ads
ލ.ގަމު ކައުންސިލުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުން-----
ގަމުގައި އަޅާ ޓާޝަރީ އަދި ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން އަނެއްކާވެސް ތާރީހެއް!
ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި، ޓަޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގަމުގައި  ކެންސަރު ހޮސްޕިޓަލާއި، ޓާޝަރީ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާކަން ރައީސް ސޯލިހް އެންމެ ފުރަތަމަ ހާމަކުރެއްވީ 2020ވަނަ އަހަރުގެ ޑިސެމްބަރު ތެރޭގައެވެ. އެކަން އިއުލާންކޮށް ރައީސް އޭރު ވިދާޅުވީ އެ ހޮސްޕިޓަލުގެ އަަމަލީ މަސައްކަތް މިއަހަރުތެރޭ ފެށޭނެ ކަމަށެވެ. އިންޑިއާގެ އެހީގައި އަޅާ އެ ހޮސްޕިޓަލާ ގުޅޭ ލިޔެކިޔުންތަައް ދެ ދުވަހެއް ކުރިން އިންޑިއާ ސަރުކާރާ ހިއްސާކުރައްވާފައިވާ ކަމަށް އެދުވަހު ވިދާޅުވެފައިވެއެވެ.

ނަމަވެސް މިއަދު ރައީސް އަނެއްކާވެސް ވިދާޅުވީ އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމުގެ ދަށުން ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ކަމަށާއި، މީގެ އިތުރުން ވެސް ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު އެދެވޭ ހައްލެއް ހޯއްދަވައި ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް  މިގޮތަށް ވިދާޅުވީ ލ. ގަމު ކައުންސިލާއި ބައްދަލުކުރައްވާ، ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ތަރައްގީގެ ވިސްނުން އޮޅުން ފިލުވުމަށް މިއަދު މެންދުރުފަހު ރައީސްގެ ރަސްމީ ގެކޮޅުކަމުގައިވާ މުލީއާގޭގައި ބޭއްވެވި ބައްދަލުވުމުގައެވެ. 

ކައުންސިލަރުން ވަނީ ސަރުކާރުން ގަމުގައި ހިންގުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި އެއާޕޯޓް އިންޓަނޭޝަނަލް ކުރުން ފަދަ ބިޔަ މަޝްރޫއުތައް ހިންގަން ނިންމުމަކީ ސަރުކާރުން ގަމުގެ ތަރައްގީއަށް ދޭ އަހައްމިއްޔަތު ހާމަވާކަމެއްކަމުގައި ފާހަގަކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އަންނަ އަހަރަށް ގިނަ މަޝްރޫއު ތަކެއް ބަޖެޓް ކޮށްފައިވާއިރު މި މަޝްރޫއުތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ގަމު ކައުންސިލުން ވަނީ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ރަށުގައި ހިންގަންކަމަށާއި، މަގުހެދުމުގެ މަޝްރޫއާއި، ގިރާ ސަރަޙައްދު ހިމާޔާތްކުރުމާއި، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮއްދެއްވުމަށާއި، ރަށުގެ ސިއްހީ ހިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ ފެނާ ނަރުދަމާ ނިޒާމް ގާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަހައްދުތައް ތަރައްގީކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް