ads
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޑީއާރުޕީގެ ވެރިކަމެއްގަ ކޮންމެ މީހަކަށް އެއްލައްކަ ޑޮލަރުގެ ކްރެޑިޓް ކާޑެއް ދޭނަން: ޖާބިރު
ޑީއާރުޕީގެ ވެރިކަމެއްގައި ކޮންމެ މީހަކަށް އެއް ލައްކަ ޑޮލަރު ކްރެޑިޓް ކާޑެއް ލިބޭނެކަމަށް، އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފޮރިން ސާވިސް ބިލުގެ ބަހުސްގައި، ޖާބިރު ވިދާޅުވީ ރާއްޖޭގެ ކަންކަން ބައްޓަން ކުރެވިފައި އޮތީ ވިޔަފާރިތަކަށް ގެއްލުން ލިބޭ ގޮތަށް ކަމަށެވެ. 

ޖާބިރު ގަބޫލު ކުރައްވާ ގޮތުގައި، ދިވެހި އަމިއްލަ ވިޔަފާރިތައް އުފައްދައި އެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން މަސައްކަތް ކޮށްދޭން ޖެހެއެވެ. އެ ގޮތުން ޑީއާރުޕީގެ ސަރުކާރެއްގައި ކޮންމެ މީހަކަށް ވެސް އެއް ލައްކަ އެމެރިކާ ޑޮލަރުގެ ކާޑެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ،. 

މީގެ ކުރިންވެސް ޖާބިރު ވަނީ، ޑީއާރުޕީގެ ވެރިކަމެއްގައި ކުރައްވާނެ އެތައް ކަމެއްގެ ވާހަކަ މަޖިލީހުގައި ދައްކަވާފައެވެ. 

އެގޮތުން، އެ ޕާޓީގެ ވެރިކަމެއްްގައި ރާއްޖޭގައި ޖަލުތަކެއްް ނުހުންނާނެކަމަށާއި، ރާއްޖެއަކީ ސުލްހަވެރި އަމާން ގައުމެއްކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރާއްޖޭގައި ޖަލުތަކެއް ހުރުމުގެ މާ ބޮޑު ބޭނުމެއް އޮތްތޯވެސް ޖާބިރު ވަނީ ސުވާލު އުފައްދަވާފައެވެ. 

ޖާބިރު ވިދާޅުވީ ޖަލުތަކުގެ ބަދަލުގައި ރާއްޖޭގައި ހިންގަންވީ ރިހެބިލިޓޭޝަން ސެންޓަރުތައް ކަމަށެވެ. އަދި ޖަލުތަކުގައި ތިބި މީހުން ދޫކޮށްލުމަށް ވެސް ޖާބިރު ގޮވައިލިއެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ޖަލުތަކުގައި ތިބި މީހުން ރިހެބިލިޓޭޓްކުރުމަށް ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރާނެކަމަށް ވައުދުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު ވެރިކަން ލިބިފައި އޮތް އިރު ވެސް ވައުދު ނުފުއްދެނީ ކީއްވެތޯ އޭނާ ސުވާލުކުރެއްވިއެވެ. 

އަންނަ ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓުގައި ޖާބިރު ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ގޮތުގެ ނަމޫނާގައި ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ޖާބިރު ފުރަތަމަ ވާދަކުރެއްވީ އެމްޑީޕީގެ ޕްރައިމަރީގައެވެ. ޕްރައިމަރީން ނާކާމިޔާބުވުމުން، އޭރު ގާނޫނު އޮތް ގޮތުން، އޭނާއަށް ވާދަކުރުމުގެ ފުރުސަތު ބަންދުވިއެވެ. އެކަމަކު ސުޕްރީމް ކޯޓަށް ވަޑައިގަނެ، ކުރެއްވި މަސައްކަތާއި ބަހުސްތަކުން، އެއީ ގާނޫނު އަސާސީއާ ޚިލާފު ގާނޫނީ މާއްދާއެއް ކަމުގައި ކަނޑައެޅުނެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވައިގެން އެމްޑީޕީގެ ކެންޑިޑޭޓް ބަލިކޮށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް