ads
މިނިވަންކަމުގެ ދިފާއުގައި އިދިކޮޅުން މިއަދު މަގުމައްޗަށް ނިކުންނަނީ
މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

އެ ކޯލިޝަނުން މައުލޫމާތު ދޭ ގޮތުގައި އެ ހިނގާލުން ފެށޭނީ މިއަދު ހަވީރު 15:45ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. 

މި ހިނގާލުމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ ބާއްވާ ހިނގާލުމެއް ކަމަށް ވެއެެވެ. މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ބައިވެރިވާނެއެވެ. 

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މި ނަމުގައި ހިނގާލުމެއް ބާއްވަން އެންމެ ފުރަތަމަ އެކޯލިޝަނުން ނިންމީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް އެދުވަހު މޫސުން ގޯސްވުމުގެ ސަބަބުން އެ ހިނގާލުން ކެންސަލް ކުރީއެވެ. 

މިއީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ފަށައިގެން އުޅޭ ކެމްޕޭނެކެވެ. އެ ކަމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ. އަދި މިފަހުން ބެނާ ދެމުމުގެ ހަރަކާތެއްވެސް ހިންގިއެވެ. 

ދާދިފަހުން ވެސް އިދިކޮޅުން ވަނީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި މާލޭގައި ހިނގާލުމެއް ބާއްވާފައެވެ. އެ ހިނގާލުމުގައިވެސް ރައީސް ޔާމީނަށާއި، އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އެ ހިނގާލުމުގެ ބައިވެރިން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލާ އަޑުއުފުލާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިންޑިއާއާ ގާތް ގުޅުމެއް ބާއްވައި، ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހިންގަނީ އިންޑިއާއެކު ކަމަށް ވާތީ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއިން ބައެއް އެއްބަސްވުންތައް ހާމަކޮށްފައި ނުވާއިރު، އޭގެ ފަހަތުގައި ވަނީ އިންޑިއާގެ ސިފައިންނާއި ޖާސޫސީ މީހުން ތިބޭ ގޮތަށް އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް