ads
އަޒޫ އަދި ސައީދު---
އަޒޫ ގެއްލިދާނެތީ އެއްވެސް ބިރެއް ނުގަނޭ، ބަނދެގެނެއްވެސް ނުގެންގުޅެވޭނެ: ސައީދު
ފިލްމީ ދާއިރާއިން މަޝްހޫރު ދެމަފިރިންގެ ވާހަކަދައްކާނަމަ އަޒޫއާއި ސައީދުއަކީ މިސާލެކެވެ.

ކައިވެންޏަކަށްފަހު ދަރިއަކު ލިބުމާއި ހަމައިން ފިލްމީދާއިރާއާއި އަޒޫ ދުރުގައި އުޅުނު ނަމަވެސް މިހާރުވެެސް މަދުމަދުން ނަމަވެސް ފިލްމުތަކުން ފެންނަ އަޒޫ އާއި ސައީދުގެ ލޯބީގެ ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ.

މިދެމަފިރިން ބައިސްކޯފުގެ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ވަނީ ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ހިއްސާކޮށްފައެވެ.

އެކަކު އަނެކަކާއި ސުވާލުކުރާ ގޮތަށް ކުރިއަށްދިޔަ އެ ޝޯގައި ސައީދު ކައިރީ "އަޒޫ ގެއްލިދާނެހެން ހީވި ވަގުތެއް އާތޯ އަދި މިހާރު ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ހުރީތީ ބުނެލާނީ ކީކޭތޯ؟" އެހުމުން ސައީދު ބުނެފައިވަނީ އެއްވެސް އިރެއްގައި އަޒޫ ގެއްލިދާނެ ކަމުގެ ބިރެއް ނެތް ކަމަށެވެ. 

އެއީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ބުނީ އަބަދުވެސް ގަބޫލުކުރާ އެއްކަމެއް އިންނަކަމަށެވެ. އެއީ ބަދެގެންވެސް އެއްވެސް މީހަކު ނުގެންގުޅެވޭނެ ކަމާއި، ހުންނަން ބޭނުންވާ މީހަކު ހުންނާނެ ކަމެވެ. އެހެންކަމުން ހިފަހައްޓައިގެން އުޅުނަސް ދާންހުރި މީހަކު ދާނެ ކަމަށް އޭނާ ބުނެއެވެ.  

ސައީދު ބުނީ އަޒޫ އެކަމާ ވަރަށް ޝަކުވާވެސް ކުރާނެ ކަމަށެވެ. އަޒޫ ބުނީ ރަށްޓެހިވެގެން އުޅުނުއިރުވެސް "ދިޔަޔަސް އޯކޭ" ކަމަށް ސައީދު ބުނާކަމަށެވެ. ނަމަވެސް ގެއްލިދާނެތީ ވަރަށް ގުޅާލާ ދައްކާލި ދުވަސްވަރެއްވެސް އާ ކަމަށެވެ.

ސައީދު ގަބޫލުކުރާގޮތުގައި ދެމީހެއްގެ ގުޅުން ވަރަށް ކުޑަކުޑަކަމަކުންވެސް ކެނޑިގެން ހިނގާދާނެއެވެ. ނަމަވެސް ދެމީހުން ވަކިވާނެ ނުވަތަ ގުޅުން ރޫޅިގެން ހިނގައިދާނެއޭ ހިތަށްނާރާ ކަމަށާއި އެފަދަ ކަންކަމާއި ދެމީހުންވެސް ނުވިސްނާ ކަމަށް ސައީދު ބުނެއެވެ. އަދި ދެމީހުންވެސް ހަމައެކަނި ވިސްނަނީ ގުޅުން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާއިމެދު ކަމަށާއި ދެމީހުންގެ މުސްތަގުބޮލާއިމެދު ކަމަށް އަޒޫވެސް ބުންޏެވެ. 

އަޒޫ އާއި ސައީދު ބުނީ ދެމީހުންގެ ދެމެދުގައި ކުދިކުދި މައްސަލަތައް ޖެހުނު ނަމަވެސް ހައްލުނުވާވަރު މައްސަލައެއް ނުޖެހޭ ކަމަށެވެ. އަދި ދެމީހުންނަށް ވާހަކަދައްކައިގެން ހައްލުނުކުރެވޭނެ މައްސަލައެއް ދިމާ ނުވާކަމަށްވެސް އެދެމަފިރިން ބުނެއެވެ. މީގެ އިތުރުން ވާހަކަނުދެއްކި ގުޅުން ކެނޑިގެންދާ ހިސާބަށް ނުދާނެކަމަށްވެސް އެދެމަފިރިން ބުނެއެވެ. 

އަޒޫއަކީ ހަޔާތުގެ ބައިވެރިއަކަށް އަންބެއްގެ ގޮތުންވެސް އަދި ދަރިއެެއްގެ މަންމައެއްގެ ގޮތުންވެސް މީހަކަށް ލިބޭނެ އެންމެ “ޕާފެކްޓް” މީހާ ކަމަށް ސައީދު ގަބޫލުކުރެއެވެ. އަދި ދިރިއުޅުމުގެ ކަންކަމާއި އޭނައަށް ކޮށްދެންޖެހޭ ކަންކަމުގެ އިތުރުން މަސައްކަތުގެ މާހައުލުވެސް އަޒޫ މެނޭޖް ކުރާލެއް ފުރިހަމަ ކަމުގެ ވާހަކައިން އަޒޫއަށް ސައީދު ވަނީ ތައުރީފުކޮށްފައެވެ. 

މިދެމަފިރިންގެ ކައިވެންޏަށް މިހާރު ހަތަރު އަހަރު ވެފައިވާއިރު މިދެމަފިރިންގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.  

މިހާރު ލޯބި ލޯބި ރައިޝާއަށް ދެ އަހަރު ވެފައިވާއިރު، އަޒޫއާއި ސައީދުގެ ގިނަ ވަގުތުތައް ހޭދަކުރާތަން ފެންނަނީ ދަރިފުޅާއިއެކުއެވެ. ހާއްސަކޮށް އަޒޫގެ ހުރިހާ ވަގުތެއްހެން ހޭދަކުރާތަން ފެންނަނީ ދަރިފުޅާއިއެކުއެވެ. އަޒޫގެ ސޯޝަލް މީޑިއާގެ ސްޓޯރީތަކުންވެސް މުޅިންހެން ފެންނަނީ ދަރިފުޅާއިއެކު ވަގުތު ހޭދަކުރާ މަންޒަރުތަކެވެ. ނޫނީ ދަރިފުޅުގެ ކިޔުޓް ވީޑިއޯއެއް ނުފެންނަ ދުވަހެއް ނުދެއެވެ. 

އަޒޫވަނީ ދަރިފުޅު ލިބުމާއިއެކު ފިލްމީ ދާއިރާއިންވެސް ބްރޭކެއް ނަގާފައެވެ. އަދި މިހާރު ހުރިހާ ވަގުތެއްވެސް ފޯކަސް ކުރަން ބޭނުންވަނީ ދަރިފުޅަށް ކަމަށް އަޒޫ ވަނީ މީގެ ކުރިންވެސް ބުނެފައެވެ. 

އެހެންނަމަވެސް ފިލްމީ ދާއިރާއާއި ދުރަށް ނުދާ ކަމަށާއި ރަނގަޅު އޮފާއެއް ލިބިއްޖެނަމަ އަދިވެސް ފެންނާނެ ކަމަށް އަޒޫ ވަނީ ބުނެފައެވެ. މިވަގުތައް އަޒޫ ދަނީ “ޕާފެކްޓް މޯމް” އެއްގެ ރޯލް އަމިއްލަ ދިރިއުޅުމުގައި އަދާކުރަމުންނެވެ. 

64%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް