ads
ސީއައިޓީއެމް ލޯގޯ---
ސީއައިޓީއެމް އަށް ދީފައިވާ ކިޔަވައިދިނުމުގެ ހުއްދަތައް ބާތިލް ކޮށްފި
ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އަށް ހުއްދަ ދީފައިވާ ހުރިހާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކަށް ދީފައިވާ ހުއްދަތައް މިއަދުން ފެށިގެން ބާތިލް ކޮށްފި ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ(އެމްކިއުއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ކުރިޔަށް ގެންދާ އެމް.ކިޔު.އޭ އިން ހުއްދަދީފައިވާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކާ ގުޅިގެން ތިރީގައިވާ މައްސަލަތައް ވަނީ ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ސީ.އައި.ޓީ.އެމް އިން ކުރިޔަށް ގެންދާ އެމް.ކިޔު.އޭ އިން ހުއްދަދީފައިވާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުތު ހަމަނުވާ ބައެއް ދަރިވަރުން ވެއްދުމާއި،
ބެޗްތައް ނިންމުމަށް ފަހު ސަނަދު ދޫކުރުމުގެ ކުރިން މި އޮތޯރިޓީއަށް ހުށަހަޅަން ޖެހޭ މަޢުލޫމާތުތަކާއި ލިޔުންތައް ބަރާބަރަށް ހުށަނާޅައި ސުޕަވިޝަން މަރުހަލާ ފުރިހަމަ ނުކުރުން ހިމެނެއެވެ.
އޭގެ އިތުރުން ސުޕަވިޝަން މަރުހަލާ ފުރިހަމަނުކޮށް ސަނަދު ދޫކުރުމުގެ ހުއްދަ އެ އޮތޯރިޓީން ދިނުމުގެ ކުރިން ބައެއް ދަރިވަރުންނަށް ސަނަދު ދިނުމާއި، ސީ.އައި.ޓީ.އެމް އިން ކުރިއަށް ގެންދާ އެމް.ކިޔު.އޭ އިން ހުއްދަދީފައިވާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރާ ދަރިވަރުންނަށް އެ އޮތޯރިޓީން ސަނަދު ދިނުމުގެ ހުއްދަ ދިން ނަމަވެސް، ސަނަދު ދޫ ނުކުރުމާއި ސަނަދު ދިނުން ލަސްވުން ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
2014 ވަނަ އަހަރުން ފެށިގެން މި އޮތޯރިޓީއަށް ހުށަހަޅަން ޖެހޭ ބިފޯރ ކޮމެންސިންގ ފޯމް' ހުށަހަޅަމުން އައިސްފައި ނުވާކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.

މި މައްސަލަ މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށް ހުށަހެޅި، ބޯޑުގެ 2021 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ، ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އަށް ހިންގުމުގެ ހުއްދަދީފައިވާ ހުރިހާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކަށް ދީފައިވާ ހުއްދަތައް ބާޠިލުކޮށް، އެ މަރުކަޒު ބްލެކްލިސްޓް' ކުރުމަށެވެ. މިގޮތަށް ނިންމާފައިވާއިރު މިހާރު
ސީ.އައި.ޓީ.އެމް އިން ހިންގަމުން ގެންދާ ބެޗްތައް ނިންމުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ދަރިވަރުންނަށް ސަނަދު ދޫކުރުމުގެ ކުރިން ސީ.އައި.ޓީ.އެމް އިން އެ އޮތޯރިޓީއަށް މިހާރު ހުށަހަޅަންޖެހިފައިވާ ސުޕަވިޝަން އާ ގުޅުންހުރި ލިޔުންތައް، އެ އޮތޯރިޓީ ގެ އެޑްވައިޒަރީ ބޯޑު ގެ ނިންމުމާ އެއްގޮތަށް، މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ހުށަހެޅުމަށް މިހާރު ސީ.އައި.ޓީ.އެމް އަށް ވާނީ ލިޔުމުން އަންގާފައި ކަމަށްވެސް އެމްކިއުއޭއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް