ads
މިހާރުގެ ސަރުކާރު ކޯލިޝަންގެ ލީޑަރުން: ފޮޓޯ އަވަސް
ރައްޔިތު މީހާގެ ކިބައިން ފެށޭ ބާރު، ވެރިންގެ އަތަށް!
ދިވެހި ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރަމުން އަންނަތާ ބައި ގަރުނު ވީ އެވެ. ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ވެރިކަމެވެ. ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާ އަދި ރައްޔިތުން ބޭނުންވާ ގޮތަކަށް ވެރިކަން ކުރާ ވެރިކަމަކަށް ރައްޔިތުންގެ ވެރިކަމޭ ބުނެވޭނެ އެވެ. ނަމަވެސް ފާއިތުވި ބައި ގަރުނު ރާއްޖެ އިން ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ؟

ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްްޤައްޔޫމަކީ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން އެ ބޭފުޅުންގެ ވެރިކަމުގައި ކުރެއްވި ދެ ރައީސުންނެވެ. ލިބުނު މުއްދަތާއި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން ކުރެވެން ހުރި ކަންކަން އެބޭފުޅުން ކުރެއްވެވި އެވެ.

ނަމަވެސް ކޮންމެ ބޭފުޅެއްގެ ވެރިކަމުގައި ވެސް ޖަލު ތަކުގައި ދިން ލާއިންސާނީ އަނިޔާތަކާއި ސިޔާސީ ކުށްވެރިންނާއި ދެކޮޅަށް ހިންގުނު އަމަލުތައް އެއީ ރައީސް ނަސިރާއި ރައީސް މައުމޫންގެ ތާރީޚްގައި ހުރި ކަޅު ސަފްހާތަކެކެވެ.

ރައީސް ނާސިރު ވެރިކަން ދޫކޮށްލާފައި ދިއުމުން ދެން ފެނިގެން ދިޔަ މަންޒަރުތައް ވެސް ތާރީޚްގައި ލިޔެވިފައި ހުރީ ވަރަށް ހަޑިކޮށެވެ. ވެރިންގެ ގޮތުގައި ތިބި ބަޔަކު ރައީސް ނާސިރުގެ ހުރިހާ ޚިދުމަތަކަށް ފަސް އަޅާ ފޮރުވީ ހަމަ އެންމެ ބޭނުމެއް އޮވެގެންނެވެ. އެއީ ދެން ރައީސް ނާސިރަށް ރާއްޖޭގެ ވެރިކަމަށް އާދެވެން އޮތިއްޔާ އޮތް މަގެއް ބަންދު ކުރުމެވެ. ރައީސް ނާސިރުގެ ތާއީދާއި އެކު ވެސް އެއްވެސް ބޭފުޅަކަށް މައުމޫންގެ ވެރިކަމަށް ބުރުލެއް އަރާފާނެ ކަމެއް ކުރިއަ ނުދިނުން އެއީ ރައީސް ނާސިރުގެ އަބުރު ކަތިލަން ރައީސް މައުމޫނާއި ރައީސް މައުމޫންގެ ބައިވެރިން ނިކުތް އެއް ސަބަބެވެ. ރައީސް ނާސިރުގެ އަބުރު ކަތިލާ ރައީސް ނާސިރުގެ ޚިދުމަތްތަކުގެ މަތިން ހަނދާން ނައްތާލީ ރައްޔިތުންނަށް ޓަކައެއް ނޫނެވެ. އެއީ ވެރިން ބޭނުން ވެގެން ވެރިން ވެރިކަން ދިފާޢު ކުރަން ވެގެން ކުރި ކަމެކެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު ވެސް ފެނިގެން ދިޔައީ ލިބުނު ކޮންމެ ފުރުސަތެއްގައި ވެރިންގެ ޖީބު ބޮޑު ވަމުން ދިޔަ މަންޒަރެވެ. ނާސިރުގެ ވެރިކަން ވެއްޓުނު އިރު މުޅި ދެކުނު އޭޝިއާގައި އޮތް އެންމެ ބޮޑު ޝިޕިން ލައިން އޮތީ މި ދިވެހި ރާއްޖޭގަ އެވެ. ފަހުން ކުންފުނި ބަނގުރޫޓް ވެގެން ދިޔައީ އެވެ. އެއާ މޯލްޑިވްސް އެންމެ ބޮޑެތި މަތިންދާ ބޯޓްތަކާއި އެކު ބައިނަލްއަޤުވާމީ ދުނިޔެ އަށް ވަރަ ފުޅާކޮށްލި އެވެ. ފަހުން ބަނގުރޫޓް ވެގެން ދިޔައީ އެވެ. އެފްޕީއައިޑީ ވެސް ބަނގުރޫޓް ވެގެން ދިޔައީ އެވެ. މިއިން ކޮންމެ ވައްކަމެއްގެ ފަހަތުގައި ތިބީ ވެރިންނެވެ. އެއްވެސް ވެރިއަކަށް އެކަށީގެންވާ ފިޔަވަޅެއް ނާޅަ އެވެ. ސަބަބަކީ އެއީ ވެރިކަމުގެ ތަނބުތައް ކަމަށް ވެފައި ވުމެވެ. އެއިން ވެރިއަކަށް ކަމެއް ކޮށްފިނަމަ ގައުމުގެ ވެރިއާ އަށް ސިޔާސީ ތުރާލެއް އުފުލަން ޖެހިދާނެތީ އެވެރިން ސަލާމަތް ކުރީ އެވެ.

ދެ ހާސް އަށް ވަނަ އަހަރުު ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އެވެ. ކޯލިޝަނެއްގެ ތެރެއިންނެވެ. މަސް ދުވަސް ނުވެ، ކޯލިޝަން ބައިގެން ދިޔައީ ރައްޔިތުންނަށް ޚިދުމަތް ނުކުރެވިގެންނެއް ނޫނެވެ. ވެރިކަމުގެ ތެރެއިން ވެރިންނަށް ލިބެން ޖެހޭ ބައި އެޅުމުގައި އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރަކީ ސިޔާސީ ގޮތުން ހަލަބޮލި ތިން އަހަރެވެ. ސިޔާސީ ދެކޮޅުވެރިން ހައްޔަރު ކުރަން ރައީސް ނަޝީދު މަސައްކަތް ކުރެއްވި އެވެ. ގާސިމް އިބްރާހިމް އާއި އަބްދުﷲ ޔާމީން ހައްޔަރު ކުރި އެވެ. ކޯޓުން އެ ބޭފުޅުން ދޫކޮށްލެއްވުމުން އާރަށުގައި ޔާމީން ބަންދުކުރި އެވެ. ފަހަތުގައި އޮތީ އެންމެ ސަަބަބަކެވެ. ވެރިން ބޭނުންވާ ގޮތަކަށް ވެރިކަން ކުރަން އޮތް ހުރަހަކަށް އޭރު ފެނުނީ ޔާމީނާއި ގާސިމް ކަމަށް ވުމެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ރަހީނު ކުރަން ރައީސް ނަޝީދު ނިންމާ އެކަން ތަންފީޒު ކުރީ ރައްޔިތުންނަށް ޓަކައެއް ނޫނެވެ. ވެރިންގެ ވެރިކަމުގެ ލައްޒަތުގެ ފޮނިކަމާއި މީރުކަން ލިބެން އޮތް ހުރަހަކަށް އަބްދުﷲ ގާޒީ ވުން ފިޔަވައި އިތުރު އެއްވެސް ސަބަބެއް އެކަމުގެ ފަހަތުގައެއް ނެތެވެ.

ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، ވެރިކަމުގެ ކޭކް ވަރަށް ރަނގަޅަށް ބަހާލި ނަމަވެސް އެތެރޭ ކޮއިލުގައި އޮތީ ހަމަނުޖެހުމެވެ. ރައީސް ވަހީދު ވެސް ސިޔާސީ އެޖެންޑާ ތަންފީޒު ކުރަން އަޅަމުން ދިޔަ ފިޔަވަޅުތަކަކީ ރައީސް ވަހީދުގެ ވެރިކަން ދިފާޢުކޮށް ދަމަަހައްޓަން އެޅި ފިޔަވަޅު ތަކެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ފާއިތުވި ބައި ގަރުނުގެ ތެރޭގައި އެންމެ ގިނަ ކަންކަން އެންމެ އަވަހަށް ކުރި ސަރުކާރު ކަމަށް އިދިކޮޅު މީހުން ވެސް އެއްބަސްވެ އެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމުން ދުރުކުރަން ޖެހުނީ ވެރިކަމުގެ ހިޔަލުން ހިޔާވަހިކަން ހޯދަން ބޭނުންވާ ބަޔަކަށް އެ ފުރުސަތު ދިނުމަށް ޔާމީން ބޭނުން ނުވުމުންނެވެ. ވެރިކަމުގެ އާރާއި ބާރުގެ ތެރެއިން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ވަކި ބަޔަކަށް ފަހިކޮށް ނުދިނުމުން ޔާމީން ވެރިކަމުން ދުރުކުރަން އެ ބަޔަކު ނިކުމެ އެކަން ކާމިޔާބު ކޮށްފި އެވެ.

ހުރިހާ ވެސް މައްސަލަ އަކަށްވީ "މަހުޖަނާއި" އެންމެ ބޮޑު "ވެރިޔާ" އަދި އެ ބޭފުޅުންގެ ފަހަތުގައި ތިބި ބަޔަކު ބޭނުންވާ ގޮތަކަށް ވެރިކަން ނުކުރުމެވެ. އެ ވެރިންނަށް އާރާއި ބާރު ނުދިނުމެވެ. އެ ވެރިންނަށް އާރާއި ބާރު ދިންނަމަ އެ ވެރިން އަދިވެސް ތިބީހީ ރައީސް ޔާމީންގެ ފަހަތުގަ އެވެ. ރައީސް ޔާމީންގެ އެއްވެސް ގޯހެއް އެވެރިންނަށް ނުފެންނާނެ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭނާގެ ކައިރީގައި ތިބި މީހުން ބިލިއަނަރުންނަށް ވިކަން މި ރާއްޖޭގެ އެންމެ ތުއްތު ކުއްޖާ އަށް އެނގޭ ހިސާބަށް ގޮސް މުޅި ގައުމު "ބްރޯ" ވި އިރު ވެސް އަދީބު ކަމެއް ކުރިކަން ރައީސް ޔާމީނަށް ނޭނގެޔޯލަ އެވެ.

އޭގެ އިތުރުން ވެސް ސަރުކާރުގެ މައްޗަށް ކުރެވުނު އެތައް ކޮރަޕްޝަންގެ ތުހުމަތެއް ރައީސް ޔާމީން ނިންމާލީ "ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮންނާނެ" ކަމަށް ވިދާޅުވެ ވަރަށް އާދައިގެ ގޮތަކަށެވެ. މީހަކާއި މެދު ފިޔަވަޅެއް އެޅުމުން އެއީ ރައީސް ޔާމީންގެ ސިޔާސީ ދެކޮޅު ވެރިއަކަށް ވާނެކަން އެނގޭތީ ކޮންމެ ކޮންމެ މީހަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ބޭނުން ނުވީ އެވެ.

ރައްޔިތުންގެ ވާހަކަ ދައްކަނީ ރައްޔިތުންގެ ތާއީދު ނެތި ވެރިކަމަށް ނާދެވޭނެތީ އެވެ. ކޮންމެހެން ރައްޔިތުން ދެކެވާ ލޯތްބެއްގެ ސަބަބަކުން ނޫނެވެ. ވެރިން ބޭނުން ވަނީ ވެރިކަމެވެ. ފާއިތުވި 50 އަހަރުން ފެންނަން އޮތީ އެމަންޒަރެވެ.

ފަންސާސް އަހަރުން ފެންނަން އޮތީ ވެރިންނާއި ވެރިންގެ އައުވާނުންގެ ޖީބު ބޮޑުކުރި މަންޒަރެވެ. ކައިރީގައި ތިބި މީހުން ކުރި ހުރިހާ ވައްކަމެއް ފޮރުވި މަންޒަރެވެ. އެ މީހުންނަށް ވައްކަން ކުރަން އިތުރު ފުރުސަތު ފަހިކޮށްދިން މަންޒަރެވެ. ވައްކަން ކުރަން ފުރުސަތު ލިބޭ ކޮންމެ ލީޑަރަކު ރައްޔިތުންގެ މަތިން ހަނދާން ނައްތާލި އެވެ.

ކުރުކޮށް ބުނާނަމަ މި ފެނުނީ ރައްޔިތުންގެ ވެރިކަމުގެ ނަމުގައި ވެރިންގެ ވެރިކަމެއް ބައި ގަރުނު ވަންދެން މި ރާއްޖޭގައި ކުރި މަންޒަރެވެ.

ކުރިއަށް ދެން އޮތީ އަނެއްކާވެސް އާ ވެރިކަމެއް ފެށޭ މަންޒަރު ބެލުމެވެ. ރައްޔިތުންގެ ވެރިކަމެއްގެ ހަޤީޤީ ސިފަ ޖެހިފައިވާ ވެރިކަމަކަށް ބޭނުންވަނީ ޤާނޫނީ ނިޒާމެއް ނޫނެވެ. ބޭނުން ވަނީ ކޮންމެ މީހެއްގެ މައްޗަށް ހަމަހަމަކަމާއި އެކު ވެރިކަން ކުރާނެ ވެރިއެކެވެ. ކޮރަޕްޝަން ނައްތާލުމުގެ ގަޓް ހުރި ވެރި އެކެވެ. ކުށެއް ކުރުމުން ކޮންމެ މީހަކު ވެސް ޖަލަށް ލެވޭނެ ވެރި އެކެވެ.

ނަމަވެސް އެއީ "މަހުޖަނާއި" "ވެރިޔާ" ގެ ނުފޫޒުން ސަލާމަތްވެގެން އެއްވެސް ވެރިޔަކަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ.

ނިޒާމުގެ މައްސަލައެއްތަ؟

މިވަގުތުގެ އުފެދިފައިވާ ބޮޑު ސުވާލަކީ ދިވެހި ރާއްޖެ އަށް އެންމެ އެކަށިގެންވަނީ ކޮން ނިޒާމެއްތޯ އެވެ؟ ރިޔާސީ ނިޒާމުތޯ އެވެ؟ ނުވަތަ ބަރުލަމާނީ ނިޒާމުތޯ އެވެ؟ އެހެންކަމުން އެދެވިގެންވަނީ އެންމެ ފުރަތަމައަށް މިދެނިޒާމުގެ ފަރަޤު ދަނެގަތުމެވެ. ދެން އެއަށް ފަހު އެންމެ މޮޅު އިތުރުވެގެން ވަނީ ކޮން ނިޒާމެއްކަން ތިމާ އަމިއްލަ އަށް ކަނޑައެޅުމެވެ. 

ރިޔާސީ ނިޒާމަކީ، Montesquieu (ފުރިހަމަ ނަން: Charles-Louis de Secondat) ކިޔުނު ފުރާންސަށް އުފަން ފިލޯސަފަރެއްގެ ފިކުރުގެ މައްޗަށް ރިޢާޔަތްކޮށްގެން 1787ގައި އެމެރިކާގެ ޤަނޫނު އަސާސީން ތޢާރަފުވި ނިޒާމެކެވެ. މި ނިޒާމު ގެ އަސާސަކީ ތިންބާރު ވަކިވަކިން ރައްޔަތުންނަށް ޚިދުމަތް ދިނުމެވެ. އެއީ ޤާނޫނުހަދާ ބާރާއި، ޤާނޫނުތައް ތަންފީޒުކުރާ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރާ ބާރެވެ. އަދި އެއްބާރު އަނެއްބާރެއްގެ މައްޗަށް އެއްވެސް ނުފޫޒެއް ނެތުމެވެ. މި ނިޒާމަށް ތާއީދުކުރާ މީހުންގެ ނަޒަރުގައި މި ނިޒާމުގެ ހަރުދަނާ ކަމުގައި އެމީހުން ދެކޭ ސިފަތަކުގެ ތެރެއިން ޚާޢްޞަ ގޮތެއްގައި ދެ ސިފައެއް ފާހަނގަ ވެ އެވެ.

ރިޔާސީ ނިޒާމުގެ ރަނގަޅު ޚާއްޞަ އެއް ސިފައެއް ކަމުގައި އެމީހުން ދެކެނީ އެ ނިޒާމުގައި ތަންފީޒީބާރުގެ ވެރިކަށް ރައްޔިތުން ސީދާ ހޮވާ ވެރިއަށްގެ އަތްމައްޗަށް އޮތުމެވެ. އަދި އެ މީހެއްގެ މަސްއޫލިއްޔަތުގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ވަޒީރުންނާއި އެނިހެން މީހުން އައްޔަންކުރުމެވެ.

މިނިޒާމު އިތުރަށް ވަރުގަދަކުރުމުގެ ނަމުގައި ތަންފީޒީ ބާރުން އައްޔަންކުރެވޭ ވަޒީރުންނާއި އެހެނިހެން މީހުން ޖަވަބުދާރީ ކުރުވުމާއި އަދި ހަޤީޤަތް ހޯދައި ބަލައި ޤާބިލުކަން ކަށަވަރުކުރުމުގެ ނަމުގައި ޤާނޫނު ހަދާ ބާރަށް ވަނީ ފުރުސަތު ދެވިފަ އެވެ. ނަމަވެސް މިއީ ރިޔާސީ ނިޒާމުގެ އުސޫލެއް ނޫނެވެ. މިއީ އެނިޒާމު ފަސާދަ ކުރުމަށް ޓަކައި އެ ނިޒާމުގެ ތެރެ އަށް ވައްދާލެވިފައިވާ ފަޏިފަކުސެކެވެ. ރިޔާސީ ނިޒާމުގެ އަސްލަކީ ތިންބާރު ވަކިން މަސައްކަތްކުރުމެވެ. ތަންފީޒީ ބާރުންކުރާ އެއްވެސް ކަމަކަށް، ޤާނޫނު ހަދާ ބާރަކުން ނުފޫޒު ނުހިންގޭނެ އެވެ. އަދި ތަދައްޚުލެއް ނުވެވޭނެ އެވެ. ތަންފީޒީ ބާރުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކުރާކަންކަން ރައްޔަތުންނާ ހަމަޔަށް ފޯރުކޮށްދޭނީ ހަތަރު ވަނަ ބާރުންނެވެ. އެއީ މީޑިޔާ އެވެ. ރައީސާއި އޭނާ އިޚްތިޔާރުކޮށް ފައިވާ މީހުން ގެ ފަރާތުން އުފެދޭ ކަންބޮޑުވުންތަކަށް ޖަވާބުދާރީކުރުވާނީ ވެސް މި ދެންނެވި ހަތަރު ވަނަ ބާރުންނެވެ. އެ ކަމުގައި އަޑުއުފުލާނީ ސިޔާސީ ޕާޓީ ތަކުންނެވެ. އެ ކަމުގެ ހެވާއިނުބައި ނިންމަނީ އަދުލުއިންސާފުގެ ބާރުންނެވެ.

އިސްލާމްދީން ދެކޭ ގޮތުގައި ރައްޔަތުންގެ މުހިއްމު ކަންތައް ނިންމަނީ ސީދާ ރައްޔަތުންނެވެ. އެއީ ހަމަ އެކަނި ރައްޔިތުންގެ ޙައްޤެކެވެ. އިސްލާމީ ޚިލާފަތަށް ނަޒަރު ހިންގާލާއިރު ފެންނަނީ ވެސް އެ މަންޒަރެވެ. އިސްލާމްދީނުގެ ފުރަތަމަ ޚަލީފާ މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުގެ ފާނު، ވެރިކަމަށް ހޮވިވަޑާގަތީ ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. އަދި އެއަށްފަހު އިސްލާމީ ޚިލާފަތަށް ވަޑައިގަތް މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު، ވެރިކަމަށް ހޮވިވަޑާގަތީ ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. އަދި އެއަށްފަހު އިސްލާމީ ޚިލާފަތަށް ވަޑައިގަތް މާތް ﷲ ރުއްސުންލެއްވި ޢުސްމާނުގެފާނު ވެރިކަމަށް ހޮވިވަޑާގަތީ ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. އަދި އެއަށްފަހު އިސްލާމީ ޚިލާފަތަށް ވަޑައިގަތް މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވެރިކަމަށް ހޮވިވަޑާގަތީ ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. މިދުވަސްވަރުގެ ބަހުންނަމަ ރައްޔަތުންގެ ސީދާ ވޯޓަކުން ކަމުގައި ބުނެވިދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް