ads
ޗެމްޕިއަން ޓީމް
ފަގީޓޯ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޕާ ޖެނެރޭޝަން ކްލަބް
ފ.ނިލަންދޫގައި ކެފޭގެ ޚިދުމަތް ދެމުންދާ "ފަގީޓޯ" ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަގީޓޯއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ އެން.ވައި.ޖީ ފަގީޓޯ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޕާ ޖެނެރޭޝަން ކްލަބް (އެސް.ޖީ.ސީ) ހޯދައިފިއެވެ.

ގިނަ ޢަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ނިލަންދޫ ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗް އެސް.ޖީ.ސީ ކާމިޔާބު ކުރީ ފާފު ޕޮލިސް ކްލަބާއި ވާދަކޮށް ތިން ސެޓް އެ ސެޓުންނެވެ. 

އޮކްޓޯބަރ 26 ވަނަ ދުވަހު ހަމައެކަނި ފިރިހެން ޑިވިޜަނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ހަތަރު ޓީމެއް ވާދަކޮށްފައި ވެއެވެ. ފައިނަލްގައި ވާދަކުރި ދެ ޓީމުގެ އިތުރުން ދެން މިމުބާރާތުގައި ވާދަކޮށްފައިވަނީ ގަދަ ހިތްވަރާއި ކެފޭ ޑެލީޝިއާއެވެ. ފައިނަލް މެޗް ނިމުމުން މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި މެޑަލް އަދި ފައިސާގެ ޢިނާމާއި ހަނދާނީލިޔުން ދިނުމުގެ ރަސްމިއްޔާތުވަނީ ކުރިޔަށް ގެންގޮސްފައެވެ. 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.ޖީ.ސީގެ ޢަސީލްއެވެ. މުބާރާތުގެ މޮޅު 6 ކުޅުންތެރިންނަށް ހޮވުނީ ފާފު ޕޮލިސް ކްލަބުގެ ފަރުހާދު އިސްމާޢީލް އާއި އެސް.ޖީ.ސީގެ ޔާނިއުއާއި ކެފޭ ޑެލީޝިއާގެ ޢަލީ ސޮބާޙުއާއި އެސް.ޖީ.ސީގެ އަސީލްގެ އިތުރުން ފާފު ޕޮލިސް ކްލަބުގެ އިބްރާހިމް ނަދީމުއާއި އެސް.ޖީ.ސީގެ ޔަޒްދާން އެވެ. 

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ގަދަ ހިތްވަރު ހޮވުނު އިރު އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ އެސް.ޖީ.ސީގެ މެނޭޖަރ ވަޖީހު މޫސާއެވެ. ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް ފާފު ޕޮލިސް ކްލަބުގެ ކޯޗު އަހުމަދު އާދަމް ހޮވުނުއިރު ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.ޖީ.ސީގެ އަސީލް އެވެ. މިމުބާރާތަކީ ހުނަރުވެރި ވޮލީ ކުޅުންތެރިން ނިލަންދޫގައި އުފެއްދުމުގެ މަޤުޞަދުގައި ފަގީޓޯއިން އިސްނަގައިގެން ކުރިޔަށް ގެންދަންފެށި މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ނިލަންދޫގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ) އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް