ads
މާލެ ސިޓީގެ މޭޔާރ ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔާރ ޝަމާއު ޝަރީފް
އެމްޑީޕީއަށް އިތުބާރު ކުރިޔަސް، މިހާރު އޮތް ސިޓީ ކައުންސިލަށް އިތުބާރު ނުކުރެވޭ؟
ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮރެޓިކް ޕާޓީ (އެމްޑީޕީ)އަށް މާލޭގައި ތާއީދު ބޮޑުކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މާލޭގެ އިތުރުން މިހާރު ރާއްޖޭގައި ސިޓީގެ ލަގަބު ދެވިފައިވާ ހުރިހާތަނެއްގައިވެސް އެމްޑީޕީގެ މެޖޯރިޓީ ބޮޑެވެ. 4 ވަނަ ލޯކަލް ކައުންސިލް އިންތިޚާބަށް ދިވެހިން މިސްރާބު ޖަހާފައިވާއިރު، މިހަގީގަތަށް މާބޮޑު ބަދަލެއް ނާދެއެވެ.

އެހެންނަމަވެސް، މި އިންތިޚާބާއި ދިމާކޮށް މާލޭގެ ކެފޭތަކުންނާއި ސިޔާސީ ޖަގަހަތަކުން އިވޭ އެހެން އަޑެއްވެސް އެބައޮތެވެ. ޚާއްސަކޮށް އެމްޑީޕީ ތެރެއިންވެސް ދަނީ މި އަޑުއިވެމުންނެވެ.

"މިފަހަރު ހޮވަން ޖެހޭނީ އާ ކައުންސިލަރުން. މިހާރު ތިބި ކައުންސިލަރުންނަށް ދެން ފުރުސަތެއް ދިނުމުގެ ބޭނުމެއް ނެތް" ކަމަށް ބުނާ އަޑު ގަދަވެއްޖެއެވެ. 

މިއަޑު އިވެން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

މާލޭ ސިޓީ ކައުންސިލާއި އެހެން ކައުންސިލްތަކުން ވެސް ފަހަކަށް އައިސް އަބަދުވެސް ޖައްސާ މައްސަލައަކަށް ވެފައި އޮތީ "ބާރެއް ނެތް" ވާހަކައެވެ. 

ކައުންސިލަށް ކުރިމަތިލިއިރު ވެސް، އެކަން ހިނގާނީ އެމަގުންކަން 2016 ވަނަ އަހަރު ހޮވުނު ކައުންސިލަރުންނަށް އެނގެންވާނެއެވެ.

އެހެންނަމަވެސް ވޯޓު ހޯދަންވީމަ ރައްޔިތުންނަށް ވަރަށް ގިނަ ދަޅަ ދެއްކުނެވެ. ވޯޓުން ހޮވިގެން ކައުންސިލް އޮފީހަށް ވަނުމާއިއެކު އިވުނީ ޝަކުވާގެ އަޑެވެ. ކަމަކަށް ހައްލެއް ގެނައުމަށް މަސައްކަތްކުރި ތަނެއް ނުފެނުނެވެ. މާލޭ ސިޓީ ކައުންސިލް ފެނުނީ ހަމައެކަނި ސިޔާސީ މަސައްކަތްކުރާ ތަނެއްގެ ގޮތުގައެވެ، ރައްޔިތުންނަށް ޙިދުމަތް ދޭން މަސައްކަތްކުރި ތަނެއް ނުފެނުނެވެ. 

މޭޔަރާއި ޑެޕިއުޓީ މޭޔަރުވެސް ހަމައެފަދަ ހާލެއްގައެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ބައެއް ބާރުތައް ރައީސް ޔާމީން ނަންގަވާފައި ވަނިކޮށް، އެބާރުތައް ރައީސް ސޯލިޙް ވެރިކަމަށް ވަޑައިގެން އެވަނީ ދެއްވާފައެވެ. ގާނޫނު އިސްލާހުކޮށް އިތުރު ބާރުތަކެއްވެސް އެވަނީ ދެއްވާފައެވެ. ރައްޔިތުން މިއަދު ބޭނުން ވަނީ ޝަކުވާ ނުކޮށް، ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ޚިދުމަތް ދޭނެ ކައުންސިލެކެވެ.

ވެރިކަންކުރާ އެމްޑީޕީގެ ޕްރައިމަރީ ބޯމަތީގައި އޮތްއިރު، ނެރޭ ކެންޑިޑޭޓެއްގެ ސަބަބުން އިންތިޚާބު ގެއްލޭނެފަދަ ކެންޑިޑޭޓުން ނުނެރެން އެޕާޓީގެ އާއްމު މެމްބަރުންވެސް ވިސްނާނެކަން ޔަގީނެވެ. 

މާލޭގެ މޭޔަރުކަމަށް މިހާރުވެސް ކައުންސިލްގައި ތިއްބެވި ބައެއް ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ އެއް ދައުރަށްވުރެ ގިނަ ދައުރު ކައުންސިލްގައި ތިއްބަވައި، ރައްޔިތުންނަށް އެބޭފުޅުންގެ ކެޕޭސިޓީ ފެނިފައި ތިބި ބޭފުޅުންނެވެ.

އެމްޑީޕީގެ މެމްބަރުންވެސް މިއަދު ބަލާނީ އެންމެ ގިނައިން ޓީވީއަށް އަރާ، އެންމެ ގިނައިން ޓްވީޓްކުރާ މީހަކު މޭޔަރަކަށް ގެނެވޭތޯއެއް ނޫނެވެ. އެޕާޓީއިންވެސް ބަލާނީ ޕްރައިމަރީއިން ނެރޭ ކެންޑިޑޭޓަކީ ރައްޔިތުން ބަލައިގަންނަ، ކަމަށް ގާބިލް މީހަކަށް ހެދޭތޯއެވެ.

މީގެ ކުރީގެ އިންތިޚާބުތަކުގައި ކައުންސިލަރުން ވީ ވައުދާއި، މާލެއަށް ކޮށްދިން ޚިދުމަތަށް ބެލުމަށްފަހު، މިއަދު އޮތް ސިޓީ ކައުންސިލްގެ މެމްބަރުންނަށް އިތުބާރު ނުކުރެވޭކަމަށް ސައި ހޮޓާތަކުގެ މޭޒުތަކުގަޔާއި ކަންކަންމަތީ ރާޒުވާ ކުޅިބައި އަތުރައިގެން ތިބެ ދައްކާ ވާހަކަތަކުގައި ބުނަނީ ސަބަބެއް އޮވެގެންނެވެ. ޚާއްސަކޮށް އެމްޑީޕީގެ ހަރުކުލައިގެ މީހުން ބުނާނީ ސަބަބެއް އޮވެގެންނެވެ.

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް