ads
ރައީސް ޔާމީން : ޖަލްސާގައި ވާހަކަ ދައްކަވަނީ
އިންޑިއާ މިލިޓަރީގެ އެންމެ ބޫޓު ޖޯޑެއްވެސް ރާއްޖޭގައި ހުރެގެން ނުވާނެ: ރައީސް ޔާމީން
އިންޑިއާ މިލިޓަރީގެ އެންމެ ބޫޓު ޖޯޑެއް ވެސް ރާއްޖޭގައި ހުރެގެން ނުވާނެ ކަމަށާއި، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ އޮވެގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ވިދާޅުވީ އަވަޓެރި ރަހްމަތްތެރި ބައެއްގެ ގޮތުން އިންޑިއާއަށް އިހްތިރާމް ކުރައްވާ ކަމަށާއި، އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓާކަށް މިތާނގައި އިންޑިއާ ސިފައިން ތިބެން ނުޖެހޭނެކަމަށެވެ.

ޔާމީން ވިދާޅުވީ އެއީ މިސަރުކާރުގެ ހިޔާނާތްތެރި ރޭވުން ކަމަށާއި، އަނެއްކާވެސް ޖަލަށް ގެންދަންޏާ ގެންދަން ވީކަމަށެވެ. 

ޔާމީން ވިދާޅުވީ މިވާހަކައަކީ ވަކި ފެންވަރެއްގެ ބަޔަކު ދައްކާ ވާހަކައެއް ކަމަށް ބައެއް މީހުން ވާހަކަ ދައްކާކަމަށާއި އެހެން ނަމަވެސް އެކަން ދޮގު ކުރައްވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެވާހަކަ މިރޭ ދައްކަވަނީ ރަސްމީ ހައިސިއްޔަތުން ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ރައީސް އަދި ކުރީގެ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ. 

"އިންޑިއާ އަސްކަރިއްޔާ ޖެހޭނީ މިރާއްޖެއިން ފައިބަން. އިންޑިއާ އަސްކަރިއްޔާ އަކަށް ރާއްޖެއަކު ޖާގައެއް ނެތް،"  ރައީސް ޔާމީން ހަރު އަޑުން ވިދާޅުވިއެވެ. 

ޔާމީން ވިދާޅުވީ އިންޑިއާ މިލިޓަރީގެ އެންމެ މީހަކުވެސް އަދި އެންމެ ބޫޓު ޖޯޑެއްވެސް މިފަސްގަނޑުގައި ހުންނަން ބޭނުންފުޅުނުވާ ކަމަށެވެ.

ދިވެހި ސިފައިންނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެބޭފުޅުން ކުރަންޖެހޭނީ ސަރުކާރުން ބުނާ ކަންކަން ނޫންކަމަށާއި، ހުވާ ކުރައްވައިގެން ތި ތިއްބެވީ އިސްލާމް ދީނާއި މިނިވަންކަން ދިފާއު ކުރަން ކަމަށެވެ. 

އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރަންޖެހޭނެކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި އިރު އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ އާއެކު ވަނީ އިންޑިއާގެ މިލިޓަރީ އާ އެކު އެމްއޯޔޫތަކެއްގައި ސޮއިކޮށްފަ އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ނިމުނު އިރު ވެސް އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހެލްކޮޕްޓަރުތަކުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ އެވެ.

ބޭރުގެ ގުޅުންތަކާބެހޭ ތަޖުރިބާކާރުން ވިދާޅުވެފައިވާގޮތުގައި ރައީސް ޔާމީން ބޭނުންފުޅުވި ނަމަ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިންނަށް އެމަނުކުފާނުގެ ވެރިކަމުގައި ނުތިބެވޭނެ އެވެ.

" އޭރު (ރައީސް ޔާމީން ވެރިކަމުގައި) އިންޑިއާ ސިފައިންގެ ރާއްޖެއިން ބޭރު ކުރަން ހަގީގަތުގައި ރައީސް ޔާމީން ބޭނުންފުޅުވި ނަމަ އެންމެ ދުވަހަކު ވެސް އިންޑިއާ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ. އެކަން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ނަން ހާމަކުރަން ބޭނުންނުވާ ކުރީގެ ފޮރިން މިނިސްޓަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެވޭނީ ރާއްޖެއިން އެ ސިފައިން ބޭތިއްބީމަ ކަމަށާއި އަދި ވަކިން ހާއްސަކޮށް އިންޑިއާ ސިފައިން ރާއްޖޭގައި ގަދަބާރުން ތިބުމުގެ މަންފާ އިންޑިއާއަށް ކުޑަ ކަމަށެވެ.

" ނިކަން ބައްލަވާ އިންޑިއާއިން އެ އުޅެނީ އދ، ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ހޯދަން. އެކަމަށް މަސައްކަތް ކުރާއިރު ގަދަބާރުން ރާއްޖޭގައި އިންޑިއާ ސިފައިންގެ ބަޔަކު ރާއްޖެއިން ފޭބުމަށް ސަރުކާރަކުން ސީރިޔަސް ކަމާއެކު ބުނީމަ ނުގޮސް ތިބޭ ނަމަ އަޅަން ޖެހޭ  ފިޔަވަޅުތައް ހުންނާނެ. ނަމަވެސް އެ ފަދަ އެއްވެސް ކަމެއް ނުކުރައްވާ ރައީސް ޔާމީން ހުންނެވި ހުންނެވުމުން ޔަގީން ވަނީ ހަގީގަތުގައި ވެސް ރައީސް ޔާމީން ބޭނުންފުޅުނުވިއްޔޭ އިންޑިއާ ސިފައިން ރާއއްޖެއިން ބާލަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ގަދަބާރުން ތިބޭ ނަމަ އިންޑީއާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ނާކާމިޔާބުމުގެ ފުރުސަތު ބޮޑުކަން އިންޑިއާގެ ވެރިންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ރައީސް  ޔާމީން ދައްކަަމުން އެގެންދަވާ ވާހަކަފުޅަކީ ދެކޮޅު ޖެހޭ ވާހަކަފުޅެއް ނޫން  ކަމަށެވެ. އަދި އެ ވާހަކަ އެ ދައްކަވަނީ ރައްޔިޔުންނަށް އޮޅުވާޅެއްވުމަށް ކަމަށާއި އިންޑިއާ އަށް އެ ގައުމުގެ ސިފައިން ރާއްޖޭގައި ގަދަބާރުން ބައިތއްިބައިގެން ލިބޭ މޮޅަށް ވުރެ ރާއްޖެއިން އިންޑިއާ ސިފައިން ގެންގޮސްގެން ލިބޭ މަންފާ އިންޑިއާއަށް ބޮޑުވާނެ ކަމަށެވެ.

"ގަދަބާރުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ނަމަ އދ. ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ހޯދަން އެގައުމުން ކުރާ މަސައްކަތަށް އެޅޭ ހުރަސްތައް ގިނަވާނެ. އިންޑިއާއަށް މުހިންމުވާނީ ރާއްޖޭގައި އެގައުމުގެ ސިފައިން ގަދަބާރުން ބޭތިއްބުމަށް ވުރެ އދ. ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ހޯދުން. އެހެންކަމުން އެ ގޮނޑިއަށް ހުރަސް އެޅޭނެ ކަމެއް އިންޑިއާއިން ކުރާނެކަމަށް ގަބޫލެއް ނުކުރެވޭ،" އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ބޭނުންވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކާ ބެހޭ ގޮތުން ކުރީގެ ފޮރިން މިނިސްޓަރު ވިދާޅޫވި އެވެ.

" އަސްލަ ރައީސް ޔާމީން ކަންތައްތައް ކުރެއްވި ވަރަށް ތަފާތުކޮށް އެހެންވީ އިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ގަދަބާރުން ކަމަށް ބުނެ ސަރުކާރުނ އަދި ހާއްސަކޮށް ރައީސް ޔާމީން އދ. އަށް ރިޕޯޓް ކުރި ނަމަ އިންޑިއާ ސިފައިން ރާއޖޭގައި އެގޮތަށް ނުބައިތިއްބާނެ. އެހެން ވީމާ އަސްލު ރައީސް ޔާމީން އޭރު ކުޅުއްވީ ޑްރާމާއެއްކަމަށް ބޮޑަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް