ads
ރަށްތަކަށް ފޮނުވުމަށް ގެނައި އެމްބިއުލާންސްތައް
20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި
ރަށްރަށަށް ބެނުންވާ އެމްބިއުލާންސްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން 20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.

މިއީ މިދިޔަ ޖޫންމަހު އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯއަށް ހަވާލުކުރި އެމްބިއުލަންސްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓްގެ ތެރެއިން ގެނައި އެމްބިއުލާންސްތަކެކެވެ. .

ސަރުކާރުން ވިދާޅުވީ މިފަހަރު އެމްބިއުލާންސްތައް ފޮނުވާފައިވަނީ އެންމެ ބޮޑަށް އެމްބިއުލާންސް ނެތުމުގެ ދަތިކަން ކުރިމަތިވާ ރަށްތަކުގެ ތެރެއިން 20 ރަށަށްކަމަށެވެ.

އެމްބިއުލަންސް ފޮނުވި ރަށްތައް:

  • އއ.ތޮއްޑޫ
  • ފ.ބިލެއްދޫ
  • ތ. ގާދިއްފުށި
  • ތ.މަޑިފުށި
  • ގއ. ގެމަނަފުށި
  • ކ.މާމެންދޫ
  • އދ.ދަނގެތި
  • ކ.ހުރާ
  • ބ.ކުޑަރިކިލު
  • ބ.ތުޅާދޫ
  • ޅ.ކުރެންދޫ
  • ރ.އިނގުރައިދޫ
  • ނ.މިލަދޫ
  • ނ.ހެނބަދޫ
  • ށ.މަރޮށި
  • ށ.ފޯކައިދޫ
  • ހދ.ނޮޅިވަރަން
  • ހދ.މަކުނުދޫ
  • ހއ.އުލިގަމު
  • ހއ.ފިއްލަދޫ

ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސްއެއް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ސަރުކާރުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ގެންނާނެކަމަށެވެ. އަދި ދެން ހުރި އެމްބިއުލާންސްތައްވެސް ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމް ވިދާޅުވީ އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ

އެމްބިއުލާންސްތައް ގެނެސް، އަތޮޅުތަކުގައި ޚިދުމަތް ދޭން ފެށުމުން، ކާރިޘާގެ ވަގުތުތަކުގައިއާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެކަމަށްވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. 

ޖަޕާނުގެ އެހީގައި އޮކްޓޫބަރު 2019 ގައި 25 އެމްބިއުލަންސް ރާއްޖެ ގެނައެވެ. އޭރު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލަންސް ހަމަވެފައިވާކަން ސަރުކާރުން އިއުލާން ކުރި އެވެ. އޭގެ ފަހުން މި އަހަރުގެ މާޗް މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައި ވަނީ މި އަހަރުގެ ޖޫން މަސް ތެރޭ، ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލަންސް ހަމަވާނެ ކަމަށެވެ.

މިދިޔަ ޖޫން މަހު ހެލްތު މިނިސްޓްރީން ވަނީ ރަށްރަށަށް ބޭނުންވާ 96 އެމްބިއުލަންސް ގެނައުމަށް އެސްޓިއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް