ads
ޖޭއެސްސީން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޖޭއެސްސީ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކޯޓުތަކުން އަވަހަށް ނިންމަން އެއްބަސްވެއްޖެ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ހައްސާސް މައްސަލަތަކެއް ކަމަށްވާތީ އެފަދަ މައްސަލަތަކުގެ ޝަރީއަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސް މައްސަލައިގައި އަވަހަށް ގޮތެއް ނިންމުމަށް ޝަރުއީ ކޯޓުތަކުގެ އިސް ފަނޑިޔާރުން އެއްބަސްވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސްކުރުމާ ގުޅޭގޮތުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ އެކު މިމަހުގެ 19 ވަނަ ދުވަހުގެ ރޭ އެ ކޮމިޝަންގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. މިބައްދަލުވުމާ އެކު މަތީ މަރުހަލާގެ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިދާރީ އިސްވެރިންނާ އެކު މިމައްސަލައާ ގުޅޭ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. 

މީގެއިތުރުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މިފަދަ މައްސަލަތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ރާއްޖޭގެ 20 ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނާ އެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. 

މިބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެންމެހާ މައްސަލަތަކަކީ ހައްސާސް މައްސަލަތަކެއް ކަމަށް ވާތީ އެފަދަ އެއްވެސް މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ ހަމަޖެހިފައިވާ އިޖުރައާތުގެ ތެރެއިން އަވަސްކަމާއި ހަލުވިކަމާއެކު އެ މައްސަލައެއް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް މިބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ކަމަށެވެ. 

"އިސްވެ ދެންނެވުނު ކަންކަން އެގޮތުގައި ހުރި ނަމަވެސް ކުޑަކުދިންނާ މެދު ކުރާ އަނިޔާގެ މައްސަލަތަކަކީ މައްސަލައިގެ ބާވަތުން ހައްސާސް މައްސަލަތަކަކަށްވެފައި އެފަދަ މައްސަލަތަކުގައި އަވަސްކަމާއި ހަލުވިކަމާއެކު ހުކުމެއްކޮށް ގޮތެއް ނުނިންމޭނަމަ ކުރިމަތިވެދާނެ ނުރައްކާ ބޮޑު މައްސަލަތަކަކަށްވާތީ އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ކުޑަކުދިންނާ މެދު ކުރާ އަނިޔާގެ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ ގާނޫނީ އިޖުރައާތުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހާ ހައްގުތައް މައްސަލައިގެ ހަސްމުންނަށް ލިބިދިނުމާ އެކު، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން މެދުކެނޑުމެއްނެތި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް މައްސަލަތައް މެނޭޖްކޮށް، މައްސަލަތައް އަވަސްކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި، އަވަސްކަމާއި ހަލުވިކަމާއެކު ހުކުމެއް ކުރެވިގެން ދާނެ ގޮތަށް ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، އެގޮތުގެ މަތިން ޝަރުއީ ކޯޓުތަކުން އަމަލުކުރަމުން ގެންދިއުމަށް ވަނީ އެއްބަސްވެފަ އެވެ،" ޖޭއެސްސީގެ ބަޔާނުގައިވެ އެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކޯޓުތަކުން އަވަހަށް ނިންމުމަށް ފަނޑިޔާރުން އެއްބަސްވެފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގައި އާންމުންގެ ފާޑުކިޔުން ދައުލަތުގެ މުއައްސަސާތަކަށް އަމާޒުވެފައިވާ ވަގުތެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް