ads
ކުރިން އަތުލައިގެނަފައިވާ މަސްތުވާތަކެތި--
149 ކިލޯގެ ޑްރަގު މައްސަލަ އަލުން މުރާޖައާކުރަން ޕީޖީއަށް ލަފާ ދެނީ
ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަލުން މުރާޖައާކޮށް އަލުން ދައުވާ ކުރުމާއިމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަ ޖެނެރަލް(ޕީޖީ) ހުސެއިން ޝަމީމަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނިންމައިފި އެވެ.

މި މައްސަލާގައި ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ އެ މައްސަލަ ޕީޖީން އަލުން މުރާޖާ ކޮށް، ދައުވާ ކުރަން ޝަރީއަތަށް ފޮނުވަން ފުރިހަމަ ކުރަން އޮތް ކަމެއް ފުރިހަމަ ކުރުމަށް ފެންނަ ކަމަށެވެ. އެ ރިޕޯޓުގައި ބުނީ އެ މައްސަލައަކީ ޝަރީއަތް ހިންގައި ހެކި ވަޒަންކޮށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ނިންމާފައިވާ މައްސަލައެއް ނޫން ކަމުން އަލުން ދައުވާ ކުރުމުގެ ފުރުސަތު އޮތް މައްސަލައެއް ކަމަަށާއި، ޖިނާއީ މިފަދަ ބޮޑު މައްސަލަތަކުގައި ދައުވާނުކޮށް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

އަދި އެގޮތަށް ކޯޓުން ބޭރުކޮށްލާފައިވާ އެހެން މައްސަލަތަކުގެ ތެރެއިން އަލުން ކޯޓަށް ހުށަހެޅިފައި ނުވާ މައްސަލަތައް އަލުން މުރާޖައާކޮށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީއަށް ލަފާ އަރުވަން ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައާ ގުޅިގެން ކުރި ދައުވާގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިމައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލީ، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައެވެ. 

ކްރިމިނަލް ކޯޓުން އެގޮތަށް ނިންމުމުން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ. ނަމަވެސް އެކޯޓުން މައްސަލަ ބޭރުކޮށްލީ، ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ. 

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގުން ނަމަ އޭރު 260 މިލިއަން ރުފިޔާގެ އަގު ހުއްޓެވެ. ގައްދޫ ކޯޓުގެ ނިންމުމުގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި ޕީޖީން ލަހުން ދައުވާ ކުރުމާއި މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަންގައި މީސްމީހުންގެ ގޭގެއަށް ކޯޓު އަމުރެއް ނެތި ވަނުމާއި ތުހުމަތުވި ބައެއް މީހުން ހައްޔަރު ނުކޮށް އަދި ކޯޓު އަމުރެއް ވެސް ނެތި ގިނަ އިރުތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމާއި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް