ads
މައިރީން——ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް
ދުވަސް ނުފުރާ ވިހޭ މައިރީންއަށް، މިހާރު 6 މަސް!
މިއަދަކީ ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ "ޕްރިމެޗުއަރިޓީ ޑޭ" ނުވަތަ ދުވަސް ނުފުރާ ވިހާ ކުދިންގެ ދުވަހެވެ. މިއަަހަރުގެ މިދުވަހުގެ ޝިއާރަކީ "ޒީރޯ ސަޕްރޭޝަން، އެކްޓް ނައޮ! ކީޕް ޕޭރެންޓްސް އެންޑް ބޭބީސް ބޯން ޓޫ ސޫން ޓްގެދާ" އެެވެ. މި ދުވަހާއި ދިމާކޮށް އޭޑީކޭއިން ވަނީ އެ ހޮސްޕިޓަލުން ސަލަމާތްކުރި އެފަދަ ކުއްޖެއްގެ ވާހަކަ ހިއްސާކޮށްފައެވެ.

މިއީ ދުވަސް ނުފުރާ ވިހޭ މައިރީންގެ ވާހަކައެވެ. މައިރީން ވިހެއެހީ 26 ހަފްތާގައެވެ. އެހެންކަމުން 25 ދުވަސް ވަންދެން މައިރީން ހޭދަކޮށްފައިވަނީ ވެންޓިލޭޓަރުގައެވެ. 

ވެންޓިލޭޓަރުން ނަނގާ ރެސްޕިރޭޓަރީ ސަޕޯޓަށް ބަދަލުކުރިއިރު މައިރީންއަށް އެއް މަސް ވެއްޖެއެވެ. ނޭވާ ލުމަށް ފަސޭހަވާނެ މަގު ތަނަވަސްކޮށްދިނުމަށް މައިރީންއަށް ދިން ކޮންޓިނިއަސް ޕޮޒިޓިވް އެއާވޭ ޕްރެޝަރ(ސީޕީއޭޕީ) ދިނުން ހުއްޓާލީ މައިރީންއަށް ދެމަހުގައެވެ. އެއަށްފަހު ދެން އޭޑީކޭގެ ޓީމުން ފެށީ ކުއްޖާއަށް އޮކްސިޖަން ތެރަޕީ ދޭށެވެ. 

އޮކްސިޖަން ތެރަޕީ 98 ދުވަސް ވަންދެން ދިނުމަށްފަހު މައިރީންއަށް ތިން މަހުަގައި އެތެރަޕީންއިންވެސް މުޅިން ސަލަމާތްވެ، ފަރުވާއަށް ބޮޑު ކާމިޔާބީއެއް ލިބުނެއެވެ. އޭޑީކޭގެ ހެލްތުކެއާ ޓީމުގެ ކާމިޔާބު ފަރުވާއަށްފަހު މައިރީން ގެއަށް ދޫކޮށްލީ ހަތަރު މަހުގައެވެ. 

ފަސް މަހުގައި އަލުން ބްލަޑް ޓްރާންސްފިއުޝަންއަށް އެޑްމިޓްކުރިއެވެ. އެއްމަސް ފަހުން ކާމިޔާބު ފަރުވާއަކަށްފަހު ހަމަހުގައި ގެއަށް ދޫކޮށްލެވުނުއިރު މައިރީންއަކީ ލޯބި ލޯބި ފުރިހަމަ ކުއްޖެކެވެ. 

މައިރީންގެ މި ކާމިޔާބު ދަތުރުން ސާބިތުކޮށްދޭ އެއްކަމަކީ ދުވަސް ނުފުރާ ވިހާ ކުދިންވެސް ރަނގަޅު ފަރުވާއެއް ދެވިއްޖެނަމަ ސަލާމަތް ކުރެވިދާނެ ކަމެވެ. އެކުދިންނަށްވެސް އެހެން ކުދިންނެކޭވެސް އެއްގޮތަށް ދިރިހުރުމުގެ ފުރިހަމަ ހައްގު ލިބިދެންޖެހޭ ކަމެކެވެ. މިއީ ހަމައެކަނި ތުއްތު ތުއްތު މައިރީންގެ ވާހަކައެވެ. މިފަދަ ބައެއް ކުދިން މިހާރު ބޮޑުވެ ފުރާ ފުރިހަމަވެފައިވެސް އެބަހުއްޓެވެ. 

ބަނޑަށް ފަސް މަހުގައި ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ދިޔުމުން ދެ ދުވަސް ވަންދެން އެޑްމިޓްކޮށްފައި ދުވަސްނުފުރާ އަންހެން މިހާ "ވިހެމާއި" ހަމައަށް ދަރިފުޅަށް ދޭންވާ ސިއްހީ ފަރުވާ ނުދިން މައްސަލައެއް މިދިޔަ މާޗު މަހުގައި ފެންމަތިވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި ކުއްޖާގެ ވިންދު ހުރިހާ ހިނދަކު އެކުއްޖާ ސަލާމަތްކުރަން ކުރެވެން އޮތް ކަމެއް ކުރުމަކީ ހޮސްޕިޓަލުގެ ޒިންމާއެއްކަމަށް މީހުން ދިޔައީ ބުނަމުންނެވެ. އަދި އެފަދައިން ސަލާމަތްކުރެވިފައިވާ ކުދިންގެ ވާހަކަތައްވެސް ބައެއް މީހުން ހިއްސާކުރިއެވެ. 

ޑޮކްޓަރުން ބުނާ ގޮތުގައި ދުވަސް ނުފުރާ ވިހާ ކުދިން ސަލާމަތްވެދާނެ އެވެ. އެއީ 22 ހަފްތާ އާއި 37 އާ ދެމެދުގައި ވިހާ ކުދިންނެވެ. އަދި 22 ހަފްތާ ނުވާ، 500 ގްރާމް ވެސް ނުހުންނަ ކުދިންވާނީ ބައިގެންދާކުދިންނަށް ކަމަށް ބުނެ އެވެ. 

އެގޮތުން ބައިގެންދާ އެފަދަ ކުދިންގެ ގުނަވަންތައް އުފެދިފައި ނުވާނަމަ، އިންޓެންސިވް ކެއާއަށް އަދި ވެންޓިލޭޓަރަށް ލައިގެން ވެސް އެކުދިން ސަލާމަތްކުރަން ދަތިވާނެ ކަމަށް ޑޮކްޓަރު ވިދާޅުވެއެވެ. އަދި އެއްވެސް ހާލެއްގައި ދިރިނޯންނާނެކަން ޔަގީންވުމުން އެހާ އިންޓެންސިވްކޮށް ފަރުވާކުރުން ނުވަތަ ވެންޓިލޭޓަރަށް ލުމަކީ އެކުދިންނަށް ދެވޭނެ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް ވިދާޅުވެއެވެ.

އާންމުންގެ މެދުގައި ކަންބޮޑުވުން އިންތިހާއަށް އުފެދިފައިވާ މި މައްސަލާގައި ބައެއް ދީނީ އިލްމުވެރިން ވެސް އޭރު ވިދާޅުވަމުންދިޔައީ ފުރާނަ އަޅުވާފައިވާ ކޮންމެ ނަފްސެއްވެސް، އޭގެ އެންމެ ފަހު ވަގުތާ ޖެހެންދެން އެ ނަފްސެއް ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށެވެ. 

މިކަމުގައި އައިޖީއެމްއެޗުން އެފަހަރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާބަނޑު މީހެއްގެ ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު މަރުވެއްޖެނަމަ ނުވަތަ ވިހައިފިނަމަ އެހާލަތުގައި ހޮސްޕިޓަލުން ބަލާނީ ދަރިފުޅު ބައިގެން ދިޔައީ ކަމަށެވެ. މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިޔުމަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. 

ކޮންމެ ފުރާނައަކީވެސް އަގު ހުރި ފުރާނައެއް ކަމަށާއި އެކަމަކު ފަރުވާއަކީ އިލާހީ ގާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ސިއްހީ ގޮތުން މިހާތަނަށް ހޯދިފައިވާ އެކި ހޯދުންތަކާއި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ އިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ. އަދި ބަނޑަށް 32 ހަފުތާ ވުމުގެ ކުރިން، 12 ވަނަ ހަފުތާއިން ފެށިގެން ވެސް ކުއްޖާގެ ވިންދު ހުންނާނެކަން ފާހަގަކޮށް އައިޖީއެމްއެޗުން ބުނަނީ ކުއްޖާގެ ވިންދު ހުރިނަމަ ވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ

57%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް