ads
ނައިބުރައީސް
ނައިބު ރައީސް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް ފައިސަލް ނަސީމް، ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރޭ ނިންމަވާލައްވައިފި އެވެ.

ނައިބު ރައީސް ބަންގްލަދޭޝްއަށް މި ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސް ބަންގްލަދޭޝްއަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނުއެވެ. އެމަނކުފާނު ބަންގްލަދޭޝްއަށް ވަޑައިގެންނެވުމާއެކު އެގައުމުގެ ފޮރިން މިނިސްޓަރ ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްހަބާ ދަންނަވާފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގަބަންދު މިއުޒިއަމް އާއި ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިންގ ސެންޓަރ (ބީ.ކޭ.ޓީ.ޓީ.ސީ) ފަދަ މުހިންމު ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ދަތުރުފުޅުގައި، ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެންއާއި، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް އިމްރާން އަޙްމަދާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމް.ޑީ. ޒާހިދު އަހްސަން ރަސަލްއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ދީޕޫ މޮނީއާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ ޒާހިދު މަލީކްއާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުންތަކަށްފަހު އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ އެކި އިދާރާތަކުން ދިވެހި ދަރިވަރުންނަށް ދެއްވި ސްކޮލަރޝިޕްގެ ފުރުޞަތުތައް ޤަބޫލުފުޅު ކުރައްވާފަ އެވެ.

ހަމަ އެއާއެކު މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ. މި ބައްދަލުކުރެއްވުމަށްފަހު، ނައިބު ރައީސް ވަނީ ޑާކާގެ ހޮޓެލް އިންޓަކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ޝައިޚް ޙަސީނާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައި މަޝްވަރާކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް