ads
ދަރްމަލިގަމް މަރަން ހުކުމް ކުރުމުން އިންސާނީ ހައްގުތަކަށް ވަކާލަތް ކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން-- ފޮޓޯ: ބީބީސީ
އައިކިއު ދަށް މީހަކު މަރަން ކުރި ހުކުމް ތަންފީޒުކުރުން ހުއްޓުވައިފި
ސިންގަޕޫރަށް ޑްރަގް އެތެރެކުރަން އުޅުނު ކަމަށް ސާބިތުވި މެލޭޝިއާ މީހަކު މަރަން ކުރި ހުކުމް ތަންފީޒުކުރުން އެގައުމުގެ ސަރުކާރުން ހުއްޓުވައިފި އެވެ.

ސިންގަޕޫރުން އުމުރުން 21 އަހަރުގެ ނަގައެތަރަން ދަރްމަލިގަމް ހައްޔަރުކޮށްފައިވަނީ މީގެ 12 އަހަރުގެ ކުރިން މަދު އަދަދެއްގެ މަސްތުވާތަކެއްޗާއެކު އެތެރެވާން މަސައްކަތް ކުރަނިކޮށެވެ. 

ސިންގަޕޫރު ކޯޓަކުން އޭނާ މަރަން ހުކުމް ކުރުމުން މެލޭޝިއާގެ އިދާރާތަކާ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ އެކަން ހުއްޓުވަން ގޮވާލާފައެވެ. އެމީހުން ސަބަބަކަށް ދައްކާފައިވަނީ އޭނާގެ އައިކިއު ދަށްވުމެވެ. 

ސިންގަޕޫރުގެ ކޯޓްތަކުން މީގެ ކުރިން ބުނެފައިވަނީ ކުށް ކުރިއިރު އޭނާއަށް އެ ކުރެވުނީ ކިހާވަރުގެ ކަމެއް ކަން އޭނާއަށް އިނގޭ ކަމަށެވެ. 

ދަރްމަލިގަމް އަކީ ބުއްދި ހަމަޖެހޭ މީހެއް ނޫންކަމަށް ބުނެ އިސްތިއުނާފް ކުރުމުން އަނެއްކާވެސް އަންގާރަ ދުވަހު އަޑުއެހުމެއް ބާއްވަން ކޯޓުން ނިންމި އެވެ.   

އޭނާގެ ގާނޫނީ ވަކީލު އެމް ރަވީ ބުނީ، އޭނާގެ މުވައްކިލަކީ ޑްރަގް ޓްރެފިކިންގެ ވިކްޓިމް އެއް ކަމަށެވެ. އަދި މިވަގުތު އޭނާއަށް އަދަބުދިނުމުގެ ބަދަލުގައި ދޭން ޖެހޭނީ ފަރުވާކަމަށް އޭނާ ބުނެއެވެ.

މިހާތަނަށް 60،000 މީހުން ވަނީ ސިންގަޕޫރު ރައީސްއަށް ދަރްމަލިގަމް މިނިވަން ކުރަން ގޮވާލާ ފޮނުވި ޕެޓިޝަންގައި ސޮއިކޮށްފައެވެ. އަދި ދަރްމަލިގަމް އަކީ ނަފްސާނީ ގޮތުން ބަލި މީހެއް ކަމުން އޭނާއަށް ރިޔާސީ މާފެއް ދެއްވުމަށް އެދިފައިވެއެވެ. ނަފްސާނީ ގޮތުން ބަލި މީހުން މެރުމަކީ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުގެ ދަށުން ވެސް މަނާ ކަމެއް ކަން ޕެޓިޝަންގައި ފާހަގަކޮށްފަވެއެވެ. 

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ދަރްމަލިގަމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. 

2009 ވަނަ އަހަރު އޭރުން 21 އަހަރުގެ ދަރްމަލިގަމް ހައްޔަރުކޮށްފައިވަނީ 43 ގްރާމްގެ ހެރޮއިން އޭނާގެ ފަލަމަސްގަނޑުގައި ހަރުކޮށްގެން މެލޭޝިއާއިން ސިންގަޕޫރަށް އެތެރެކުރަން މަސައްކަތް ކުރަނިކޮށެވެ. 

ނަފްސާނީ ބަލިތަކުގެ އެކްސްޕާޓުން ވަނީ ދަރްމަލިގަމްގެ އައިކިއު ހުރީ 69ގަ ކަމަށް ބުނެފަ އެވެ. އެހެން ބުނެފަވަނިކޮށް ސިންގަޕޫރު ކޯޓްތަކުން ވަނީ އޭނާ މަރަން ހުކުމްކޮށްފައެވެ. އައިކިއު 69 ގައި ހުންނަ މީހުން ބަލަނީ ނުކުޅުދޭ މީހުންގެ ގޮތުގައެވެ. 

ނަމަވެސް ސިންގަޕޫރު ސަރުކާރުން ވަނީ އޭނާ ކުރި ކަންތައް ނިމޭނީ ކިހިނެތްކަން އޭނާއަށް ރަނގަޅަށް އިނގޭ ކަމަށާއި ހެވާ ނުބައިވެސް އޭނާއަށް ރަނގަޅަށް އިނގޭ ކަމަށް ބުނެފައެވެ. 

ސިންގަޕޫރަކީ ދުނިޔޭގަވެސް އެންމެ ހަރުކަށި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނެއް އޮންނަ ގައުމެވެ. އެގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް އެގައުމުގެ ގާނޫނުގައި އޮންނަނީ މަރަން ހުކުމް ކުރުމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް