ads
ދަރިވަރުންތަކެއް ހެނދުނުގެ ނާސްތާގައި، ފޮޓޯ: ވަގުތު އިމޭޖަސް
ނާސްތާ ޕްރޮގްރާމު ހަރުދަނާކޮށް އަލުން ފަށަނީ
ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް ހަރުދަނާކޮށް އަންނަ އަހަރު އަލުން ފެށުމަށް ބަޖެޓުގައި ހިމަނައިފިއެވެ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސްކޫލްތަކުގައި ކިޔަވާ ހުރިހާ ކުދިންނަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާ ކުދިންނަށް ހެދުމަށް ސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް އަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ވަނީ ހަމަ ޖައްސާފައެވެ. އަދި ނާސްތާގެ ކަންކަމަށް ބަޖެޓުން 135 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމުގައި 46،259 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. 

ކުދިންނަށް ނާސްތާ ދިނުމަށް 2019 ވަނަ އަހަރުގެ ބަޖެޓުގައި 123 މިލިއަން ރުފިޔާ ހިމެނިއެވެ.

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. ޖުމްލަ ދިހަ މެނުއޭއް ވަނީ ތައްޔާރު ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވެ، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ނާސްތާ ޕްރޮގްރާމު އަލުން ފަށަން ނިންމާފައިވާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް އަންނަ އަހަރަށް 4.1 ބިލިއަން ރުފިޔާ ބަޖެޓްގައި ހިމަނުއްވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ މިއީ މިހާތަނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް އެއް އަހަރެއްގެ ތެރޭ އެންމެ ބޮޑަށް ޚަރަދުކުރަން ރާވާފައިވާ ފަހަރު ކަމަށެވެ.

ތައުލީމީ ދާއިރާއަށް އުމްރާނީ ގޮތުންނާއި، ޓީޗަރުންގެ ނިސްބަތުންނާއި، ވަސީލަތްތަކުގެ ގޮތުން މި ބަޖެޓުގެ ތެރެއިން ކުރިއަށްވުރެ ފަހިވެގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް 2022 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ ކަމަށެވެ.

އޭގެ އިތުރުން މިކަމުގެ ތެރެއިން 31 ރަށެއްގެ ސްކޫލު އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ އާ ތިން ސްކޫލު ހިމެނެ އެވެ.

އަދި ހަމަ އެއާއެކު  ކުދިންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކޮށް، ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތަކަށް ހައްލު ހޯދުމުގެ ގޮތުން، 2022 ވަނަ އަހަރު 400 އަށްވުރެ ގިނަ އާ ޓީޗަރުން ނެގުމަށް ވެސް ވަނީ ބަޖެޓުން ޖާގަ ދީފައެވެ. އަދި ހުރިހާ ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމަށް ފުރުސަތު ދިނުމުގެ ގޮތުން މިސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް މިއަންނަ އަހަރު ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް