ޖޭއެސްސީގެ މެމްބަރުންތަކެއް
އެޖެންޑާ 19 އިން ޖޭއެސްސީއަށް ފަރުވާއެއް ދެވޭނެތަ؟
Share
ދައުލަތުގެ ތަންފީޒީ ބާރުގެ އެންމެ މަތީވެރިއެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި މިވަގުތު ހުންނެވީ އެމްޑީޕީ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.
Advertisement

ރައްޔިތުންގެ ކުރިމައްޗަށް އެމްޑީޕީން ނުކުމެ ވިއްކި އެޖެންޑާ 19 އެމްޑީޕީގެ ވެބްސައިޓްގައި އަދިވެސް ފެންނާން އެބައޮތެވެ. އެޖެންޑާ 19 ގެ 105 ވަނަ ސަފުހާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ބެހޭގޮތުން ލިޔެފައި އޮންނަނީ އަންނަނިވި ފަދައިންނެވެ.

"އެމްޑީޕީން ހުށަހަޅަނީ ފަނޑިޔާރުންނަށް ފާރަވެރިވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލެހެއްޓުމަށް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށާއި، އެކުލަވާލާ ގޮތަށް ބަދަލު ގެނައުމެވެ. ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި ތައައްސުބުން އެއްކިބާވެފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ޤާއިމުކުރުމެވެ."

ޖުޑީޝަލް ސާވިސް ކޮމިޝަންގެ އޮނިގަނޑަށް ބަދަލެއް ގެނެވޭނީ ގާނޫނު އަސާސީއަށް ބޮޑު އިސްލާހެއް ގެނެސްގެންކަމަށްވާއިރު، ގާނޫނު އަސާސީއަށް އެއިސްލާހު ގެނައުމަކާ ނުލައި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް އެމްޑީޕީގެ މަޖިލީހުން ކުއްލިއަކަށް އިސްލާހެއް ގެނައީ އޮޅިގެންނެއް ނޫނެވެ. މަޖިލީހުގެ ނިންމުމާއި ނިޔަތް ވަރަށް ސާފެވެ. ތިމަންމެން މިތިބީ އެޖެންޑާ 19 ގައި އޮތް އެއްޗެއް ބަލައިގެން އެޔާ އެއްގޮތަށް ކުރިޔަށްދާކަށް ނޫން ކަމަށް ފެނެ އެވެ.

މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ބަޔަކު ކަނޑައެޅިގެން ނުވާނެކަމަށް އެޖެންޑާ 19 ގައި ބަޔާންކޮށްފައި އޮންނަނީ ވަރަށް ސާފުސީދާކޮށްނެވެ. ނަމަވެސް އެޖެންޑާ 19 އާ އެއްގޮތަށް ޖޭއެސްސީ ބަދަލުވާން ވެއްޖެނަމަ، ޖޭއެސްސީގައި ހަމަ ޔަގީނުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހިސާން ޙުސައިނާއި، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މެންބަރު މަސްތޫރު ޙުސްނީ އާއި މިއިން އެއްވެސް ސިޔާސީ ބޭފުޅަކަށް ނުތިއްބެވޭނެއެވެ.

ޖޭއެސްސީގެ ނިންމުންތައް އެއްވެސް ކޯޓަކުން ނުބެލޭނެކަމަށް ޤާނޫނުގައި ކަނޑައަޅައި ބަޔާން ކުރަންވާނެކަމަށް އެޖެންޑާ 19 ގައި ބަޔާން ކޮށްފައިވެއެވެ. ނަމަވެސް އެމްޑީޕީގެ ޕާލަމެންޓުން ފާސްކުރި ޖޭއެސްސީ ޤާނޫނުގެ އިސްލާޙްގައިވަނީ ތިން މަރުޙަލާގެ ތިން ކޯޓުން ފަނޑިޔާރުން ނަގައި، މުޅިން އައު ބާވަތެއްގެ ފަނޑިޔާރުގެއެއް ހަދައި، ޖޭއެސްސީން ނިންމާ ވަކި މައްސަލަތަކެއްގެ ޚުޞޫމަތަށް ފައިސާލާކުރާނެ ކޯޓެއް އުފައްދާފައެވެ.

މީގެ ދެ މަސް ދުވަސް ކުރިން ސަރުކާރުން ބުނި ވާހަކައެއް ތަކުރާރު ކޮށްލާނަމެވެ.  ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި ރަނގަޅު ދިރާސާއެއްގެ މައްޗަށް އެ ކޮމިޝަންގެ އެކުލެވުން ބަދަލު ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

އެޖެންޑާ 19 ބުނާގޮތުން ޖޭއެސްސީގައި ތިބެންވާނީ އާންމުންގެ މީހުންނެވެ. އެކަން ކުރަނީ ދައުލަތުގެ ބާރުތަކުން އައްޔަންކޮށްގެން ކަމަށްވާނަމަ މިހާރު މިއޮތް ސަރުކާރާއެކު ޔަގީނުން ވެސް ޖޭއެސްސީއަށް މުޅީންވެސް އަންނާނީ އެމްޑީޕީ ފިކުރުގެ ޢާންމުންނެވެ. އެކަން ކުރަނީ އިންތިހާބު ކޮށްގެންކަމަށްވާނަމަ، ރާއްޖޭގައި އެންމެ ފަހުން ބޭއްވުނު ދެ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު އިންތިޚާބުކުރެވޭނީ ވެސް އެމްޑީޕީ ފިކުރުގެ އާންމުންނެވެ. އެހެން ވީމާ މިކަމުގައި ޕާޓީ މަސްލަހަތުގައި އެމްޑީޕީ މީހުން ބިރުގަންނަންޖެހޭ ކަމެއް ވެސް ނެތެވެ. އެމްޑީޕީގެ އާންމުންނަށް ލިބެން އޮންނަ ބާރުވެރިކަމަށް ހުރަސްއެޅެންވީ ކީއްވެގެންތޯއެވެ؟ އެހެން ނޫނަސް ކޮންމެ ފިކުރެއްގެ އާންމު މީހުން އެތަނަށް ވަނަސް އެޖެންޑާ 19 ތަންފީޒުވީ އެވެ. އެމްޑީޕީ ވެރިކަމަށް އައީ އެޖެންޑާ 19 ތަންފީޒުކުރުމަކަށް ނޫން ތޯއެވެ؟

ކުރީގެ ސަރުކާރުންނާއި މަޖިލީހުގައި ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތައް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާކަމަށާއި އެކަން ހުއްޓުވަންޖެހޭކަމަށް ވަކާލާތު ކުރެއްވި ބޭފުޅުން، މިހާރު ޖޭއެސްސީގައި ކުރައްވަމުން ގެންދަވަނީ އެބޭފުޅުން ކުރިން ވިދާޅުވަމުން ގެންދެވި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ނޫން އިތުރު ކޮންކަމެއްތޯއެވެ.

ވާދަވެރި ސިޔާސީ ނިޒާމެއް ދިވެހިން ޚިޔާރުކުރީ އަދާވާތްތެރިކަމާއި އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ މައްޗަށް ހިންގޭ ވެރިކަމުގެ ނިޒާމެއް ދުށުމުގެ ނިޔަތަކު ނޫނެވެ. ތިން ބާރު ވަކިވެފައިވާ ވެރިކަން ހިންގުމުގެ ނިޒާމަކަށް ދިވެހިން ބޭނުންވީ އެއްބާރު އަނެއް ބާރުގެ މައްޗަށް ގަދަވެގަނެގެން ހިންގާ ގޮށްމުށުގެ ވެރިކަމެއް ބޭނުން ނުވާތީއެވެ.

your imageމަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން 

މިއަދަކީ ބޮޑު ދުވަހެކެވެ. ސިޔާސީ ބޭފުޅުން ނުތިއްބަވާ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ތާވާލްކޮށްފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ. އާންމު ގޮތެއްގައި ހަތް ދުވަސް ފަހުން ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ ފަށައެވެ.

މިއީ މި ބިލު ތޯރިގް ހުށަހަޅުއްވާ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް މި ބިލު ހުށަހެޅުއްވިއިރު، މަޖިލީހުގައި ތިއްބަވާ 87 މެންބަރުން ތިއްބަވާ މަޖިލީހުގެ 50 މެންބަރަކު ވޯޓު ދެއްވީ ބިލު ބޭރު ކޮށްލުމަށެވެ. ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 13 މެންބަރުންނެވެ.

ގާނޫނުގައިއަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން މިހާރު ތިއްބަވައެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކާއި، މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވައެވެ.

އެހެންވެގެން ޖޭއެސްސީ މެދުވެރިކޮށް އެ ކޮމީޝަންގައި އޭރަކު ތިއްބަވާ ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތަކަށް ޝަރުއީ ނިޒާމު ބައްޓަން ކުރަމުންދާ ކަމަށް ބުނެ، މީގެ ޝަކުވާ އަބަދުވެސް އޮވެއެވެ.

ތޯރިގް ހުށަހެޅުއްވި ބިލުގައި އޮތް ގޮތުން، ޖޭއެސްސީގައި މި ހަތަރު ބޭފުޅުންނެއް ނުތިއްބަވާނެ އެވެ. ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރާއި، މިހާރު ވެސް އެކުލެވުމުގައިވާ ގޮތަށް ހައި ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ވަކީލުން އިންތިޚާބު ކުރާ ވަކީލެކެވެ.

އޭގެ އިތުރުން މިހާރު ނެތް ދެ މެންބަރަކު ހިމަނަން ބިލުގައި އޮތެވެ. އެއީ ސިޔާސީ ބޭފުޅުންގެ ބަދަލުގައި، ގައުމީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން މަޖިލީހުން ރުހުންދޭ ތަޖުރިބާކާރަކާއި، ޝަރީއާ މުދައްރިސުންގެ ތެރެއިން މުދައްރިސެކެވެ.

ޖޭއެސްސީގައި މިހާރު ތިއްބެވި އެމްޑީޕީގެ ބޭފުޅުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް ކުރެވެއެވެ. މި ގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ތުހުމަތު ކުރައްވައެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދު ފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

your imageތުޅާދޫ ދާއިރާގެ މެމްބަރު ހިސާނަށް ޖޭއެސްސީގެ ފަތްކޮޅު އަރުވަނީ 

އެކަމަކު މިހާތަނަށް އައި އިރު ވެސް ޖޭއެސްސީގެ އެކުލެވުން އެ އޮތް ގޮތަށް ބާއްވައިގެން ކުރިއަށް ދާތީ އާންމުންގެ ގިނަ ފާޑުކިއުމެއް އެމްޑީޕީއަށާއި ސަރުކާރަށް ދަނީ އަމާޒު ކުރެވެމުންނެވެ. އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަނީ އެއީ ޖުޑިޝަރީ އިސްލާހު ކުރުމުގެ އެޖެންޑާގެ އެންމެ ފަހަށް އޮތް މަސައްކަތް ކަމުގައެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވައެވެ. ޖޭއެސްސީގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިނެވެ. މިއީ ޖޭއެސްސީގެ ރައީސްކަން ސިޔާސީ ބޭފުޅަކު ކުރައްވާ ވެސް ފުރަތަމަ ފަހަރެވެ. ދެން ރައީސްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އިންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް