ads
އެޗްޑީސީގެ ސްމާޓް ކޮމް އިފްތިތާހް ކުރުން
އެޗް.ޑީ.ސީގެ ސްމާޓްކޮމް، އިފްތިތާހު ކޮށްފި
ހުޅުމާލޭގެ ތަރައްގީގެ އެއްމެހާ ކަންކަން ކުރަމުން ގެންދާ އެޗް.ޑީ.ސީއިން އެ ކުންފުނީގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމް، އިއްޔެ އިފްތިތާހު ކޮށްފިއެވެ.

ހުޅުމާލޭގެ ތަފާތު ކޮމިއުނިޓީތައް ޑިޖިޓަލީ ގުޅުވާލުމަކީ ސްމާޓްކޮމްގެ ދުރު ތަސައްވުރެވެ. ސްމާޓްކޮމްގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ސިޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުން ހިމެނެއެވެ. އަދި މުޖުތަމައުގެ އެއްމެހާ ފަރުދުން ހިމެނޭހެން ހުރިހާފަރާތްތައް ގުޅިގެން މި ތަސައްވުރަށް ވާސިލުވުމަށް ތަފާތު ޕާޓްނަރޝިޕްތައް އުފެއްދުމަކީ ވެސް އެއް އަމާޒެވެ. 

މީގެ އިތުރުން ޓެކްލޮލޮޖީއާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދިނުން ހިމެނެއެވެ. ސްމާޓްކޮމް ބްރޭންޑްގެ ދަށުން މުސްތަގްބަލުގައި ތައާރަފުވެގެންދާ ތަފާތު ސްމާޓް ސޮލިއުޝަންސް ތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތާއި ދަތުރުފަތުރުގެ ކަންކަން، ރައްޔިތުންނާއި އާއްމު ތަންނަނުގެ ރައްކާތެރިކަން ކަށަވަރުވުން، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުން، އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތައް ރައްޔިތުންނަށާއި ވިޔަފާރިތަކަށް، އަދި ސަރުކާރުގެ އިދާރާތަކަށްވެސް ލިބިގެން ދާނެއެވެ. 

ވަކިން ހާއްސަކޮށް ޕާޓްނަރޝިޕްތަކާއި، އިންކިއުބޭޝަން ފެސިލިޓީތަކާއި، އަދި މިކަހަލަ ތަފާތު ޕްރޮގްރާމް ތަކާއެކު، ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިވެ، އަދި މިދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް މި އިންޑަސްޓްރީއަށް ނިކުންނަން ބޭނުންވާ ވިޔަފާރި ތަކަށްވެސް ފުރުސަތުތައް ފަހިވެގެން ދާނެއެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެބޭނުން ކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަގުސަދުގައި އެޗް.ޑީ.ސީއިން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އަދި މިހާތަނަށް ވަނީ ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކަކާއިއެކީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައެވެ. އެޗް.ޑީ.ސީގެ އަމާޒަކީ ސްމާޓްކޮމް މެދުވެރިކޮށް ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމެވެ. އަދި ސްމާޓް ސިޓީގެ ޚިދުމަތްތައް ނުވަތަ ސްމާޓް ސޮލިއުޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅު ތަކަށްވެސް ފޯރުކޮށްދިނުމެވެ. މިގޮތުން، އިންޓަނެޓް އަދި ޓީވީފަދަ ޚިދުމަތްތައްދޭ ހުރިހާ ފަރާތްތަކަށް އެއްވިއުގައެއް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކެއް ދަނީ ހަލުވި ކަމާއެކު ގާއިމު ކުރެވި އޭގެ ޚިދުމަތްތައް ތައާރަފް ކުރވެމުންނެވެ. މި އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް މިއަހަރުގެ ފަހު ކުއާޓާގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަދި ހާއްސަކޮށް ހިޔާފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ދިރާގު، އުރީދޫ އަދި މީޑިއާ ނެޓްގެ ޚިދުމަތްތައް ދޭން ފަށާފައެވެ. އަދި ދެވަނަ ފިޔަވަހީގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމުގެ ގޮތުން މުއާސަލާތީ ޚިދުމަތްދޭ ހުރިހާ ކުންފުނި ތަކަށްވެސް އެއްޓަވަރު ތަކެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭފަދަ މުއާސަލާތީ ޓަވަރު ތަކަކާއި، ސްޓްރީޓް އަދި ރޫފްޓޮޕް ޕޯލް ތަކެއް ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ފާހަގަ ކުރަމެވެ. 

މިހާތަނަށް ހިޔާ ފްލެޓް ސަރަހައްދުގައި ވަނީ ހަތަރު ޓަވަރެއް ޖަހައި، ދިރާގާއި އުރީދޫގެ މޮބައިލް ޚިދުމަތްތައް މި ޓަވަރުތައް މެދުވެރިކޮށް ދޭން ފަށާފައެވެ. ދިރާގު އަދި އުރީދޫގެ މޮބައިލް ކަވަރޭޖް މިޓަވަރުތައް މެދުވެރިކޮށް ފަށާފައެވެ. ހުރިހާ ޚިދުމަތްދޭ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ މިފަދަ ޑިޖިޓަލް އިންފްރާސްޓަރގެ ސަބަބުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެވި، ގިނަގިނައިން މަގު ކޮނުންފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުވެގެން ދެއެވެ. އަދި މިފަދަ އޯޕަން އެކްސެސް ނެޓްވޯކް ތަކަކީ އޭގެ ޒަރީއާއިން އެތަކެއް ސްމާޓް ސޮލުއިޝަންތަކެއް ތައާރަފު ކުރެވޭނެ ވިއުގައެކެވެ.

މި ބްރޭންޑް އިފްތިތާހު ކުރީ މި ކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛް ފައްޔާޒް އިސްމާއީލް ޝަރަފްވެރި ކޮށްދެއްވި މި ރަސްމިއްޔާތުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުން، އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް ޕާޓްނަރ ކުންފުނިތައް ކަމަށްވާ ދިރާގު، އުރީދޫ، އަދި މީޑިއާނެޓްގެ އިސް ވެރިން، ސްމާޓް ސިޓީގެ މަސައްކަތް ތަކުގައި މި ވަގުތު އެޗް.ޑީ.ސީ އާއެކު މަސައްކަތްކުރާ އެހެނިހެން ފަރާތްތައް، އެކުންފުނީގެ އިސްވެރިން އަދި މިކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން ބައިވެރި ވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް