ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް——
ބައެއް ހިދްމަތްތައް ކައުންސިލުން ދޭ ގޮތަށް އިސްލާހު ކުރި ތިމާވެށި ބިލް ތަސްދީގު ކޮށްފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި އެވެ.

މި ގެނައި އިސްލާހުގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

މި ބިލަކީ، 2021 ނޮވެންބަރު މަހުގެ 16 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ޤާނޫނު (ނަމްބަރު: 4-1993)އަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު ހުށަހަޅާފައި ވަނީ ކައުންސިލުތަކުން މި ޤާނޫނުއި ގުޅުންހުރި ބައެއް ހިދުމަތް ފޯރުކޮށްދިނުމާއި ގުޅޭގޮތުންނެވެ. މި ޤާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް ވަނީ އިތުރު މާއްދާއެއް އިތުރު ކޮށްފައެވެ. އެއީ 10.1 އެވެ.

10.1 ގެ (ހ) ގެ ދަށުން އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރުމަށް ކަނޑައަޅުއްވާފައިވެއެވެ. 

ހަމަ އެއާއެކު މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތްތަކާ ގުޅިގެން މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ކައުންސިލުތަކަށް ފޯރުކޮށްދޭންވާނެކަމަށާއި، އަދި ކައުންސިލުތަކަށް ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް މި މާއްދާގެ (ށ) ގައިވާ ގަވާއިދުގައި ބަޔާންކުރުމަށްވެސް މި ގާނޫނުގައި ކަނޑައަޅުއްވާފައިވެއެވެ. މީގެ އިތުރުންވެސް މި އިސްލާހުގެ ސަބަބުން އައި ބަދަލުތައް މި ގާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

މި ގާނޫނަށް ގެނައި އިސްލާހުތަކާއި ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހު ކުރަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެކަމުގައިވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް މި ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން މިއަދުން ފެށިގެން މި ގާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް