ads
ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވ. އާރަށު މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފި
ވ. އާރަށު މައްސަލައިގައި ވެސް މަނީ ލޯންޑަރިންގެ ދައުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާ ދައުވާކުރަން ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅައިފި އެވެ.

ދައުވާ އުފުލީ ރައީސް ޔާމީން އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑަ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތައް

  1. މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ
  2. ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ

މިމައްސަލާގައި ޔޫސުފް ނައީމްގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ އުފުލީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

ވ. އާރަށާއި ގުޅޭ މައްސަލައަކީ، ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި މިއަހަރުގެ އެޕްރީލް މަސް ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ. ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެމައްސަލަ ފޮނުވީ، ކޮވިޑް-19އާއި ގުޅިގެން ރައީސް ޔާމީން ގޭބަންދަށް ދޫކޮށްލާފައިވަނިކޮށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ޕީޖީ އޮފީހަށް މިމައްސަލާގައި ޖިނާއީ ދައުވާއެއް ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް އެދި ފޮނުވާފައި އޮތީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ކުށުގެ ތުހުމަތުކޮށެވެ. 

ވ.އާރަށަކީ އެއަތޮޅު ތިނަދޫ ކައިރިން އޮންނަ ކުޑަ ފާޅުރަށެކެެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން އެރަށްދީފައިއޮތް ނަމަވެސް ތަސްނީމުގެ އަތުން  އެރަށް ވަނީ 2015 ވަނަ އަހަރު އަތުލާފަކަމަށްވެއެވެ. އެރަށް ތަސްނީމުއަތުން އަތުލީ އޮގަސްޓުމަހުއެވެ. އެފަހުން އެއާއި ޖެހިގެން އާ ސެޕްޓެމްބަރު މަހު އެއަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ  "ޓޫޖީ" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ ރަށް ހަވާލުކުރިކަމަށް ވެއެވެ.

ނައީމްއަކީ ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ ވަނީ ހަމައެމަހު އެރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާ ރައީސް ޔާމީންގެ އެކައުންޓަށް އޭގެ ބަދަލެއްގެ ގޮތުން އެއްމިލިއަން ޑޮލަރު ޖަމާކޮށްފަ ކަމަށް ވެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާވި މައްސަލައެއްގައި ފަސް އަހަރުގެ ހުކުމެއް މިހާރު ވެސް ރައީސް ޔާމީން ގެންދަވަނީ ތަންފީޒުކުރައްވަމުންނެެވެ. އަދި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލާގައި ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތެއް ދަނީ ހިގަމުންނެވެ. 

އެހެންކަމުން އަލަށް ދައުވާކުރުމަށް ފޮނުވާފައިމިވާ އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމުން އެ މައްސަލަ ވާނީ އެމަނިކުފާނުގެ މައްޗަށް އުފުލާ ހަ ވަނަ ޖިނާއީ ދައުވާއަށެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.  އޭގެފަހުން 501 ދުވަހު ޖަލުގައި ހުންނެވުމަށްފަހު ގޭ ބަންދަށް ވަޑައިގެންފައިވަނީ އެޕްރީލް މަސްތެރޭގައެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދިޔުމާއި ގުޅިގެންނާއި އާއިލާގެ ފަރާތުން އެކި ފަހަރުމަތިން އެގޮތަށް އެދިފައިވަނިކޮށެވެ

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް