ads
ހައި ކޯޓު---ފޮޓޯ:ދި އެޑިޝަން
އުދައްޔު މަރާލިކަމަށް ބުނާ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ކުރި އަމުރު ބާތިލުކޮށްފި
ގއ. މާމެންދޫގައި މިދިޔަ މާޗު މަހުގެ އަށް ވަނަ ދުވަހުގެރޭ މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ ދައުވާ ލިބޭ ކުޑަކުއްޖާ، ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތްކަމަށް ބުނެ ޖުވެނައިލް ކޯޓުން ގޭ ބަންދަށް ބަދަލުކުރަން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

އެކުއްޖާ ގޭ ބަންދަށް ބަދަލު ކުރަން ޖުވެނައިލް ކޯޓުން އަމުރުކޮށްފައިވަނީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް މިވަގުތު ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާތީ އެކަމަށް ރިއާޔަތް ކޮށެވެ. ކޯޓުން ބުނާގޮތުން ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނެތްކަމަށް ބުނެ އެފަދަ ޖަލެއް ގާއިމުކުރުމަށް އެޗްއާރުސީއެމުން ދިން މުއްދަތުގައި އެކަން ނުކުރެވޭނެކަމަށް ކަރެކްޝަންސްއިން ކޯޓަށް ވަނީ އަންގާފައެވެ. 

މާމެންދޫގައި ދެކުދިންނާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެކުދިންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަށް ލިބި، އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން 17 އަހަރުގެ އަދުއްޔު މަރުވި މައްސަލާގައި 18 އަހަރުން މަތީގެ ތިން މީހަކާއި 17 އަހަރުގެ ކުއްޖަކަށް ދައުވާ ކުރަން ފޮނުވިއެވެ. 

ދައުވާ ކުރާ 17 އަހަރުގެ ކުއްޖާއަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެެވެ. 

އޭނާއަށް މިހާރު 18 އަހަރު ފުރިފައިވާއިރު އެކަށީގެންވާ ޖަލެއް ނެތްކަމަށް ބުނެ މަރުގެ ދައުވާ ލިބޭ ކުއްޖަކު ގޭބަންދަށް ބަދަލުކުރުމުން ޕީޖީ އޮފީހުން މީގެ ކުރިން ބުނީ، އެ ނިންމުމާ މެދު އަމަލު ކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭގެފަހުން އެމައްސަލަ ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ، އެ ކުއްޖާއަކީ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއްގެ ތުހުމަތުވާ ކުއްޖެއް ކަމާ މެދު، ކުއްޖާގެ ފަރާތުން ވެސް އަދި ދައުލަތުން ވެސް ދެބަސް ނުވާ ކަމަށާއި، އޭނާއަށް ތުހުމަތުކުރެވޭ ކުށުގެ އަމަލަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގްރޫޕް މާރާމާރީ ހިންގައި އެ ކަމުގެ ސަބަބުން މީހަކު މަރުވެގެން ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިންގާފައި ވަނީ އަނިޔާވެރިކޮށް ކަމަށްވާއިރު އެފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުކުރެވޭ ފަރާތެއް ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ބަލަން ޖެހޭ ކަމަށް ވެސް ހައި ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ. 

ރަހީނު ކުރުމަށްފަހު މަރާލާ، ފޮއްޓަކަށްލާ އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ހައްޔަރުކުރުކޮށް ދައުވާ އުފުލާފައިވާ 17 އަހަރުގެ ކުއްޖާވެސް ވަނީ ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތްކަމަށް ބުނެ ޖުވެނައިލް ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ގޮތަށް ހާދާ ޖަލު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް