ads
ފޮޓޯ /ސޯޝަލް މީޑިއާ
ދަރިން ނުލިބިގެން ބޭސް ކުރާ މީހުން ގިނަވެ ދިގުރަށް "ކަރުނަ" އަޅަނީ
ކޮންމެ ދެމަފިރިއަކުވެސް ހަޔާތެއް ފަށަނީ ނުހަނު ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ކައިވެނީގެ ގޮށް ޖަހާލަނީ އެ ދެ ބައިވެރިންގެ މުޅި ހަޔާތް އުފާވެރިކަމުގައި ހޭދަކުރުމުގެ ވައުދުތަކާއި އަހުދުތައް ކުރުމަށް ފަހު ވަރަށް ފޮނިފޮނި އުއްމީދުތަކާއެކުގަ އެވެ. އެ ފޮނިފޮނި ހުވަފެންތައް ދެކެމުން އަންނަނީ އެ ދެ ބައިވެރިންގެ ދިރިއުޅުމުގެ ތެރެއަށް ގޭގެ ފަޅުކަން ފިލިވާލާނެ ތުއްތުތުއްތު ކުއްޖެއްގެ އުއްމީދުގަ އެވެ.

އެ ފޮނިފޮނި އުއްމީދުގައި ކައިވެންޏެއްކޮށް ދުވަސްތައް ގުނަމުންދާއިރު އެ ދިރިއުޅުމުގެ ކުރިބޯށިކަމަށްވާ ތުއްތު ކުއްޖަކު ނުލިބުމަކީ ކިހާވަރެއްގެ ހިތާމައަކާއި ހިތްދަތިކަމެއް ކަން އިހުސާސްވާނީ އެ ފަދަ ހިތްދަތިކަމެއް ތަހައްމަލުކޮށް ނުވަތަ އެފަދަ ހިތްދަތި ދިރިއުުޅުމެއް ތަޖުރިބާކުރަން ޖެހިފައިވާ ބައިވެރިންނަށެވެ.

އެ ހިތްދަތިކަމާ ކެކުޅުންތައް އިހުސާސް ކުރަމުންދާ މީހުންގެ ތެރޭގައި އދ. ދިގުރަށު ގިނަ ދެމަފިރިން ހިމެނެ އެވެ. އެ ރަށުގައި ދަރިން ނުލިބިގެން ދަރިން ހޯދުމަށް ބޭސްފަރުވާ ކުރާ މީހުންގެ އަދަދާ މެދު ރަށު ކައުންސިލުގެ ކަންބޮޑުވުން ވެސް އޮތީ އިންތިހާ އަށެވެ.

ދިގުރަށު ކައުންސިލް ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ ދަރިން ނުލިބި އެކަމަށް ބޭސް ކުރާ މީހުންނަށް ގޯތި ލިބުމުގައި ދަތިތަކެއް ހުރި ކަމަށާއި އެކަން ހައްލުކުރުމަކީ މުހިންމުކަމެއް ކަމަށް ފެނިގެން އެ ފަދަ މީހުންނަށް  ގޯތި ދިނުމަށް އާ އުސޫލެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

your imageދިގުރަށު ސިއްހީ މަރުކަޒު

ކައުންސިލުން މިމަހުގެ ދެ ވަނަ ދުވަހު ގޯތި ދޫކުރުމަށް، ކޮށްފައިވާ އިއުލާނުގައި ވެސް، ވަނީ އެފަދަ ފަރާތްތަށް ބާކީ ނުކޮށް، ދަރިންގެ ބައިން ލިބެން ޖެހޭ ޕޮއިންޓްތަކުގެ ތެރެއިން ޕޮއިންޓް ދަރިން ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ލިބޭނެހެން އުސޫލު ބަދަލުކޮށްފަ އެވެ. އެފަދަ މީހުން ބާކީ ނުކޮށް، ހަމަހަމަ އުސޫލެއްގެ މަތިން ދަރިންގެ ބައިން ލިބެންޖެހޭ 20 ޕޮއިންޓް އެ ފަދަ މީހުންނަށް ލިބޭ ކެޓަގަރީގައި ހިމަނާ، ޑޮކްޓަރަށް ދައްކާފައިވާ ލިއުންތަށް ހުށައެޅުމުން، ލިއުންތަކަށް ބަލާ އެފަދަ ފަރާތްތަކަށް ވެސް، ތިން ޕޮއިންޓް ލިބޭ ގޮތަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.

ދަރިން ހޯދުމަށް ބޭސް ފަރުވާ ކުރަމުންދާ ދިގުރަށުގެ އަންހެނަކު، ނަން ނުޖެހުމަށް އެދި ބުނީ ދަރިއަކު ހޯދަން ވަރަށް ގިން ދުވަހު މަސައްކަތް ކުރެވިއްޖެކަމަށާއި ނަމަވެސް އަދި ވެސް ކާމިޔާބުނުވާކަމަށެވެ. ކައިވެއްޏަށް 11 އަހަރުވެފައިވާކަން ފާހަގަކޮށް، އޭނާ ބުނީ ދަރިއަކު ނެތުމުން ރަށުން އަމިއްލަ ގޯއްޗެއް ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

" މާލެއަށް ވެސް ދެއްކިއްޖެ މިކަމުގައި އެތައް ފަހަރަކު އިންޑިއާއަށް ވެސް ދެވިއްޖެ، އަދިވެސް ކުއްޖަކު ނުލިބޭ. ވަގުތު ނުޖެހެނީ ކަމުގަވެސް ވެދާނެ. އިރާދަ ކުރެއްވިއްޔާ އެފަދަ ފަރާތްތަކަށް، ރަނގަޅުގޮތް ކުރިއަށް އޮތީ ކަމުގަވެސް ވެދާނެ،" މައިން ބަފައިންގެ ގޯތީގައި މިވަގުތު ދިރިއުޅެމުންދާ އުމުރުން 37 އަހަރުގެ އެ އަންހެން މީހާ ވަަރަށް އަސަރާއެކު ކިޔައިދިނެ އެވެ.

އޭނާ ބުނީ އޭނާގެ އާއިލާގައި ދެންތިބި މީހުންގެ ދަރިން ލިބިފައިވާ ކަމަށާއި އެއީވެސް އޭނާގެ އަމިއްލަ ދަރިން ފަދަ ކުދިންތަކެއްގެ ގޮތުގައި މިއަދު ދެކޭ ކަމަށެވެ. ނަމަވެސް އަމިއްލަ ބަޑުއަޅައިވިހޭ ދަރިއަކު ނެތްކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭކަމަށާއި އެ ފިކުރުތަކުން ދުރުވުމަށްޓަކައި އެކުދިންނާއެކު ހޭދަ ކުރާ ވަގުތު ވެސް ގިނަ ކުރާ ކަމަށް އޭނާ ބުންޏެވެ.

ޝާހާ އަށް މިއަދު ފިރިމީހާގެ ލޯބިލިބެ އެވެ. އަމިއްލަ މަސައްކަތުން ދެ މީހުންގެ ދިރިއުޅުން، ކިތައްމެހާ ވެސް އުފާވެރިއެވެ. ނަމަވެސް ދަރިއަކު ނެތުމުގެ ފަޅުކަން އިހްސާސް ކުރެވޭ މިންވަރުގެ ވާހަކަ ބުނަން ވެސް އޭނާ އަށް ދައްޗެއް އެވެ. ދަރިން ނުލިބުމުގެ ސަބަބުން ގޯއްޗަށް އެދުމުގެ ފުރުސަތު ވެސް ވަނީ ހަނިވެފައެވެ. ނަމަވެސް ކައުންސިލުން އަލަށް ނިންމި ނިންމުމުގެ ސަބަބުން އެ ފަދަ އާއިލާތަކަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެ އެވެ. އެއީ ދަރިއަކު ނުލިބިގެން ގޯއްޗަށް އެދުމަށް އޮތް ހުރަސް ނައްތާލުމުންނެވެ.

އެ ފަދަ މީހުންގެ ތެރޭގައި ހިމެނެނީ ހަމައެކަނި އޭނާ އެކަންޏެއް ނޫނެވެ. އެފަދަ އެތައް ބައެކެވެ. އަލަށް ހޮވުނު ކައުންސިލުގެ އެ ނިންމުމުން ވެގެންދާނީ އޭނާގެ ދެމަފިރިންނެކޭ އެއްގޮތަށް ދަރިން ނުލިބިގެން ބޭސް ފަރުވާ ކުރާ ދެމަފިރިންގެ ހިތްތަކަށް އުފާވެރިކަމާއި ފިނިކަން ގެނެސްދޭނެ ނިންމުމެކެވެ.

އުފާވެރި ހަޔާތަކީ މައިންބަފައިންގެ ގޯތީގައި އަބަދު ދިރިއުޅުމެއް ނޫނެވެ. އަމިއްލަ ގޯތީގައި، އަމިއްލަވަންތަ ދިރިއުޅުމެއް އުޅުމަށް ކޮންމެ މީހަކު ވެސް ހިތް އެދޭނެ އެވެ. ދިގުރަށު ކައުންސިލުން އެ ނިންމި ނިންމުންވެގެންދާނީ ދަރިއަކު ނެތުމުގެ ސަބަބުން ގޯތި ލިބުމަށް ދަތިވެފައިވާ ދެމަފިރިން ތަހައްމަލު ކުރަމުންދާ ހިތްދަތިކަން ފިލުވައިލާ، އެ ފަދަ މީހުންގެ ފިކުރުތައް ކުޑަކޮށްދިން ނިންމުމަކަށެވެ.

80%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް