ads
ބޮންޑޭ
"ކަނޑު ބައިކުރުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހޭނީ ޗާގޯސް ހޯދުމަށް: މެމްބަރު ބޮންޑޭ
ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަންޖެހޭނީ ޗާގޯސް (ފޯޅަވަހި) ހޯދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ އައްޑު އަތޮޅުގެ ދެކުނުން އޮންނަ މޮރީޝަސްގެ ސިޔާދަތުގެ ދަށުގައިވާ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާކަމަށްބުނެ މޮރިޝަސްއިން ކަނޑުގެ ޤާނޫނާބެހޭ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްއަށް މައްސަލައަށް ރާއްޖެއިން ޖަވާބުދީފައިވާކަމަށް ބުނެ އެޓާނީޖެނެރަލް އޮފީހުން ބަޔާނެއް ނެރެފައިވަނިކޮށެވެ.

މެމްބަރު ރަޝީދު ވިދާޅުވީ ޗާގޯސް އާއި ރާއްޖެ އާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު ބައިކޮށް ވަކިކުރުމަށްޓަކައި މޮރިޝަސްއިން މަސައްކަތް ކުރަމުންދާއިރު، ޗާގޯސް އަކީ ދިވެހިންގެ ތަނެއްކަން ތާރީހުން ސާބިތުވާން އޮތް އިރު އެ ތަން ދޫކޮށްލާފައިވާ ދޫކޮށްލުން އަނބުރާ ގެނެސް އެ ތަން ހޯދުމުގެ މަސައްކަތް ކުރަންޖެހޭކަމަށެވެ.

"ސަރުކާރުން މަސައްކަތް ކުރަންވީ ކަނޑުގެ އެއްބައި ހޯދާކަން ނޫން. ސަރުކާރުން ކުރަންޖެހޭނެ މަސައްކަތަކީ ޗާގޯސް ހޯދުން. ފޯޅަވައްސަށް (ޗާގޯސް)އަށް ގޮސް އެތަން ދިރާސާކޮށްފި ނަމަ ފޯޅަވަހީގެ ހަގީގީ މިލްކްވެރިންނަކީ ދިވެހި ރައްޔިތުންކަން ސާބިތު ކޮށްދެވޭނެ،" މެމްބަރު ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗާގޯސް އާ އިންވެފައިވާ ކަނޑުގެ މައްސަލައަށްވުރެ ދިވެހިންނަށް ބޮޑުވާން ޖެހޭނީ އެ ތަނުގެ މިލުކުވެރިކަން ކަމަށާއި އެ ތަނަކީ ދިވެހިންގެ ތަނެއްކަން ސާބިތުވާނެ މިންވަރަށް ތާރީހުން ޖަވާބު ލިބޭނެކަމަށެވެ.

ޗާގޯސް އާ ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ އިހުތިސޯސް ކަނޑައެޅުމުގެ މައްސަލަ މޮރިޝަސްއިން ޤާނޫނާބެހޭ ބައިނަލްއަޤްވާމީ ޓްރައިބިއުނަލަށް އެ ގައުމުން ހުށަހަޅާފައިވަނީ ސެޕްޓެމްބަރ 2019 ގައެވެ.

އެ މައްސަލައަށް ރާއްޖެއިން ޖަވާބުދީފައިވާއިރު އެ މައްސަލާގައި ސަރުކާރުން އަމަލުކުރާގޮތުން ވިސްނަންޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ތަޖުރިބާކާރު ގާނޫނީ ވަކީލު ޑރ. މުހައްމަދު މުނައްވަރުވަނީ ވިދާޅުވެފަ އެވެ.

 ކަނޑުގެ އިހުތިސާސް ކަނޑައެޅުމުގެ މައްސަލާގައި ޑރ. މުނައްވަރު ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށާއި އަދި މިއީ ވަރަށް ސީރިއަސް އަދި އެހާމެ މުހިއްމު ޤައުމީ މައްސަލައެއް ކަމަށެވެ.

"މި މައްސަލައަކީ ދިވެހިރައްޔިތުންނާއި ދިވެހި މަސްވެރިން، ޚާއްޞަކޮށް ރާއްޖޭ ގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިން ފުންކޮށް ވިސްނައި ، ކަންބޮޑުވާންޖެހޭ މައްސަލައެއް،" މިމަހުގެ ހަތް ވަނަ ދުވަހު ޑރ. މުނައްވަރު ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

ކަނޑުގެ އިހުތިސާސް ކަނޑައެޅުމުގެ މައްސަލައަށް ރާއްޖެއިން ޖަވާބުދީފައިވާކަން ސަރުކާރުން ހާމަކުރި އިރު އެޓާނީ ޖެނެރަލް އޮފީހުން ބުނީ އެ މައްސަލާގައި ވަކާލާތު ކުރަން ތަޖުރިބާކާރު ޓީމެއް އައްޔަނުކޮށްފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް