ads
ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ )ގެ ޑިރެކްޓާ ޖެނަރަލް މައިމޫނާ އަބޫބަކުރު
އޮމިކްރޯން ވޭރިއަންޓާމެދު ސަމާލުވުމަށް އިލްތިމާސް ކޮށްފި
އޮމިކްރޯން ވޭރިއަންޓާމެދު ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ދިވެހި ރާއްޖެއިންވެސް އިއްޔެ ވަނީ މި ވޭރިއަންޓް ފެނިފައެވެ. ރާއްޖެއިން ފެނިފައިވާ މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތް ކޮށްފައިވާ ޓުއަރިސްޓެކެވެ. މި ކޭސްގެ ވޭރިއަންޓާބެހޭ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓު ކުރުމުންނެވެ. ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ދަނީ ޓެސްޓު ކުރަމުންނެވެ. ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓެވެ.

އެހެންވެ، ހުރިހާ ފަރާތްތަކުންވެސް ވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށް އެ އޭޖެންސީން އިރުޝާދު ދީފައިވާ ގައިޑްލައިން ތަކާއި ފިޔަވަޅު ތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށް ވެސް އެދިފައި ވެއެވެ. އާ ވޭރިއަންޓެއްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލިފެތުރުން އިތުރުވެ ކޮވިޑް-19 ގެ އިތުރު ރާޅެއް އައުމުން ސަލާމަތް ވުމަށް އެންމެންގެ އެއްބާރުލުން މުހިންމު ކަމަށް އެ އެޖެންސީން ބުނެއެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ "ވޭރިއަންޓް އޮފް ކޮންސާން" އެއް ކަމުގައި 2021 ނޮވެމްބަރ 26 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ކަނޑައަޅާފައެވެ. ދެކުނު އެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށާއި މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ވޭރިއަންޓެއްކަން ފާހަގަކޮށް މި ވޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ވަނީ ގޮވާލައްވާފައެވެ. 

އަދި ޤައުމުތަކުން ވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވަނީ ގޮވާލާފައެވެ. މި ވޭރިއަންޓާބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާބެހޭ  ފަންނީ މައުލޫމާތު އެއްކުރުމަށް އިތުރު މަސައްކަތްތައް ކުރެވެމުން ދާއިރު މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގައި ބަލި ފެތުރުން އިތުރު ވަމުންދާ ކަމުގައިވެސް މައުލޫމާތު ލިބެމުންދެއެވެ. 

މިހާތަނަށް ރާއްޖެއާއެކު 46 ގައުމަކުން މި ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯރޓް ކޮށްފައި ވެއެވެ. 

ބަލިން ރައްކާތެރިވުމަށާއި ބަލި ޖެހިއްޖެނަމަ ތިރީގައިވާ ފިޔަވަޅުތައް އެޅުމަށްއެޗްޕީއޭއިން އެދެއެވެ.

މާސްކު އެޅުން، ގައިދުރުކަން ބެހެއްޓުން، އަތް ސާފުކުރުން 

ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫކްލިނިކަށް ދައްކާ ޓެސްޓުކުރުން 

އަދި ބަލިޖެހޭ މީހުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަހެރިވުމާއި ކޮންޓެކްޓުން ރަގަޅުގޮތުގައި ކަރަންޓީނުވުން

ބަލި ދެނެގަތުމަށް ކުރެވެމުންދާ އެކްޓިވް ސަރވެއިލަންސަށް ސާމްޕަލްދިނުމުގައި އެއްބާރުލުން ދިނުން

އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި އަތް ދޮވުމާއި އާންމު އަތްޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުން އަދި ގައިދުރުކަން ބެހެއްޓުން

ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން

އެކި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގައި ކަނޑައެޅިފައިވާ ގައިޑްލައިން ތަކާއެއްގޮތަށް އަމަލުކުރުން 

ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތައް ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމާއި ބޫސްޓަ ޑޯޒްޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތައް ބޫސްޓަރ ޑޯޒް ޖެހުން 

ކުރިއެކޭވެސް އެއްގޮތަށް ބަލީގެ ޙާލަތަށް އަންނަ ބަދަލުތައް މޮނިޓަރކޮށް ބަލަމުން ބަލިކޮންޓްރޯލު ކުރުމުގެ ފިޔަވަޅުތައް ޙާލަތާ ގުޅިގެން އަޅަމުންދާނެކަމުގައި ދަންނަވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް