ads
މިނިމަން ވޭޖާއި ގުޅިގެން، މިނިސްޓަރ ފައްޔާޒު، ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ: ފޮޓޯ؛ ޕީއެސްއެމް
މިނިމަމް ވޭޖާއެކު އަގުތައް އުފުލޭނެ: ފައްޔާޒު
ރާއްޖޭގައި މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަން ފެށުމުން އިންފްލޭޝަނަށް ނުވަތަ މުދަލާއި ޚިދުމަތްތަކުގެ އަގުތަކަށް ބަދަލުތަކެއް އަންނާނެކަމަށް، މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް ވިދާޅުއްޖެއެވެ.

މިނިމަމް ވޭޖް ތަޢާރަފުކުރުމާގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ލޮޅުންތަކާއެކު ކުރިއަށް އޮތް 6 މަސްތެރޭ، "އެބްނޯމަލް އިންފްލޭޝަނެއް" ނުވަތަ އާއްމުކޮށް ނާންނަފަދަ ވަގުތީ އިންފްލޭޝަން މަތިވުމެއް އަންނާނެކަމަށެވެ.

އެގޮތުން މިހާރުވެސް ޝިޕިން ކޯސްޓް 3 ގުނައަށް އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މުސާރަތަކަށް މިގެނެވޭ ބަދަލުތަކާއެކު ކޮންމެވެސް ވަރަކަށް މުދަލާއި ޚިދުމަތުގެ އަގުތައް އުފުލިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި އޮތީ ސޯޝަލް މާކެޓް ޑްރިވަން އިކޮނޮމީއެއްކަމަށާ، ވިޔަފާރިތަކަށް ކަނޑައެޅިފައި އެއޮންނަ އުސޫލެއްގެ ތެރެއިން ވަރަށް މިނިވަންކަމާއެކު ވިޔަފާރިކުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި ސަރުކާރަކުން ނުކުމެ ހުރިހާ މުދަލެއްގެ އަގުތަކެއް ކޮންޓްރޯލެއް ނުކުރާނެކަމަށާ، އަގު ކޮންޓްރޯލްކުރުމުގައި އާއްމުކޮށް ގެންގުޅޭ އުސޫލަކީ އެސެންޝިއަލް ގުޑްސްގެ ގޮތުގައި ބޭނުން ކުރާ ކާޑުގެ ބާވަތްތައް ކޮންޓްރޯލްކުރުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިހާރުވެސް އަޅުގަނޑުމެން ބަލަމުންދާނަން އެގޮތަށް ހުންނަ ބައެއް ކަހަލަ މުދާ ކޮންޓްރޯލްކުރަންޖެހޭތޯ. އަދި ކޮންޓްރޯލް ކުރާކަމަށްވިޔަސް ވިޔަފާރިއަކަށް އެމީހުންނަށް އެލިބޭ އަގަށްވުރެ ކުޑަކޮށެއް ނުއެއް ވިއްކޭނެ ދެއްތޯ. އެހެންވެއްޖެއްޔާ އެއަށް އަޅުގަނޑުމެން ކޮންޓްރޯލް އަގެއް ގެނެސްފިއްޔާ ވިޔަފާރިވެރިޔާ އެ މުދާ ނުއެއް ގެންނާނެ. އޭގެ މާނައަކީ އެ މުދާ ނުވެސް ލިބޭނެއޭ ރާއްޖެއިން. އެހެންވީމަ އޭގައި އަޅުގަނޑުމެން ކައިރިން ބަލަމުންދާނަން ކޮންކަހަލަ އަސަރުތަކެއްތޯ ކުރަނީ. ސަރުކާރުން އިންޓަވޭންޝަނެއް ހަދަންޖެހޭތޯ. ހަދަންޖެހިއްޖެކަމަށްވަންޏާ ކޮންކަހަލަ އިންޓަވޭންޝަނެއްތޯ ހަދަނީ" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ފައްޔާޒް ވަނީ މިނިމަމް ވޭޖު ކަނޑައަޅައި، ގަރާރުގައި ސޮއިކުރައްވައިފައެވެ.

ގަރާރުގައި ސޮއިކުރުމަށްފަހު މިނިސްޓަރު ދެއްކެވި ވާހަކައިގައި ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުގައި މިހާރު ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތާއި ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ މީހުންގެ ބަސް ހޯދައިފައިވާނެ ކަމަށެވެ.

"އެއާ ގުޅިގެން ވަޒީފާގެ ގާނޫނަށް 2020 ވަނަ އަހަރު ބަދަލުތަކެއް ގެނެވުނީ. ގެނެވުނު އިރުގައި މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުގެ ގޮތުގައި ކަނޑައެޅިގެން ދިޔައިރުގައި، ކުރިއަށް ވުރެ ފުޅާ ދާއިރާއެއްގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ރިޕްރެސެންޓް މެކޭނިޒަމެއް އޭގައި ކަނޑައެޅިގެން ދިޔަ،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންގެ ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވަޒީފާ އަދާކުރާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުސާރަ ކުޑަވުމާއި ލިބެން ޖެހޭ މަންފާތައް ނުލިބުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވަޒީފާގައި މުވައްޒަފުން ހަރުނުލުމަކީ ވަޒީފާ ދޭ ފަރާތުގެ ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މިނިމަމް ވޭޖާއެކު މި ކަންކަމަށް ހެޔޮ ބަދަލެއް އަތުވެގެންދާނެ ކަން ފާހަގަކުރައްވައިފައެވެ.

15%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
69%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް