ads
ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޖަލަށް ލީ ލުން ކުއްވެރިއެއް ނުކުރާނަން، އަސަރާއިއެކު މިވާހަކަ ދައްކާނަން: ރައީސް ޔާމީން
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާވިކަމަށް ތުހުމަތުކޮށް ފަސް އަހަރަށް ޖަލަށްލީ ލުން ކުއްވެރި ނުކުރައްވާ ކަމަަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.  އޭގެފަހުން 501 ދުވަހު ޖަލުގައި ހުންނެވުމަށްފަހު ގޭ ބަންދަށް ވަޑައިގެންފައިވަނީ އެޕްރީލް މަސްތެރޭގައެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދިޔުމާއި ގުޅިގެންނާއި އާއިލާގެ ފަރާތުން އެކި ފަހަރުމަތިން އެގޮތަށް އެދިފައިވަނިކޮށެވެ.

އެމައްސަލަގެ އިސްތިއުނާފު ޝަރީއަތްތައް ނިމި ރައީސް ޔާމީން ޖަލުން މިނިވަންވީ މިދިޔަ އަންގާރަ ދުވަހުއެވެ.

ދެ އަހަރާއި ދެ ދުވަސްފަހުން އިދިކޮޅު ޕޯޑިއަމަށް އަރަވައިޑައިގެން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެއީ އިމްތިހާނެއް ކަމަށާއި، އެކަމެއްގެ ވަގުތު ޖެހުމުން ﷲ މިންވަރުކުރައްވާ ފަދައަކުން އެކަމެއް ވާނެ ކަމަށެވެ.

ރާއްޖޭގެ އަދުލުގެ ނިޒާމުއޮތީ ސާފުކުރަން ޖެހިފައިކަން ފާހަގަކުރައްވާ، ރައީސް ޔާމީން ވިދާޅުވީ، ބައެއް ފަޑިޔާރުން ނުހައްގުން މައްސަލަތައް ނިންމެވީމައިވެސް ބައެއް ފަރާތްތަކުން އެމީހާގެ ވަޒީފާ ގެއްލިގެންދާނެތީ އިހްސާންތެރިވާކަމަށް ބުނެ ފިޔަވަޅު ނާޅާ ދޫކޮށްލާ ކަމަށެވެ.

“މާތްކަލާކޯ އެއީ އެކަން އޮންނަންވާނެ ގޮތެއް ނޫން. ވަޒީފާ ގެއްލިދާނެތީ ބިރު ހީވާންޖެހެނީ ފަނޑިޔާރުން އެކަނިތޯ؟ ކޮންމެ މީހަކަށް ވަޒީފާއެއް ދީފައިތޯ އިންސާނުން ދުނިޔެއަށް ފޮނުވާފައިތިބީ. އެއްގޮތަކަށްވެސް އެކަމަކާ އަޅުގަނޑުގެ ހަމްދަރްދީއެއް ނެތް. ވަޒީފާ ގެއްލިދާނެތީ، އަނބިދަރިން ނުކައިތިބެދާނެތީ އެއީ އެތައް ބައެއްގެ ހައްގަށް އަރައިގަންނަން ލިބޭ ޓިކެޓެއް ނޫން” ރައީސް ޔާމީން ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެ ގޮތަށް ހަމްދަރްދީ ވާ މީހުން އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ހަމްދަރުދީ ނުވަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

“އަޅުގަނޑު ހިތަށް އަރާ އަތްބާނާގެން ނުފޫޒުގެ ދަށުން މީހެއްގެ ޒިންދަގީ ދުއްވާލާފައި ދެއަހަރު ތިން އަހަރު ޖަލުގައި ގެންގުޅުނީމަ، ކީއްވެގެން ބާވައޭ މި ހަމްދަރުދީ ވާ ވިދާޅުނުވަނީ ރައީސް ޔާމީންގެ އާއިލާއާއި ރައީސް ޔާމީން ތަހަންމަލް ކުރީ ކޮންކަމެއްހޭ؟ ކޮންކަހަލަ ހިތްދަތި ކަމެއްހޭ، ކޮންކަހަލަ ކަންތައްތަކަކުންހޭ މަހްރޫމްވެގެން އެދިޔައީ” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އެވާހަކަ އަސަރާއިއެކު ދައްކަވާނެ ކަމަށާއި، ނަމަވެސް އެކަން ކުއްވެރި ނުކުރައްވާނެ ކަމަށެވެ.  

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ތިބީ ކޯޓުތަކުގެ ކަންކަމަށް އަތްބޭނޭ ހިސާބުތަކުގައި ހުންނަ ކޯޓުތަކާއި، ކަންކަމާއި ވާހަކަދެކެވޭ ފަޑިޔާރުންނާއި، ވާހަކަނުދެއްކޭ ފަނޑިޔާރުންގެ އިތުރުން، އަތް ނުބޭނޭ ހިސާބުތަކުގައި ތިބި ފަނޑިޔާރުން ކަމަށެވެ.

ފަނޑިޔާރުންނަކީވެސް ރައްޔިތުންގެ ތެރެއިން ބައެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ، އަދުލުވެރިކަމާއި، އިންސާފާއި ހަމަހަމަކަން އިސްކުރެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިލައްވާފައެވެ. އަދި ކޮންމެ ފަނޑިޔާރަކަށްވެސް “ނޫނެކޭ” ބުނަން އެގެން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް