ads
މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު-
ހުޅުމާލެއަކީ އެޗްޑީސީން ހިއްކި ބިމެއް، ބަދަލު ހޯދަން ދައުވާ ކުރާނަން: އެޗްޑީސީ
އެޗްޑީސީއަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ނުހައްގުން ބާތިލުކޮށްފައިވާތީ، ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލެ ބިމުގެ ރަޖިސްޓަރީ ބާތިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުން ކުށްވެރިކޮށް އެކޯޕަރޭޝަން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގެ ބިމަކީ، އެކޯޕަރޭޝަނުގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ އަދި އެކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އެޗްޑީސީގެ އަމިއްލަ ބިމެއް ކަމަށެވެ.

އެޗްޑީސީއަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްޤު ލިބިދީފައިވާ ވަކި ޝަހްސެއް ކަމަށްވީހިނދު، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާތިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި، ބިމާއި ބެހޭ ޤާނޫނުގެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި ހިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ޤާނޫނާއި ހިލާފު، ނާތަހުޒީބީ ނިންމުމެއް ކަމުގައި އެކޯޕަރޭޝަނުން ދެކޭކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުން، އެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާއި ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިސްލާޙު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައެވެ. 

އެޗްދީސީން  ބުނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާއި ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްޤުތައް ލިބިދީފައިވުންކަމަށާއި އެޤާނޫނުން އެނގިގެންދަނީ ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބިމުގެ ޤާނޫނީ މިލްކުވެރިކަން ލިބިފައިވާކަން އަންގައިދޭ ޤާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީކަން ކަމަށެވެ. 

އަދި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށްކަން ފާހަގަކޮށް އެޗްޑީސީން ބުނީ  ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުންވެސް، އަމިއްލަ މުދަލަކީ ޤާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެންވާނޭ އެއްޗެއް ނޫން ކަަމަށެވެ.

"ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވައި އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުންނެތި ނެގުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއް ނިގުޅައިގަތުމެވެ. ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ޤާނޫނީ ހައްޤަކީ ކަނޑައެޅި ބަޔާންވެގެންވާ ޤާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫންގޮތަކަށް ބާޠިލުކުރެވޭނެ ހައްޤެއް ނޫނެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާއި ގުޅިގެން އެކޯޕަރޭޝަނަށް ލިބިފައިވާ އެންމެހައި ހައްޤުތަށް އެކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ހިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި އިބާރާތުން އެކޯޕަރޭޝަނުން ކުށްވެރި ކުރާކަމަށާއި އަދި، އެކަމުގެ ސަބަބުން އެކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ
މައްޗަށް ދައުވާ އުފުލާނެ ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް