 

ކަވާލާ މިނިވަން ކުރަން ގޮވާލުމުން ރައީސް އުރުދުއާން ވަނީ ހުޅަނގަށް ނިސްބަތްވާ އެ 10 ގައުމުގެ އެމްބަސަޑަރުން ބޭރުކުރަން އަމުރުކޮށްފަ އެވެ. 

އުރުދުއާން ވިދާޅުވީ ފޮރިން މިނިސްޓަރަށް އެ 10 އެމްބަސަޑަރުންނަކީ "ޕާސަނާ ނޮން ގްރާޓާ" ޑިކްލެއާ ކުރަން އަމުރުކޮށްފައިވާ ކަމަށެވެ. "ޕާސަނާ ނޮން ގްރާޓާ" އަކީ ޑިޕްލޮމެސީގައި ބަދަލެއް ގެނައުމުގެ ތެރެއިން ބޭރުކުރުމުގެ ކުރިން އޮންނަ ފުރަތަމަ މަރުހަލާއަށް ސިފަކުރުމަށް ބޭނުންކުރާ ލަފްޒެކެވެ. ނަމަވެސް ސަފީރުން ގައުމުދޫކޮށް ދާންޖެހޭ ތާރީހެއް ދީފައެއް ނުވެއެވެ. 

ދެހާސް ސަތާރަ ވަނަ އަހަރު ކަވާލާ މައްޗަށް ދައުވާ ކޮށްފައިވަނީ އެގައުމުގެ އެކި ހިސާބުތަކުގައި މުޒާހަރާތަކަށް 2013 ވަނަ އަހަރު ހަރަދު ކުރުމާއި 2016 ވަނަ އަހަރު ނާކާމިޔާބުވި ބަގާވަތުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކޮށެވެ. ނަމަވެސް އޭނާ އެހުރިހާ ދައުވާތަކަށް އިންކާރު ކުރެއެވެ. 

"އެމީހުންނަށް ތުރުކީ އެނގެން ޖެހޭ، އަދި އިނގެން ވާނެ ތުރުކީ." އުރުދުއާން ފާހަގަކުރެއްވި އެވެ. ސަފީރުންގެ އަމަލުތައް ހުރީ "ހަޑި ހުތުރު ގޮތަކަށް" ކަމަށް ތުހުމަތު ކުރެއްވި އެވެ.

"އެމީހުންނަށް ތުރުކީ ނޭނގޭ ދުވަހު އެމީހުން މިތަން ދޫކޮށް ދާން ޖެހޭނެ" އުރުދުއާން ވިދާޅުވި އެވެ.

އެ 10 ގައުމުގެ ސަފީރުން ވަނީ ހޯމަ ދުވަހު އާދަޔާ ހިލާފު ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ. ކަވާލާ އަދިވެސް ބަންދުގައި ބެހެއްޓުމަކީ "ތުރުކީގެ މައްޗަށް އެޅިފައިވާ ހިޔަންޏެއް"ގެ ގޮތުގައި ބަޔާނުގައި ސިފަކޮށްފައި ވެއެވެ.  

އެމެރިކާ، ޖަރުމަނު، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، ނެދަލޭންޑް، ނިއުޒިލޭންޑް، ނޯވޭ އަދި ސްވެޑެން އިން ވަނީ ކަވާލާގެ ޝަރީއަތް އަވަސް ކުރުމަށް ގޮވާލާފަ އެވެ. 

ނިމިދިޔަ ހަފްތާގައި ޖަލުގައި ހުރެގެން އޭއެފްޕީއަށް ދިން އިންޓަވިއު އެއްގައި ކަވާލާ ބުނީ އޭނާ ދެކޭގޮތުގައި އޭނާ އަކީ، ރައީސް އުރުދުއާން އާ ދެކޮޅަށް މީހުން ތެދުވުމަކީ ބޭރުގެ ގައުމުތަކުގެ ނުފޫޒު ކަމަށް ދެއްކުމަށް ބޭނުންކުރާ އާލާތެއް ކަމަށެވެ. 

ޔޫރަޕުގެ އިންސާނީ ހައްގުތައް މޮނީޓާ ކުރާ "ކައުންސިލް އޮފް ޔޫރަޕް" އިން ވަނީ 2019 ވަނަ އަހަރު ޔޫރަޕިއަން ކޯޓުން ކަވާލާ މިނިވަން ކުރަން އަމުރުކޮށްފައި ވީ ނަމަވެސް، އަދިވެސް އޭނާ މިނިވަންކޮށްފައި ނުވާތީ ތުރުކީއަށް އެންމެ ފަހުގެ އިންޒާރުދީފައެވެ. 

ނޮވެމްބަރު މަހުގައި އޮންނަ އެކައުންސިލް ބައްދަލުވުމުގެ ކުރިން ތުރުކީން އޭނާ މިނިވަން ނުކޮށްފި ނަމަ ތުރުކީއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަރުހަލާ ފެށޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް