ads
ނައިބްރައީސް އައްޑޫ ސިޓީގައި ސްކޫލްތަކުގެ ވެރިންނާ ބައްދަލު ކުރައްވަނީ ފޮޓޯ ރައީސް އޮފީސް
12 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަނީ
ބާރަ ސްކޫލަކަށް ޕްރިންސިޕަލުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައ ޕްރިންސިޕަލުން ބޭނުންވާ ރަށްރަށުގެ ތެރޭގައި ހއ. ފިއްލަދޫ ސްކޫލް، ރ. ފައިނު ސްކޫލް، ށ. ގޮއިދޫ ސްކޫލް، ގއ. ކޮނޑޭ ސްކޫލް، ހއ. ވަށަފަރު ސްކޫލް، ވާދޫ ޖަމާލުއްދީން ސްކޫލް، ހއ. ބާރަށު ސްކޫލް، މ. އަތޮޅު ތަޢުލީމީ މަރުކަޒު، ހދ. ނޭކުރެންދޫ ސްކޫލް، ހދ. ހިރިމަރަދޫ ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން ނ. މަގޫދޫ ސްކޫލް ހިމެނެއެވެ. 

ޕްރިންސިޕަލުންގެ އަސާސީ މުސާރާގައި ރޭންޖެއްގެ ގޮތުގައި އިއުލާނުގައިވަނީ 6295.00- 15560.00 ދެމެދެވެ. އޭގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި 2500.00 ރުފިޔާ ލިބެއެވެ. 

މިމަހުގެ 24 ވަނަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ޕްރިންސިޕަލުން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވަނީ މުސާރަ ކުޑަވުމުގެ ސަބަބުންނެވެ. 

މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މުސާރަކުޑަވުމުގެ ސަބަބުން ޕްރިންސިޕަލުން އެހެންދާއިރާތައް އިޚްތިޔާރު ކުރައްވާ ކަމަށާއި، އެގޮތުން މަޖިލީހާއި ކައުންސިލްތަކުގައިވެސް މިހާރު ޕްރިންސިޕަލުން އެބަތިއްބެވި ކަމަށެވެ. 

މިނިސްޓަރާ ސުވާލު ކުރެވުނީ މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލެއް ނެތި ދުވަސްތަކެއް ވެފައިވާތީ ޕްރިންސިޕަލެއް ލިބޭނެ ދުވަހަކާ ގުޅޭ ގޮތުންނެވެ. 

މިނިސްޓަރު ވިދާޅުވީ މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލެއް ނެތީ 15 އޮގަސްޓުން ފެށިގެން ކަމަށާއި، އެއީ ޕްރިންސިޕަލް ވަޒީފާ ދޫކޮށް ވަޑައިގެންނެވުމާ ގުޅިގެން ކަމަށެވެ. އެހެންވެ 18 އޮގަސްޓުގައި ޕްރިންސިޕަލެއް ހޯދުމަށް އިއުލާނު ކުރެވުނު ކަމަށާއި، އެހެން ނަމަވެސް މަގާމަށް އެކަށީގެންވާ ބޭފުޅަކު އެދިފައި ނުވާކަމަށެވެ. އޭގެފަހުން 8 ސެޕްޓެމްބަރުގައިވެސް އިއުލާން ކުރެއްވި ކަމަށާއި އެ އިއުލާނަށްވެސް ޝަރުތު ހަމަވާ ބޭފުޅަކު އިޖާބަ ނުދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޮކްޓޫބަރު މަހު ތިންވަނަ އިއުލާނެއް ކޮށް މިހާރު ޕްރިންސިޕަލެއް ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕްރިންސިޕަލުން ރަށްރަށަށް ލިބުމުގެ ދަތިކަމަށް ހައްލު ގެނައުމަށްޓަކައި މިނިސްޓްރީން މަސައްކަތްތަކެއް މިހާރު ކުރަމުން ގެންދަވާ ކަމަށާއި އެގޮތުން ރަށުން ބޭރަށް މިނިސްޓްރީން އެދިގެން ދާ ޕްރިންސިޕަލުންނަށް މިހާރު އެލަވަންސްގެ ގޮތުގައި އިތުރު 3000 ރުފިޔާ ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ޕްރިންސިޕަލުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ. 

އެންމެފަހުން އެފަދަ ޕްރޮގްރާމެއް ހިންގަވާފައިވަނީ 2011 ވަނަ އަހަރުކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިސަރުކާރުން 2020 ވަނައަހަރު ޕްރިންސިޕަލުން ތަމްރީން ކުރަން ފޮނުވަން ވިސްނި ކަމަށާއި އެހެންނަމަވެސް މެލޭޝިއާގެ ބޯޑަރު ބަންދުވުމާ ގުޅިގެން އެކަން ކުރެވޭ ގޮތަ ނުވާކަމަށެވެ. އެހެންވެ، މިއަހަރު 20 މީހުން ތަމްރީން ކުރުމަށް މިހާރު ސްކްރީން ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މީގެ އެއްއަހަރު ފަހުން ގާބިލު 20 ޕްރިންސިޕަލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ތިންވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ލީޑިން ޓީޗަރުން ފެށިގެން މަތީ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ތަމަރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގަވާ ކަމަށެވެ. އަދި ތަޖްރިބާ ހޯދުމަށްތަކައި ޕްރިންސިޕަލުން އެހެން ސްކޫލްތަކަށް ދަތުރުކޮށް މައުލޫމާތު ހޯދުމުގެ ޕްރޮގްރާމްތައް ހިނގޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް