ads
އާ ސީޕްލޭން ޓާމިނަލް
ޓީއެމްއޭ އަށް ސީޕްލޭން ޓާމިނަލް ދޭން ދެކޮޅު އިސް ދެ މުވައްޒަފުން ވަކިކޮށްފި
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އާ ސީޕްލޭން ޓާމިނަލް ދޭން ދެކޮޅު ހެއްދެވި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފި އެވެެ.
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އާ ސީޕްލޭން ޓާމިނަލް ދޭން ދެކޮޅު ހެއްދެވި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފި އެވެެ.

އެމްއޭސީއެލްގެ ބައެއް މުވައްޒަފުންގެ ފަރާތުން އެނގިފައިވާ ގޮތުގައި މަގާމުން ވަކިކޮށްފައިވަނީ ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ހާމިދު ރިޒާ އާއި ޖެނެރަލް މެނޭޖަ، ކޮމާޝަލްގެ މަގާމުގައި ހުންނެވި މުޖުތަބާ ލަތީފް އެވެ.

މި ދެ ބޭފުޅުން މަގާމުން ވަކިކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށްވެސް ބައެއް މުވައްޒަފުންގެ ފަރާތުން އެނގިފައިވެ އެވެ. މިމައްސަލައިގައި އެމްއޭސީއެލްގެ ބަހެއް ވެސް އަދި ހާމިދާއި މުޖުތަބާގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ބޭފުޅުން މަގާމުން ވަކިކުރީ އެމްއޭސީއެލް އިން ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން އާ ސީޕްލޭން ޓާމިނަލް ހެދުމަށްފަހު އެ ކުންފުންޏަށް ވިޔަފާރީގެ އެންމެ ރަނގަޅު ފައިދާ ނުލިބޭ ގޮތަށް ޓީއެމްއޭ އަށް ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމަށް ތަކުރާރުކޮށް ދެކޮޅު ހެދުމުންނެވެ.

އެމްއޭސީއެލްގެ ބައެއް މުވައްޒަފުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ހާމިދާއި މުޖުތަބާ އަކީ އެކުންފުނީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތަކީ އާ ސީޕްލޭން ޓާމިނަލެއް ހެދުމެވެ. މިޓާމިނަލް ހެދުމަށް 55 މިލިއަން ޑޮލަރު ނުވަތަ 849 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެ އެވެ.

މިހާ ބޮޑު އަދަދެއް ހަރަދުކޮށްގެން އާ ސީޕްލޭން ޓާމިނަލް ހެދުމަށްފަހު އެމްއޭސީއެލް އިން އެންމެ ފުރަތަމަ ނިންމީ މިހާރުގެ މާކެޓް އަގަށް ވުރެ ކުޑަ އަގެއްގައި އާ ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދިނުމަށެވެ. ނަމަވެސް އެމްއޭސީއެލްގެ މިނިންމުން ކޮންމެވެސް ގޮތަކުން ހާމަވެ މައްސަލަ ހޫނުވުމުން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ ސީޕްލޭން އޮޕަރޭޓަރުން އަމިއްލައަށް ޓާމިނަލް ހިންގަން ގިނަވެގެން ކުއްޔަށް ދޫކުރާނީ ތިން އަހަރަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި މަރުހަލާތަކަކަށް ބަހާލައިގެން އާ ޓާމިނަލްގެ އެކިއެކި ކަންކަމާއި އެމްއޭސީއެލް އިން ހަވާލުވާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެ އެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމަށް އެމްއޭސީއެލް އިން މަސައްކަތް ކުރުމުން ރައްޔިތުންގެ މަޖިލީހުން ވަނީ މިކަމާ ހާއްސަ އޮޑިޓެއް، އޮޑިޓް އޮފީސް މެދުވެރިކޮށް ހަދާފަ އެވެ. އަދި ހާމަކޮށްފައި ނުވާ މި އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއޭސީއެލް އިން މިހާރަށް ވުރެ ކުޑަ އަގެއްގައި ޓީއެމްއޭއަށް އާ ޓާމިނަލް ކުއްޔަށް ދީފިނަމަ އެމްއޭސީއެލް އަށް އަހަރަކު ކުލީގެ ގޮތުގައި ލިބޭނީ 5.6 މިލިއަން ޑޮލަރު ނުވަތަ 86.5 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެމްއޭސީއެލް އިން އެތަން ހިންގުމާ ހަވާލުވެ ޓާމިނަލްގެ ތެރޭގައި ހުންނަ އޮފީސްތަކާއި ލައުންޖުތައް ކުއްޔަށް ދީފިނަމަ އެމްއޭސީއެލް އަށް އަހަރަކު 47 މިލިއަން ޑޮލަރު ނުވަތަ 726 މިލިއަން ރުފިޔާ ލިބޭނެ ކަަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.

އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭން މަސައްކަތް ކުރުމުން އަމިއްލަ ފަރާތަކުން ވަނީ އެމަސައްކަތް ހުއްޓުވައިދިނުމަށް އެދި އޭސީސީއަށް މައްސަލަ އެއް ހުށަހަޅާފަ އެވެ.

އޮޑިޓް އޮފީހުގެ ހާއްސަ އޮޑިޓަށް ރިއާޔަތްކޮށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްއޭސީއެލް އިން ނިންމާފައިވާ ގޮތަށް ޓީއެމްއޭ އަށް އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދީފިނަމަ އެތަނުން އަހަރަކު 41 މިލިއަން ޑޮލަރު ނުވަތަ 632 ރުފިޔާގެ އާމްދަނީއެއް އެމްއޭސީއެލް އަށް ގެއްލޭނެ ކަމަށެވެ. އެހެންކަމުން މިއީ ބޮޑު ހިޔާނާތެއް ކަމަށް ފެންނާތީ މިކަން ހުއްޓުވައި ދިނުމަށްވެސް މައްސަލައިގައި އެދިފައިވެ އެވެ.

އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭން މަސައްކަތް ކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްއޭސީއެލް އިން މިމައްސަލައިގައި ސާފު މައުލޫމާތުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް