ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު
އަންހެން ކުދިން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ހެލްތު މިނިސްޓަރު
އަންހެން ކުދިން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވެފައި މިވަނީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދިފައިވާ ކަން މިއަދު މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށް މިނިސްޓަރު އަމީން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ފޮނުއްވި މެމޯއެއްގަ އެވެ. 

މިމެމޯގައި ވިދާޅުވެފައިވަނީ އަންހެން ކުދިން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެއީ ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށާއި އެހެންކަމުން އެކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. 

"ވީމާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަަށް ފޮނުއްވާފައިވާ ނަންބަރު: 452-PFAM/142/2018/30 ސިޓީ ބާތިލްކޮށް އެކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް އެންގެވުމަށް ދަންނަވަމެވެ." މިނިސްޓަރުގެ މެމޯގައިވެ އެވެ. 

އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީއެއްގައި ވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދިވަޑައިގެންފަ އެވެ.

އިސްލާމިކް މިނިސްޓަރު މިމަހުގެ ފަސްވަނަ ދުވަހު ފޮނުއްވި އެ ސިޓީގެ ޖަވާބު އަދި ލިބިފައި ނުވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ. 

ރާއްޖޭގައި ބައެއް އަންހެން ކުދިން ހިތާނުކުރާ ކަމަށް އާންމުންގެ ތެރޭގައި ވާހަކަދެކެވެ އެވެ. އަންހެން ކުދިން ހިތާނުކުރުމަކީ ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވާ ކަމަކަށްވާތީ ސިއްހީ މާހިރުން ގެންދަވަނީ އެކަން ނުކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް