ads
ސޯސަން މަގާއި މަޖީދީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން-- ފޮޓޯ: ސީއެންއެމް
ފޮހެލަންޏާ އެއްކޮށް ފޮހެލަންވީނު؟
މިއޮއް ކާރޫބާރޫ ބޮޑު މާލޭގައި ދުއްވާ މީހުން ހިނގާ މީހުންނަށް ބެލުމެއް ނެތެވެ. ހިނގާ މީހުން ވެސް ދުއްވާ މީހުންނަށް ބެލުމެއް ނެތެވެ. އެއް ބަޔަކު ކަފިހި ހުރަހެއް ބެލުމެއް ނެތި ބާރު ސްޕީޑުގައި ދާއިރު އަނެއް ބަޔަކު އުޅަނދު ފަހަރު އައިސް އައިސް ހުއްޓަސް ބެލުމެއް ނެތި ހުރަސްކޮށްލަނީ އެވެ. މިއީ ކޮންމެ ދުވަހަކު ވެސް މާލޭގެ މަގުތަކުން ފެންނަ އާންމު އާދައަކަށް ވެއްޖެ އެވެ. އެކްސިޑެންޓެއް ހިނގުމުން އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިކަމުގެ ނަޒަރުން ބެލުމުގެ ބަދަލުގައި މިކަންކަން ރަނގަޅުވާން އޮތީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އޮތްކަން ގަބޫލުކޮށް އެ ޒިންމާތައް އަދާކުރެވިގެންނެވެ.

އެކަމަކު މި ފަހަރު ދައްކަން މިއުޅެނީ އެކްސިޑެންޓުތައް ހިނގާތީ އެކަމުގެ ވާހަކައެއް ނޫނެވެ. މާލޭގެ މަގުތަކުގައި ހުރި ކަފިހި ހުރަސްތަކުގެ ވާހަކަ އެވެ. ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރިކަމާއެކު މަގު ހުރަސްކުރެވޭނެ ގޮތަށް ގަދަ ރީނދޫ ކުލައިން ކަފިހި ހުރަސްތައް މާލޭގެ އެތައް ސަރަހައްދެއްގައި ދަމާފައި އެބަހުއްޓެވެ. ކުލަ ފޮހެވުމުން އޭގެ މަތިން ގަދަޔަށް ކުލަލައި ދުއްވާ މީހުންގެ ލޮލުގައި އަޅައިގަންނަވަރަށް އޭގެ ކުލަ ސަރުކާރުން އާކުރެ އެވެ. 

މިދިޔަ ސަރުކާރުގައި ކަފިހުރަސްތަކުގައި ހުދު ކުލަލައި ރީނދޫ ކުލަ ފޮހެލި ނަމަވެސް ސަރުކާރު ބަދަލުވުމާއެކު ފެނިގެންދިޔައީ އެތަންތަން އަނެއްކާ ވެސް ރީނދޫ ކުލައަށް ބަދަލުކޮށްލި މަންޒަރެވެ. ބައެއް ތަންތަނުގެ ކަފިހި ހުރަސްތަކުން ކުލަ ފަނޑުވާ ގޮތަށް ފޮހެ، އެ ކަފިހި ހުރަހާއި ޖެހިގެން ކަހަލަ ގޮތަކަށް އަނެއް ކަފިހި ހުރަސް ކުރަހައި ކުލަ ގަދަކޮށްފައި އޮންނަ މަންޒަރު ވެސް މާލޭގެ ބައެއް މަގުތަކުން އެބަ ފެނިގެންދެ އެވެ. 

ސޯސަން މަގާއި މަޖީދީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން-- ފޮޓޯ: ސީއެންއެމް


ހުރަސްކުރަންވީ ކޮން ކަފިހި ހުރަހަކުން، ހުއްޓަންވީ ކޮންވީ ކޮން ކަފިހި ހުރަހަކަށް!

މިހާރު ވެސް މަގު ހުރަސްކުރާކަށް ވަކި ތަނެއް ނެތެވެ. ދެކޮޅަށް އުޅަނދު ފަހަރު ދުއްވަ ދުއްވަ ހުއްޓާ ވެސް ބިރެއް ނެތި ހުރަސްކޮށްލާ މީހުން މަދެއް ނޫނެވެ. ދުއްވާ މީހުން ވެސް ހަމަ އެގޮތެވެ. ކަފިހި ހުރަސް މަތީ މީހަކު މަގު ހުރަސް ކުރަން ބޭނުންވެ އެތައް އިރަކު ހުއްޓަސް މަގު ހުރަސްކޮށްލަންދެން އުޅަނދު މަޑުކޮށްލެވޭ ކަމަށް ނަހަދަ އެވެ. މިފަދަ ހާލަތެއްގައި މުޖުތަމައު އޮތްއިރު ކުލަގަދަ ކަފިހި ހުރަހެއް އޮތްވާމެ އެތަނުގައި ފަނޑުވެފައި އޮތް ކަފިހި ހުރަހެއް ބޭއްވުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ މިގޮތަށް މިކަން އޮތުމުގެ ސަބަބުން އުޅަނދު ދުއްވާ ބައެއް މީހުންގެ ޝަކުވާއެއް އެބަ އޮތެވެ. އެގޮތުން ކުއްލިއަކަށް ފަނޑުވެ ކުލަ ގޮސްފައި އޮތް ކަފިހި ހުރަހަށް އަރާ ގޮތަށް މަގު ހުރަސް ކުރަން އުޅުމުން، ދުއްވާ މީހާއަށް އުޅަނދު ކޮންޓްރޯލު ނުވެ، އެކްސިޑެންޓެއްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

"މި އޮންނަނީ ކައިރި ކައިރީގަ ދެ ކަފިހި ހުރަސް. މިގޮތަށް އޮންނައިރު ހަމަ ހުރަސް ކުރަން އޮންނަ ތަނަށް އަރާކަށް މާގިނަ ސިކުންތެއް ވެސް ނުނަގާނެދޯ. މިހެން އޮތީމަ އަހަރެމެން ދުއްވަމުން ގޮސް އެ ކުލަގަދަކޮށް އޮންނަ ތަނުން މީހުން ހުރަސްކުރަން މަޑުކޮށްފަ އަދި މިޖެހިގެން އޮންނަ ތަނުން މަޑުކޮށްފަ. މިދެން ޖެއްސުމަށް ކޮށްފަ އޮތްކަމެއްހެން ހީވަނީ. މިގޮތަށް އެއްކޮށް ފޮހެ ނުލާ ބާއްވަން ޖެހޭ ސަބަބެއް ވެސް ނެތް،"

ސޯސަން މަގާއި މަޖީދީ މަގު ގުޅޭ ހަތަރު އަނގޮޅީގައި ކުރަހާފައި އޮތް ކަފިހި ހުރަހަކުން ބަޔަކު ހުރަސްކުރަނީ-- ފޮޓޯ: ސީއެންއެމް

ބޭކާރު ގޮތެއްގައި ކަފިހި ހުރަހެއް ކުރަހާފައި އޮންނަން ޖެހޭ ސަބަބެއް ވެސް ނެތެވެ. ނަމެއްގައި ދަމާފައި އޮންނަ އެފަދަ ކަފިހި ހުރަކަށް ބެލުމެއް ނެތި ދުއްވާ މީހުން ދުއްވާ، ހުރަސް ކުރާ މީހުން ހުރަސް ކުރާނަމަ އެކަމުގައި ބިރުވެރިކަމެއް އެބަ އޮތެވެ. އޭގެ ބަދަލުގައި ފޮހެލަން މަސައްކަތްކޮށްފައި ހުރި ކަފިހި ހުރަސްތައް އެއްކޮށް ފޮހެލައި މަގުމައްޗަކީ އެންމެންނަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ކަށަވަރުކޮށްދޭން އެބަ ޖެހެ އެވެ. 

ކަފިހި ހުރަހެއް އޮތަސް މަޑެއް ނުކުރޭ!

ކަފިހި ހުރަސްތައް ކައިރީ އިތުރު ކަފިހި ހުރަސްތައް އޮވެގެން ދުއްވާ މީހުން އެކަމުގެ ޝަކުވާތައް ކުރަމުން އަންނައިރު ކަފިހި ހުރަހެއްގެ ދޮށުގައި މީހަކު ހުރަސްކުރަން ބޭނުންވެ ހުއްޓާ ފެނިގެން ހުއްޓީ ކިތައް މީހުން ހެއްޔެވެ؟ އެއް ބަޔަކު ހުއްޓިޔަސް އަނެއް ބަޔަކު މީހަކު ހުރަސްކޮށްކޮށް ހުއްޓާވެސް ދުން ޖަހާފައި ގޮސްދާނެ އެވެ. މިހެންވެ ރައްކާތެރިކަމާއެކު ހުރަސްކޮށްލަން ލިބޭ ހަމައެކަނި ތަނުން ވެސް ބިރުވެރިކަމެއްގެ ތެރޭގައި ތިބެ އެތައް ބަޔަކު ހުރަސް ކުރެ އެވެ. 

މިހެންކަމުން ކުރިން ވެސް ބުނި ގޮތަށް އަމިއްލައަށް އަދާކުރަން ޖެހޭ ޒިންމާއެއް ވެސް އޮތްކަން ގަބޫލުކޮށް އިސްލާހުކުރަން މަސައްކަތްކޮށްގެން ނޫނީ މަގުމައްޗަކީ އެންމެންނަށް ވެސް ރައްކާތެރިތަނަކަށް ހެދޭކަށް ނެތެވެ.

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް