ads
މަރުނުވާ މީހުން ބައެއް ފަހަރަށް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅާ
އިންޑިއާގައި މަރުވިކަމަށް ބަލައި ފިނިކުރާ ބަޔަށް ލާފައި އޮތް މީހަކު ދިރިއޮއްވާ ފެނިއްޖެ
މަގުމަތީގެ އެކްސިޑެންޓެއްގައި މަރުވިކަމަށް ބަލައި ފިނިކުރާ ބަޔަށް ލާފައި އޮތް މީހަކު މަރު ނުވެ ދިރިއޮއްވާ ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދިއްލީގެ މުރާދު އާބާދުގައި ސައިކަލަކުން ޖެހި ސްރީ ކިޝަން ކުމާރަށް ލިބު ގެއްލުމަށް ފަރުވާކުރަން އޭނާ ކްލިނިކަކަށް ގެންދިޔަ އިރު އޭނާގެ ހާލު ވަރަށް ދެރައެވެ. އަދި އޭނާއަށް ފަރުވާދިން ޑޮކްޓަރުން އޭނާ މަރުވެފައިވާކަމަށް ބުނުމުން އޭނާ ފިނިކުރާ ތަނަކަށް ގެންދިޔައެވެ. 

ހުކުރު ދުވަހު އޭނާ ޕޯސްޓް މޯޓަން ހަދަން ޖެހޭތީ ގެންދިޔައީ ސަރުކާރުގެ ހޮސްޕިޓަލަކަށެވެ.

ހޮސްޕިޓަލްގެ އިސްބޭފުޅެއްކަމުގައިވާ ރާޖެންދުރަ ކުމާރު ވިދާޅުވީ އިމަޖެންސީ މެޑިކަލް އޮފިސަރ ވަނީ އެކްސިޑެންޓުވީ މީހާ ވަރަށް ބަލައި ޗެކްކޮށްފައެވެ. އޭނާ މަރުވީކަމަށް ނިންމީ ދިރިހުރިކަމުގެ  އެއްވެސް އަލާމާތެއް ފެންނަން ނެތުމުގެ ސަބަބުންނެވެ. 

މަރުވިކަމަށް ނިންމި މީހާގެ ތިމާގެ މީހުން ހޮސްޕިޓަލަށް އައީ އޭނާ ފިނިކުރާ ބަޔަށް ލީތާ ހަ ގަޑި އިރު ފަހުންނެވެ.

ފުލުހުންނާއި އާއިލާގެ މީހުން އޭނާ ޕޯސްޓް މޯޓަމް ކުރުމަށް ބޭނުންވާ ލިޔުންތައް ފުރިހަމަކުރަން މަރުވެފައި އޮތްކަމަށް ޑޮކްޓަރުން ބުނި ބަލި މީހާ އޮތް ތަނަށް ދިޔައިރު މަރުވެފައި އޮތްކަމަށް ޑޮކްޓަރުން ބުނި މީހާ އޮތީ ދިރިއެވެ. 

މީޑިއާއަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލްގެ އިސްބޭފުޅެއްކަމުގައިވާ ޑޮކްޓަރ ޝީވް ސިންގް ވިދާޅުވިގޮތުގައި މެންދަމުން އަނބުރާ ތިނެއް ޖެހިއިރު އިމަޖެންސީ ޑޮކްޓަރ ބަލިމީހާގެ ހާލުބެލިއިރު ވެސް އޭނާގެ ހިތުގެ ވިނދު ވަނީ ހުއްޓިފައެވެ.                                           

ޑޮކްޓަރ ޝީވް ސިންގް ވިދާޅުވި ގޮތުގައި އެމަޖެންސީ ޑޮކްޓަރ ބަލިމީހާ މަރުވެފައިވާކަމަށް ނިންމީ އެތައް ގޮތަކަށް އެތައް ފަހަރަކު ބެލުމަށްފަހުގައެވެ. ޑޮކްޓަރ ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރަމުންނެވެ.

"ދިރިހުރި މީހަކު މަރުވެފައި އޮތް މީހެއްކަމަށް ކަނޑައެޅުނީ ކީއްވެގެން ކަން އަޅުގަނޑުމެން މިދަނީ ބަލަމުން. އަޅުގަނޑުމެންގެ މަސައްކަތަކީ އިންސާނުންގެ ފުރާނަ ސަލާމަތްކުރުން."

ބަލިމީހާ މަރުވެފައިވާކަމަށް ޑޮކްޓަރުން ކަނޑައަޅައި ބުނާ ކިތަންމެ ބައެއްގެ ފުރާނަހުރިކަން ފަހުން އެނގިފައިވެއެވެ. އިންޑިއާއަކީ އެފަދަ ހާދިސާތައް ގިނައިން ހިނގާ ގައުމެކެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް