ads
ރައީސް ޔާމީން——
ބްރިޖް ހަދަން ލާރި ނެގީ ކެރިގެން، ދަރަނި ނެގުމަކީ މައްސަލައެއް ނޫން: ޔާމީން
އެކި ގައުމުތަކުން ދަރަނި ނެގުމަކީ މައްސަލައެއް ނޫންކަމަށާއި، ސަރުކާރެއް ހިންގޭނީ ދަރަނި ނަގަައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގައި ނަގާފައިވާ ގިނަ ދަރަނިތައް ދައްކާ ހަލާސްކުރަންޖެހޭތީ މި ސަރުކާރުގެ ބިޔަ މަޝްރޫއުތައް ނުފެށި އޮތްކަން މި ސަރުކާރުން ފާހަގަކުރެއެވެ.

އެވާހަކަތަަކަށް ރައްދުދެއްވަމުން ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ވިޔާފާރިކުރަންޏާ އަދި ސަރުކާރެއް ހިންގާންޏާވެސް ދަރަނި އޮންނާނެ ކަމަށާއި، ދަރަނި ނަަގަންވެސް ކެރެންޖެހޭނެ ކަމަށެވެ. 

އަދި އެއީ އެއްވެސް މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ކަންކަން ރަނގަޅުކޮށްދިނުމަށް ބައި ބިލިއަން ޑޮލަރުވެސް ނުނަގަންވީ ސަބަބެއް ނެތްކަމަށެވެ.

"ދަރަނި ނެނގުމަކީ އެއްވެސް މައްސަލައެއް ނޫން. އަދި އަމުދުން ރައްޔިތުން ގޮވައިގެން ތަސައްވުރެއް އޮވެގެން ރައްޔިތުންގެ ހާލަތު ބަދަލުކުރާކަމަށް ވަންޏާ ދަރަނި ނަގައިގެން ކަންކަން ކުރަން ކެރެންވާނެ. އަޅުގަނޑަށް ކެރުނު އެ ބްރިޖް ހަނދަން ލާރި ނަގަންވެސް" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ޗައިނާގެ އެހީތެރިކަމުގައި އެމަނިކުފާނު ވެރިކަމުގައި ތަރައްގީކުރި ބްރިޖް ހަދަން ދަރަނި ނަގަން ކެރުނުކަމަށާއި، ދެންވެސް ނަގަން ކެރޭނެ ކަމަށެވެ.

ނަމަވެސް މިހާރު ދައްކާ ވާހަކައަކީ، ހިޔާ މަޝްރޫއުގެ ދަރަންޏާއި ހެދި މި ސަރުކާރުން ހަދާ ބްރިޖްގެ ނެހެދިގެން އުޅޭ ވާހަކަ ކަމަށެވެ.

ރައީސް ޔާމީން ބުނީ އެމަނިކުފާނުގެ ވެރިިކަމުގައި ހަދާފައިވާ ބްރިޖުގެ ބޮޑު ބަޔަކަށް ލޯނު ދައްކަން ޖެހޭނީ ދިގު މުއްދަތުން ދައްކާ ލުއި ލޯނެއްކަމަށާއި، އަސްލު ދައްކަން ޖެހޭނީ 70 މިލިއަން ޑޮލަރު ކަމަށެވެ.

"އެއީ ދަރަންޏެއް ނޫން. މިއަދު ބުންޏަސް އަޅުގަނޑަށް ކެރޭނެ 70 މިލިއަން ނަގަން. މިއަދު ބުންޏަސް އަޅުގަނޑަށް ކެރޭނެ. އެހެންވީމަ އެ 70 މިލިއަން ނުދެއްކިގެން ލޯނު ނަގައިގެން ދަރަނިވެރިވާ ވާހަކަ މިދައްކަނީ ކީއްކުރަންތޯ. އެބޭފުޅުން ނުތާހިރުކުރާ ކަންކަން ތާހިރުކުރަން އަޅުގަނޑު އެއަށްވުރެ މާ ގިނަ ހަރަދު ކުރީމޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގަައި ޖީއެމްއާރްގެ އެއާޕޯޓު ބޭރުގެ ކުންފުންޏަކަށް ވިއްކާލިކަމުގެ މިސާލު ނަގަންވާ ޔާމީން ވިދާޅުވީ އެ ވިއްކާލައިގެން ސަރުކާރަށް ލިބުނީ 70 މިލިއަން ޑޮލަރު ކަމަށެވެ.

އެ އަބުރާ އެމަނިކުފާނުގެ ވެރިކަމުގައި ހޯދަން ޖެހުނީ 320 މިލިއަން ޑޮލަރުން ކަން ފާހަގަކުރަމުން ޔާމީން ވިދާޅުވީ، އެއާޕޯޓު އެމަނިކުފާނު އަބުރާ ބޭނުންވީ ހަމައެކަނި އިގްސޯދީ މަސައްކަތަކަށް ނޫންކަމަށާއި، އެ އާޕޯޓު ބޭނުންވީ ރާއްޖެއަކީ މިނިވަންކަން އޮތް ގައުމެއްކަން ދެއްކުމަަށްޓަކައި ކަމަަށެވެ. 

މިހާރުގެ ސަރުކާރުން މިހާތަނަށް ދައުލަތުގެ ހަޒާނާއިން(އެމްއެމްއޭއިން) ލާރި ތިން ފަހަރު ލާރި ނެގިއިރު، އެ ހަޒާނާއަށް އެކަނި އޮތް ދަރަނި މިހާރުވެސް އޮތީ 10 ބިލިއަނުގައި ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އެ ފައިސާ ދައްކަންވެސް މި ސަރުކާރުން ނޫޅޭކަމަށެވެ. އަދި ހަޒާނާއިން އެއްވެސް ސަރުކާރަކުން ލާރި ނަގާފިނަމަ އެއަށް އިތުރު ގުނައެއް އިތުރުކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގައި ކިހިނެތްތޯ މި އޮންނަނީ. މިހާވަރަަށް ހަޒާނާއިން ފައިސާ ނަގާފަ ދެން ކީކޭތޯ މި ބުނަނީ. އެމީހުންގެ ވިސްނުން ހުރި ވަރު އެމީހުންގެ ނުބައި ނިޔަތް އޮތްވަރު މި އެގެނީ. މި ބުނަނީ ރީސްޓްރަކްޗާ ކުރާ ވާހަކަ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރީސްޓަރަކްޗާ ކުރުމަކީ ލޯނެއް އަބުރާ ދެއްކުން 50 އަހަރަށް ދަންމާލުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެ ލޯން ދައްކަވަން 50 އަހަރު ވެރިކަމުގައި ތިބޭނެތޯ ސުވާލު އުފައްދާފައެވެ. އަދި 50 އަހަރު ލިބުނަސް އެންމެ ލާރިއެއްވެސް އެ ލޯނު އަދާކުރަން މި ސަރުކާރުން ނުދައްކަވާނެ ކަމަށާއި، މިހާތަނަށްވެސް ނެގި ލޯނުތައް ދައްކާފައި ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އެހެންކަމުން ދެން އެޒިންމާ އުފުލަންޖެހެނީ އަންނަ ޖީލުތައް ކަމަށާއި، އެހެންވުމުން އެނެރޭ ފައިސާ ވަނީ "ބިޑި އަބުރާ ކަރުދާހަށް" ކަމަށް ޔާމީން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް