ads
ކްރިމިނަލް ކޯޓު----
ރޭޕް ކުރުމުގެ ކުށުގައި މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ރޭޕްކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ފިރިހެނަކު 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުން އުފުލި ރޭޕުކުރުމުގެ ދައުވާގައި ކުށް ސާބިތުވެ ޖަލަށް ލާން ހުކުމް ކުރީ، ގދ. ތިނަދޫ، ނިއުލައިފް، ޝެހެޒާދު އަބްދުލްއަޒީޒުގެ މައްޗަށެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުގެ އަސާސީގެ 42 ވަނަ މާއްދާ އާއި ޖިންސީކުށުގެ ޤާނޫނުގެ 58 މާއްދާ އަށް ރިޢާޔަތްކޮށް އެ ހާދިސާގެ ތަފްސީލު ކޯޓުން ވަނީ ސިއްރުކޮށްފައެވެ. 

އެ ގާނޫނުގައި ބުނާގޮތުން ރުހުމާއި ނުލާ ޖިންސީ ގުޅުން ހިންގުން ހިމެނޭ ކުށާގުޅޭ ޝަރީއަތުގެ މަޖިލީހަކީ އަމަލުގެ ޝިކާރައަކަށްވި މީހާއަކީ ކާކުކަން ހާމަނުވާފަދައިން ސިއްރުކުރަން ޖެހޭ މަޖިލިސްތަކެކެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ޝެހެޒާދުގެ މައްޗަށް ދައުލަތުން އުފުލި ރޭޕްކުރުމުގެ ކުށުގެ ދައުވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާގެ މައްޗަށް އިއްވީ 15  އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނާ ތަހުގީގު މަރުހަލާގައި ބަންދުގައި 50 ދުވަސް ހޭދަކޮށްފައިވާތީ އެހެންކަމުން ހުކުމުން އެ މުއްދަތު ވަނީ އުނިކޮށްފަ އެވެ. 

އެ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 14 އަހަރާއި 10 މަހާއި 10 ދުވަހެވެ. 

މީގެ އިތުރުން ޝެހެޒާދުގެ މައްޗަށް ދައުލުތުން  ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާވެސް ކޮށްފައެވެ. ނަމަވެސް މި ދަޢުވާއަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. 

އަދި މިއަދު ކޯޓުން ކުރި ހުކުމުގައި ވަނީ ދައުވާއަށް އޭނާ އިންކާރުކޮށްފައިވާތީއާއި، ދައުވާ ސާބިތުކުރުމަށް ދަޢުލަތުން ހުށަހެޅި ހެކި ޤަރީނާތަކުން، ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާތީ، އެ ދައުވާ ޝަރީއަތަށް ސާބިތުނުވާކަމަށް ކަނޑައަޅާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް