ads
ޕިކްނިކް ޒޯން ތަރައްޤީ ކުރާ ސަރަހައްދު، އައްޑޫ ސިޓީ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ބައްލަވާލައްވަނީ: ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް ޓްވީޓަރ
ައައްޑޫގައި ޕިކްނިކް ޒޯނެއް ތަރައްޤީ ކުރަނީ
އައްޑޫ ސިޓީ ހިތަދޫގައި ފުރަތަމަ ފަހަރަށް ޕިކްނިކް ޒޯނެއް ތަރައްގީ ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި ޕިކްނިކް ޒޯން ތަރައްގީ ކުރަނީ އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރެ ސަރަހައްދުގައެވެ.

މި ޕިކްނިކް ޒޯނުގެ މަސައްކަތް ކުރިޔަށްދާގޮތް މޭޔަރ ޢަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވަނީ ބައްލަވާލައްވައިފައެވެ.

މި މަސައްކަތް ކުރިޔަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އައްޑޫ ފްރެންޑްސް އަދި ބީޓެކް ގުޅިގެން ކަމަށް އެ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި، ޕިކްނިކް ޒޯން ތަރައްގީ ކުރަނީ ހިތަދޫ ރުއްޖެހެރެ ހިސާބުގައި، ވެމްކޯ ކުނިކޮށީގެ ދެކުނުން އޮންނަ ސަރަހައްދެއްގައި ކަމަށާއި، އެތަނުގެ މަސައްކަތް މީގެ 20 ވަރަކަށް ދުވަސް ކުރިން ފަށާފައިވާ ކަމަށެވެ. 

މީގެ ކުރިންވެސް އައްޑޫގައި ޕިކްނިކް ޒޯންތަކެއް ހެދުމަށް ސިޓީ ކައުންސިލުން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ.

އައްޑޫގައި އަލަށް ގާއިމް ކުރާ މި ޕިކްނިކް ޒޯން ހުންނަ ސަރަހައްދަކީ ވެކްމޯ ކުނިކުއްޓާއި ދެކުނަށް އޮންނަ ސަރަހައްދެކެވެ. މިހާރު އެތަނުގައި ކުރަމުން ދަނީ ސާފް ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގައި ބޭނުން ކުރަމުން ދަނީ ވެލިމަގުތައް ހަދަން ބޭނުން ކުރާ އިކުއިޕްމެންޓްތަކެވެ.

ޕިކްނިކް ޒޯނަކީ އައްޑޫ ރައްޔިތުންނަށް އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ ރީތި ތަނަކަށް ވުމަކީ ކައުންސިލުގެ އުއްމީދެއްކަމަށް ސައީދު ވިދާޅުވިއެވެ. އަދި އައްޑޫގެ ހުރިހާ ރަށެއްގެ މީހުނަށްވެސް އެތަނަށް ޒިޔާރަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެ ސިޓީގެ ރައްޔިތުން ޕިކްނިކް ދާން ހާއްސަ ސަރަހައްދެއް ކަނޑައެޅިފައި ނެތް ނަމަވެސް، މިހާރު ރައްޔިތުން ޕިކްނިކްދާ ހަންކެޑެ ސަރަަހައްދުގައި ޕްރޮޖެކްޓެއް ކުރިއަށްދާތީ އުނދަގޫތަކެއް ވާނެ ކަމަށެވެ.

އާ ޕިކްނިކް ޒޯން ތަރައްގީވެގެން ދާއިރު އެތަނުގައި ބާބެކިއު އޭރިއާއަކާއި، މާސްކް އާއި ގޮގްލް އެއްޗެހި ގަންނަން ލިބޭ ގޮތަށް ތަނެއް ގާއިމް ކުރާނެ ސައީދު ވިދާޅުވިއެވެ. އަދި ޕިކްނިކް ދާ މީހުންނަށް ފަސޭހައިން ވަސީލަތްތައް ލިބޭނެ ގޮތް ހަމަޖަހިގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް