ads
މިހާރުގެ ސަރުކާރު ކޯލިޝަންގެ ލީޑަރުން: ފޮޓޯ އަވަސް
ދެ ސަރުކާރުގެ އަދަދުތައް އުޑާ ބިމާހާ ތަފާތު، ދޮގު ހަދަނީ ކޮންބައެއް؟
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވަނީ އެއްލައްކަ ހަތަރުހާސް ވަޒީފާ އެދައުރުގައި އުފެއްދިފައިވާ ކަމަށެވެ. އެކަމަކު މި ސަރުކާރުން ބަލާލިއިރު އެ އަދަދަކީ އެންމެ ބާވީސް ހާހެވެ.

ތަފާތު ބޮޑީކީ ނޫނެވެ. މާ ބޮޑަށްވެސް ބޮޑީއެވެ. އައްޑިހަ ދެހާސް ވަޒީފާގެ ތަފާތެކެވެ. ނުދޭ ކަމަށް ބުންޏަސް، ދިން ކަމަށް ބުންޏަސް ހާދަހާ ވަޒީފާ އެކެވެ. ހާދަހާ ފައިސާއެކެވެ. ހާދަހާ ބައެއްގެ އުފާވެރިކަމެވެ. މިފަދަ ކަމަކުން އެކަނިވެސް ސަރުކާރުތަކާ ހަވާލުވާ ފަރާތްތަކުގެ ޒިންމާ އަދާ ކުރާ މިންވަރު ހާމަ ވެއެވެ. ރައްޔިތުންނަށްޓަކައި ވެރިކަން ކުރަން އަންނަ މީހުންގެ އިހްލާސްތެރިކަން ފެނެއެވެ. ދޮގު ހަދަންޏާ ދޮގު ހަދަނީ ވެސް އެންމެ އިސް ފަރާތުންނެވެ. އެއީ ތެދެއް ކަމަށްވާނަމަ އެކަންވެސް ރައްޔިތުން އުފަލާއެކު ގަބޫލު ކުރާނެއެވެ. 

އަޑަށް ބާރުލާފައި އެންމެ ފަހުން ބޭއްވި ޕީޕީއެމް ގެ ބައްދަލުވުމުގައިވެސް ރައީސް ޔާމީން ތަކުރާރު ކުރެއްވީ އެއްލައްކަ ހަތަރުހާސް ވަޒީފާ އުފެއްދެވި ވާހަކައެވެ. އުފެއްދި ވަޒީފާ ތަކެއް ކަމަށްވާނަމަ އެވަޒީފާތަކުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް އުފާވެރިކަން ލިއްބައި ދޭނެއެވެ. މިސަރުކާރުންވެސް އެފައިސާތައް ހަމަ އެވަޒީފާ ތަކުގައި ތިބި މީހުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ވެސް ދޭން ޖެހޭނެއެވެ. 

ކޮންމެ ސަރުކާރެއްގައިވެސް ފާހަގަ ކުރެވޭ އެއްކަމަކީ ބައެއް ލިއުންތައް ގެއްލޭ ކަމެވެ. ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ނުފެންނަ ލިއުންތައް ބައިވަރެވެ. މިސަރުކާރުގައި ވެސް އެފަދަ ލިޔެކިއުންތައް ހުރެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްލިއުމަކީ އިންޑިއާއެކު ވެފައިވާ މިލިޓަރީ އެއްބަސް ވުމުގެ ވާހަކައެވެ. އެ ލިއުން މަޖިލީހާ ހަމައަށް ގެންދެވުނީވެސް ވަރަށް ލަކި ޖަހައިގެންނެވެ. އެކަމަކު ފެނުނު ލިއުމުގެ ވާހަކަވެސް ދެބައި މީހުންވެސް ދައްކަނީ ދެގޮތަށެވެ. އެއްބަޔަކަށް އެ ރަނގަޅެވެ. އިންތިހާ އަށް ރަނގަޅެވެ. އަނެއް ބަޔަކަށް އެ ގޯހެވެ. ގޯހީ މާބޮޑަށެވެ. މިކަން މިހެން އޮތުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ރުކުނަކީ ހެއްޔެވެ؟

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އުފެއްދިފައިވަނީ ބާވީސް ހާސް ވަޒީފާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވެއެވެ. ޕެންޝަން އޮފީހާ ހަވާލާ ދެއްވައެވެ. 

މަބްރޫކް ވިދާޅުވީ ރައީސް ޔާމީން ރައީސް ކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގައި 18 އަހަރާއި 65 އަހަރާދެމެދުގެ މީހުން ތިބި އަދަދަކީ ދެލައްކަ ފަސްހާސް ކަމަށެވެ. އަދި އޭގެތެރެއިން ރައީސް ޔާމީން، ރައީސްކަމަށް ވަޑައިގެންނެވި އިރުވެސް 95 ހާސް މީހުން ތިބީ ވަޒީފާގައި ކަމަށެވެ. 

އެހެންނަމަވެސް ރައީސް ޔާމީން ތަކުރާރު ކޮށް ވިދާޅުވަނީ އެމަނިކުފާނުގެ ފަސްއަހަރުގެ ދައުރުގައި އެއްލައްކަ ހަތަރުހާސް މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ. 

އެކަމާ ގުޅުވައި ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމްގައި މަބްރޫކް ވިދާޅުވީ އެއްލައްކަ ހަތަރުހާސް ވަޒީފާ ދެވިފައިވާ ކަމަށްވާނަމަ ރާއްޖޭގައި މިހާރު ވަޒީފާ އަދާ ނުކުރާ މީހަކު ހުރެގެން ނުވާނެ ކަމަށެވެ. 

މަބަރޫކް އިތުރަށް ވިދާޅުވީ ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރައީސް ޔާމީނުގެ ސަރުކާރުގައި އުފެދިފައިވާ ޖުމްލަ އަދަދަކީ ބާވީސް ހާސްކަމަށެވެ.އަދި އެއީ ޕްރައިވެޓް ސެކްޓާ ވެސް ހިމަނައިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

އަދި ހަމައެއާއެކު ޕެންޝަން އޮފީހާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވީ މިސަރުކާރުގެ ތިން އަހަރުތެރޭ މިހާތަނަށް އެގާރަ ހާސް ވަޒީފާ އުފައްދާފައިވާ ކަމަށެވެ. 

ދެސަރުކާރުގެ ބަސްމަގު ތަފާތީ ހަމައެކަނި މިކަމުގައި އެކަންޏެއް ނޫނެވެ. އިންޑިޔާ މިލިޓަރީ މައްސަލާގައިވެސް ހަމަ އެހާ ތަފާތެވެ. އެއްބަޔަކު ބުނަނީ އެމީހުން މިރާއްޖޭގައި ބޭތިއްބުމަކީ ވަރަށް މުހިއްމު އަދި އެހާ ބޭނުންތެރި ކަމެއް ކަމުގައެވެ. އެކަމަކު އިދިކޮޅު ކޯލިޝަންގެ ވިސްނުން އެއާ މުޅިން ތަފާތެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިޔާ މިލިޓަރީގެ އެއްވެސް މީހަކު މިރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ. އެއެންމެން ޖެހޭނީ ބޭރުވާން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ އެކަމުން ރާއްޖެއަށް އޮތީ އިންތިހާއަށް ގެއްލުން ކަމަށެވެ. 

އެހެންވެ މާލޭގައި ބާއްވަމުން ގެންދިޔަ މުޒާހަރާތަކާއި އެއްވުންތައްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކުރުމަށް މިހާރު އިދިކޮޅުން ވަނީ މަސައްކަތް ފަށާފައެވެ. ރައީސް ޔާމީން އެ ފުރާވަޑައިގަންނަވަނީ އެކަމަށްޓަކައެވެ. ފައްޓަވަނީ ކ އަތޮޅު ގުރައިދޫންނެވެ. އެއަށްފަހު އޮތީ ތުލުސްދޫއެވެ. އެއްއަޑެއް އިއްވުމަށެވެ. "އިންޑިޔާ އައުޓް"ގެ އަޑެވެ. 

އެކަމަކު މިސަރުކާރުގެ ބަސްމަގު ތަފާތެވެ. ބުނަނީ އިންޑިޔާއާއެކު ވެވޭ އެއްބަސްވުން ތަކުން ރާއްޖެއަށް އޮތީ އިންތިހާއަށް މަންފާކަމަށެވެ. ފައިދާ ކަމަށެވެ. 

ކ ގާފަރުގައި އޮތް 41 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަޙައްދު ބޮޑު ޖަޒީރާ ޤައުމެއް ކަމަށާއި، ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި، ކާރޫބާރޫގެ ތެރެއިން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާއި ދިގަށް އެބަ ހިނގާ ކަމަށެވެ. 

އެގޮތުން ބައިނަލްއަޤްވާމީ ބޮޑެތި ޑްރަގް ނެޓްވާކްތަކުން، އަބަދާއި އަބަދު ހަރަކާތްތެރިވަމުން އެބަދާ ކަމަށާއި، ޓެރަރިޒަމާއި އެހެނިހެން ވަގު ވިޔަފާރި އާއި، ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތްތައް ހިންގާ ފަރާތްތައް، މި ސަރަޙައްދުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ ސަރަޙައްދު(ރާއްޖެ) ބެލެހެއްޓުމުގައި، އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ، މި ދެންނެވި މީހުން (ޓެރަރިޒަމާއި ޑްރަގް ނެޓްވޯކްތައް)ރުހޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސަރަޙައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެވަރުގެ މަދަދެއް، ރާއްޖެއަށް ލިބުމަކީ، ކުށްވެރިންނަށް ކެތްވާވަރުގެ ކަމަކަށް ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

އެކަން ފާހަގަ ކުރެއްވުމާއެކު ރައީސް ސޯލިހު ވިދާޅުވީ ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދު، ޑްރަގާއި ޓެރަރިޒަމް ނެޓްވޯކްތަކުގެ ބޭނުންތަކަށް ދުލެއް ނުކުރެވޭނެ ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަކީ، މަސްދޯނި ފަހަރަށްވުރެ ޑްރަގް ބޯޓްފަހަރު ގިނަވާން ދޫކޮށްލުމެއް ނޫން ކަމަށެވެ. އަދި އެކަން ނުކުރައްވާނެ ކަމަށާއި، އެކަން ކުރިޔަ ނުވެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާނައަކީ ރާއްޖޭގެ ސަރަހައްދުތައް ބެލެހެއްޓުމަށް އިންޑިޔާގެ އެހީ ހޯދާނެ ކަމެވެ. އަދި އެއީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމެވެ. ސަރުކާރުގެ ވިސްނުމަކީ އެއީކަމެވެ. 

މިފަދަ އެއްތައް ކަމެއްގައި ސަރުކާރާއި އިދިކޮޅުގެ ވިސްނުން އޮތީ ދެކޮޅަށް ވާންވެފައެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓްތަކުގެ މައްސަލާގައިވެސް ހަމައެގޮތެވެ. އެ ފްލެޓްތަކުގެ އަގުތަކާމެދުވެސް ދެފަރާތުން ދައްކާ ވާހަކަ އެހާތަފާތެވެ. އެއްބަޔަކު ކުޑަ ކުރެވޭނެ ކަމަށް ބުނާއިރު އަނެއްބަޔަކު ބުނަނީ ކުޑަ ނުކުރެވޭނެ ކަމަށެވެ. 

ހަމަ ކޮންމެ ކަމެއްގައިވެސް ވިސްނުން ތަފާތެވެ. ބައެއްފަހަރު ފެންނަން ހާމައަށް ހުންނަ ކަންކަމުގައިވެސް ތަފާތެވެ. 

13%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް