ރޭ ބޭއްވި 2019ވަނަ އަހަރު މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިއަހަރުގެ ތެރޭގައިވެސް މުޅިން އާ ކަމެއް ތައުލީމީ ދާއިރާއަށް ތައާރަފް ކުރާނެ ކަމަށެވެ.
އެއީ ސެޓެލައިޓް މަފްހޫމުގެ ދަށުން ކިޔަވައިދޭން ފެށުމެވެ. މިއީ ސްކޫލްގައި ކިޔަވާ އުމުރުގެ ކުދިން މަދުވުމުން، ސްކޫލް ނެތް ރަށްރަށުގައި ކިޔަވައިދެވޭނެ ފަސޭހަ ގޮތެއް ގާއިމުކުރުމަށް ފަށާ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމް ފަަށާ ތިން ރަށަކީ ބ. އަތޮޅު ފެހެންދުއާއި، ވ. ތިނަދުއާއި، އެ އަތޮޅު ރަކީދޫ އެވެ. މި ރަށް ރަށުގައި މި އަހަރުގެ ދެވަނަ ޓާމްގައި، މި ޕްރޮގްރާމް ފެށޭނެކަން ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އޭރުން އެ ތިން ރަށުގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށްޓަކައި އުފުލަންޖެހޭ ބުރަ ފިލައިގެންދާނެ ކަމަށެވެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަދަ މުހިންމު ބަދަލުތައް ތައުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ، ގައުމު ތަރައްގީ ކުރާނެ މީހުން ބިނާކުރުމާއި، ގައުމު ތަރައްގީ ކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭފަދަ، އިލްމީ އަދި ޖިސްމާނީ ޤާބިލްކަން ދަރިންނަށް ހޯދައިދިނުން ކަމަށެވެ.