ads
ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ދައުލަތުގެ ކަމާ ގުޅޭ އިދާރަތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފައި -- ފޮޓޯ: މަޖިލިސް
ކުޑަކުދިންގެ މައްސަލަތަކުގައި މުޅިންވެސް ފެންނަނީ އިހްމާލު!
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މިވަނީ އިންތިހާ އަށް ގޮސްފަ އެވެ. މިއީ ބައެއް މީހުން ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ހަގީގަތެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މިވަނީ އިންތިހާ އަށް ގޮސްފަ އެވެ. މިއީ ބައެއް މީހުން ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ހަގީގަތެވެ.

ރާއްޖޭގެ އެތައް އާއިލާއެއްގެ ތެރޭގައި މި ނުބައި ފާހިޝް އަމަލު ދަނީ ހިނގަމުންނެވެ. ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓް ކުރަމުން ދަނީ ނިސްބަތުން މަދު އަދަދެކެވެ. މިފަދަ ގިނަ މައްސަލަތައް ސިއްރުކޮށްފައި ވަނީ ތިމާގެ އާއިލާއަށް ނުވަތަ ރަށަށް ލިބިދާނެ ހުތުރު ނަމަށްޓަކަ އެވެ. މިފަދަ މައްސަލަތަކުގައި އިންސާފު ނުލިބި ގިނަ ދުވަސް ވުމަކީ ވެސް ބައެއް މައްސަލަތައް ރިޕޯޓް ނުކުރާ ސަބަބެކެވެ. ނަމަވެސް މިފަދަ މައްސަލަތައް ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓް ނުކުރުމަކީ ހަދާ ވަރަށް ބޮޑު ގޯހެކެވެ. އަދި އެއީ ވަރަށް ބޮޑު އިހްމާލެކެވެ. އެއީ ރައްޔިތެއްގެ ފަރާތުން ފެނިގެންދާންޖެހޭނެ އިހްމާލެއް ނޫނެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށްލި ހާދިސާއަށް ބަލާއިރު ވެސް ފެންނަނީ ބައެއްގެ އިހްމާލެވެ. ދެ އަހަރުގެ ތުއްތު ކުއްޖާ އަށް އެންމެ ބޮޑަށް ޖިންސީ ގޯނާކުރި ކަމަށް ބެލެވޭ ކުއްޖާގެ ކާފަ އަކީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 2014 އަދި 2015 ވަނަ އަހަރުވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. ނޫސްތަކުގެ ފަތްފުއްތަކުން މިކަން އެނގެން އެބަހުއްޓެވެ. ދެ އަހަރުގެ ކުއްޖާގެ ކާފަގެ މައްސަލަ އޮތީ ކުރިން މި ފާހަގަކޮށްލި މައްސަލަތަކުގައި ދައުވާކުރަން ވެސް ކޯޓަށް ފޮނުވާފަ އެވެ. ނަމަވެސް ކޯޓުގައި މައްސަލަ ކުރިއަކަށް ނުދެ އެވެ. އެހެންކަމުން ފުލުހުން ވަނީ މި މީހާގެ އުމުރަށް ބެލުމަށްފަހު ބަންދުން ދޫކޮށްލާފަ އެވެ.

ފުލުހުންގެ މި ނިންމުމާ ގުޅިގެން ތުހުމަތެއްގެ ބަންދުގައި ހުރި މީހަކު މިނިވަންވެ އަނެއްކާވެސް ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރުމަކީ ފުލުހުންގެ އިހްމާލެކެވެ. ފުލުހުންގެ މި އިހްމާލުގެ ސަބަބުން ކުޑަ ކުއްޖެއްގެ މުސްތަގުބަލް އެވަނީ ގެއްލިފަ އެވެ. ރަނގަޅަށް ވާހަކަދައްކަން ނޭނގޭ ތުއްތު ކުއްޖަކަށް އެވަނީ ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ލިބިފަ އެވެ. މި އިހްމާލުގެ ޒިންމާ ފުލުހުން ނަގަންޖެހޭނެ އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރެވޭ މީހާގެ ޝަރީއަތް ނުހިނގާތީ މިނިވަންކުރާނަމަ އެމީހެއްގެ އަމަލުތަކަށް ފާރަވެރިވުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ކޯޓުތަކަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަން ޕީޖީ އޮފީހުގެ ރިޕޯޓްތަކާއި ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކުގެ ތާވަލްތަކަށް ބަލާއިރު އެނގިގެންދެ އެވެ. އެހެންކަމުން މައްސަލައިގެ ސީރިއަސްކަމާއި އަނިޔާ ލިބިފައިވާ ކުޑަ ކުދިންގެ ހައްގުގައި މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސްކުރަންޖެހެ އެވެ. އެކަމަކު ފުލުހުން އެ ބުނާ ގޮތަށް ކޯޓުން މައްސަލަ ނުނިމި އަހަރުތަކެއް ފާއިތުވުމަކީ އިންސާފަށް ހުރަސް އެޅުމެވެ. އެކަމުގެ ސަބަބުން ގެއްލިގެން ދަނީ އެތައް ބައެއްގެ ހައްގުތަކެވެ. މިއީ އިންސާފު ގާއިމުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ޝަރުއީ ކޯޓުގެ އިހްމާލެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އިތުރުވެ އެކަން ގައުމީ މައްސަލައަކަށް ވެގެންދިޔައިރު ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ސަރުކާރުގެ މުއައްސަސާ އަކީ ޖެންޑާ މިނިސްޓްރީ އެވެ. ރައްޔިތުންގެ ޝުއޫރުތަކަށް ބަލާއިރު ހައްގުތައް ކަށަވަރުކޮށްދިނުމުގައި ޖެންޑާ މިނިސްޓްރީ ވަނީ ބޮޑުތަނުން ފެއިލްވެފަ އެވެ. އެހެންކަމުން ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެ މިނިސްޓްރީގެ އިހްމާލު އޮތް ކަމަށް ގަބޫލުކުރަންޖެހެ އެވެ.

އެކަމަކު ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕްކޮށްލި މައްސަލައިގައި ޒިންމާވާންޖެހޭ އިދާރާތަކުގެ ވެރިން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހޮނިހިރު ދުވަހުގެ ރޭ ހާޒިރުކުރުމުން ފެނިގެން ދިޔައީ މުއައްސަސާތަކުގެ އިހްމާލެއް ނެތް ކަމަށް ކޮންމެ މުއައްސަސާއަކުން ވެސް ރައްޔިތުންނަށް ބުނެދޭން އުޅުނު މަންޒަރެވެ. ފެނިގެން ދިޔައީ ބޮޑު އިހްމާލުން ރެކެން މުއައްސަސާތަކުގެ އިސް ބޭފުޅުން ކުރެއްވި މަސައްކަތެވެ. ކޯޓުތަކާ ހެދި ކަންކަމުގައި ދަތިވާ ކަމަށް ބުނެ ފުލުހުން މަސައްކަތް ކުރީ ފުލުހުންގެ އިހްމާލެއް ނެތް ކަމަށް ދެއްކުމަށެވެ. ކޮމިޓީގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކުރެއްވީ ބަޖެޓާއި މުވައްޒަފުން ނުލިބުމުގެ ޝަކުވާ އެވެ. އެކަމާ ގުޅިގެން ކުރަން ބޭނުންވާ ކިތަންމެ ކަމެއް ނުކުރެވި ހުރި ކަމަށްވެސް ވިދާޅުވި އެވެ.

ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ނުދާތީ ފުލުހުންނަށް ދަތިތަކެއް ދިމާވެދާނެ އެވެ. ބަޖެޓާއި މުވައްޒަފުން ބޭނުންވާ ވަރަށް ނުލިބޭނަމަ ޖެންޑާ މިނިސްޓަރަށް ވެސް ދަތިވެދާނެ އެވެ. އެ ވާހަކަތައް ގަބޫލުކުރަމެވެ. އެ ހުރިހާ ދަތިތައް ހުރެގެން މަސައްކަތް ނުކުރެއްވޭނަމަ ހުރި ދަތިތަކާ އެކު މަސައްކަތް ކުރެއްވޭ އަދި ކުރައްވަން ބޭނުންވާ ބޭފުޅަކަށް ފުރުސަތު ދެއްވުމަކީ ވެސް ކުރެއްވެން އޮތް ކަމެކެވެ. ދަތިތައް ހުރެގެން މަސައްކަތް ނުކުރެއްވޭނަމަ އެ ހާލަތުގައި މަގާމުގައި ހުންނެވުމަކީ ވެސް މުޅި ގައުމާ މެދު ވެވޭ ބޮޑު އިހްމާލެކެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް