ads
ހޯމް މިނިސްޓަރު އިމްރާން އަބްދުالله------
ކުޑަ ހުވަދޫއަކީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކަށް އެންމެ ލާއިޣު ރަށް : މިނިސްޓަރު
ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާންކުރާ އެންމެ ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ މިއަދު އެޅި ދ.ކުޑަހުވަދޫ އަކީ އެކަަމަށް އެންމެ ލާއިޣު ރަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

ގާނޫނުގެ 80 ވަނަ މާއްދާގެ 1 ގައި ބަޔާންކުރާ ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އަޅަނީ ކުޑަހުވަދޫގައެވެ. 

އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެއީ އެބިންގަލުގެ މައްޗަށް ރާއްޖޭގެ އިޖުތިމާއީ ވެށި ހަރުދަނާ ކުރުމުގެ މުހިއްމު ބިނާއެއް ބިނާކުރެވިގެންދާނެ ބިންގާކަމަށާއި ރާއްޖޭގެ މިއަދުގެ ހާލަތުގައި ބޮޑަތި އިޖުތިމާއީ އެތައް ކަމެއް އެބަހުރިކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ މުޖުތަމައުތަކުގައި އުފެދިގެންދާ އިޖުތިމާއީ ރައްކާތެރިކަމާއި, ބަދަހިކަމާއި ދުޅަހެޔޮކަމަކީ އެތަންތަނުގެ އިޤްތިސާދީ ކުރިއެރުމަށްވުރެ ބޮޑަށް ކުރިއަރާފައިހުރި ކަންކަންކަމަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ގައުމުގައިވެސް ކުރިއަރާ އުފާވެރި މުޖުތަމައުއެއް ލިބެން ބޭނުންކަމުގައިވާނަމަ އެމަގުން ހިނގުން އެއީ ކޮންމެހެން ކުރަންޖެހޭނެކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ މިއަދު މިކުރިމަތިލާ މައްސަލަތަކަށް ހައްލު ހޯދޭނީ ހުރިހާ އެންމެން އެކުވެ, ގުޅި ލާމެހިގެންކަމަށާއި ރާއްޖޭގެ ވީރާނާވެ ހަލާކުވެފައިވާ އިޖުތިމާއީ ވެށި އަނބުރާ ރުޖޫއަކުރެވޭނީ ސަރުކާރާއި ރައްޔިތުންނާއި, ޖަމްއިއްޔާ ޖަމާއަތްތަކާއި, މުޅި ދައުލަތުގައި ހިމެނޭ ހުރިހާ އެންމެން އެކުވެ ގުޅި ލާމެހިގެންކަމަށެވެ.

“އެއީ އަޅުގަނޑުމެންނަށް ކުރިއަރައިގެން ދެވޭނެ ގޮތަކީ. ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއް ބިނާކުރުން. އެއަށްފަހު އެފަރުދުގެ މައްޗަށް ބިނާވާ ހެޔޮލަފާ ރަނގަޅު އާއިލާއެއް ބިނާކުރުން. އެއާއެކުގައި ބަދަހި ދުޅަހެޔޮ އިޖުތިމާއީ ރަނގަޅު މުޖުތަމައެއް ބިނާކުރުން. އޭގެ މައްޗަށް ޤައުމެއް ބިނާވެގެންދާނީ." މިނިސްޓަރު ވިދާޅުވިއެވެ.

އެންމެން ގުޅިގެން އެކުވެ މިކުރާ މަސައްކަތަކީ އެއީ ކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ މިސަރުކާރު ހަވާލުވެ އެ މައްސަލަތަކުގެ ހާލަތު ދެނެގަނެ ހައްލު ހޯދުމުގެ މަސައްކަތްތައް ފަށައިގަން ކަމަަށާއި މިއަދު މިއެޅުނު ބިންގަލަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ މައްޗަށް ކުރެވުނު މަސައްކަތްތަކުގެ މުހިއްމު އެއް މަސައްކަތުގެ ބިންގާކަމަށެވެ. މިމަސައްކަތް ފުރިހަމަވެ ކާމިޔާބުވާނީ ކުޑަހުވަދޫގެ ރައްޔިތުންގެ އެއްބާރުލުމާއެކުކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ ކުޑަހުވަދޫއަކީ މިކަމަށް ވަރަށް ލާއިޣު ރަށެއްކަމަށެވެ.

މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަލާލާއިރު މިގައުމުގައި ކުރިއަރާ ތަރައްގީވެ ކުރިއަށްދިއުމުގެ ގިނަ ވިސްނުންތައް އެބަހުރިކަން ފާހަގަކުރަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ނަމަވެސް އޭގެތެރެއިން އެންމެނަށް އެންމެބޮޑަށް ޤަބޫލުކުރެވެނީ އިގްތިސާދީ ތަނަވަސްކަމާއި, މާލީ ފުދުންތެރިކަމާއި ތިޔާގިކަން އޮތުން އެއީ ހިތްހަމަޖެހުމާއި އުފާ ލިބުމުގެ އެންމެ މުހިއްމު ސަބަބެއްކަމުގައި ކަމަށެވެ.

"އެކަމަށްޓަކައި އެންމެނަށް ވާދަކުރެވި ހުރިހާ ވަގުތެއް ހޭދަކުރެވި އަޅުގަނޑުމެންގެ ހުރިހާ ހަކަތައެއް ދުއްވާލެވެނީ ތިޔާގިކަމާއި ތަނަވަސްކަމަށް. ލޮލަށް ފެންނަ ތަރައްޤީއާއި ކުރިއެރުމަށް. އެހެންނަމަވެސް އިންސާނީ މުޖުތަމައެއް އުފާވެރި ހިތްހަމަޖެހޭ މުޖުތަމައަކަށްވާނީ އިޤްތިސާދީ ތަނަވަސްކަމާއި, ތިޔާގިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެ ކުރިއަށް އިޖުތިމާއީ ދުޅަހެޔޮކަމާއި, ބަދަހިކަމާއި ރައްކާތެރިކަން ހޯދައިގެން." މިނިސްޓަރ ވިދާޅުވިއެވެ.

މިސެންޓަރަކީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކޮށްގެން, އިސްލާހުކޮށް މުޖުމަތައަށް އަނބުރާ ނެރުމަށްޓަކައި ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން އިމާރާތް ކުރާ ސެންޓަރެކެވެ. އަދި ކޯޓް އަމުރުގެ ދަށުން ވަކި މުއްދަތަކަށް އެކަހެރިކޮށް އެކުދިންނަށް ރައްކާތެރިކަން ދިނުމާއެކު އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ އިންތިޒާމްވެސް ހަމަޖައްސާނީ މިމަރުކަޒުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް